ވޯލްޑް ކަޕްގެ ޓީމު ތަކުގެ ތެރެއިން އައިވަރީކޯސްޓް

އައިވަރީކޯސްޓް
އައިވަރީކޯސްޓް

“ދި އެލިފަންޓްސް” ގެ ނަމުން ނަންދެވިފައިވާ އެފްރިކާގެ ގަދަބާރު އައިވަރީކޯސްޓް، ވޯލްޑްކަޕްގައި ވާދަކުރާ މިއީ 3 ވަނަ ފަހަރެވެ. މީގެ ކުރިން 2006 ވަނައަހަރާއި 2010 ވަނަ އަހަރުގެ މުބާރާތް ކުޅެފައިވާ އައިވަރީކޯސްޓަކީ ފަހަކަށްއައިސް އެފްރިކާގައި އުފެދުނު އެންމެ މޮޅުޓީމް ކަމަށް ގިނަބަޔަކު ސިފަކުރާ ޓީމެކެވެ. ނަމަވެސް ބައިނަލްއަޤްވާމީ ފުޓްބޯޅައިގައި އައިވަރީކޯސްޓަށް މިހާތަނަށް ލިބިފައިވާ ހަމައެކަނި ކާމިޔާބަކީ 1992 ވަނަ އަހަރު ސެނެގަލްގައި ބޭއްވި އެފްރިކަން ކަޕް އޮފް ނޭޝަންސް ފުޓްބޯޅަ މުބާރާތެވެ.

ޔޫރަޕްގެ ކްލަބްތަކުގައި އެޤައުމުގެ ކުޅުންތެރިން މުހިއްމު ރޯލެއް އަދާކުރަމުންގެންދާއިރު، އައިވަރީކޯސްޓްގެ އުއްމީދަކީ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުމެވެ. މިފަހަރު އެޓީމުގެ ވާދަވެރިންނަކީ ކޮލަމްބިއާ، ގްރީސް އަދި ޖަޕާނެވެ. މީގެ ކުރިން ކުޅުން ދެވޯލްޑްކަޕްގައިވެސް ދުނިޔޭގެ ގަދަބާރުން ކަމަށްވާ ބްރެޒިލް، ޕޯޗުގަލް އަދި ނެދަލޭންޑްސް ފަދަ ޓީމްތަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް މިފަހަރު އެޓީމް ލައްވާލީ ފަސޭހަ ގްރޫޕެއްގައި ކަމަށް ބައެއްފަރާތްތަކުން ބުނެއެވެ. އެހެންކަމުން މިފަހަރު އެޤައުމުގެ ރައްޔިތުން ތިބީ ފުރަތަމަ ފަހަރަށް ވޯލްޑްކަޕްގެ ދެވަނަ ބުރަށް ދިއުމުގެ އުއްމީދުގައެވެ.

މި އުއްމީދު ހާސިލްކުރުމަށް އެޓީމް ގޮވައިގެން ކޯޗެއްގެ ގޮތުގައި ހުންނާނީ ފްރާންސަށް އުފަން އުމުރުން 42 އަހަރުގެ ސަބްރި ލަމޯޗީއެވެ. މީގެ ކުރިން ފްރާންސަށް ވެސް ކޯޗުކަން ކޮށްދީފައިވާ ލަމޯޗީ، އައިވަރީ ކޯސްޓްގެ ކޯޗުކަމާއި ހަވާލުވީ 2012 ވަނަ އަހަރުގެ މެއިމަހުއެވެ.

އައިވަރީކޯސްޓް މިފަހަރުގެ މުބާރާތަށް ކޮލިފައިވީ އެސަރަހައްދުން އެޓީމް ހިމެނުނު ގްރޫޕްގައި ކުޅެންޖެހުނު 6 މެޗްގެ ތެރެއިން 4 މެޗް ކާމިޔާބުކޮށް ދެމެޗް އެއްވަރުކޮށްގެންނެވެ. އަދި ޕްލޭއޮފްގައި ސެނެގަލް އާއި ވާދަކޮށް ދެމެޗްގެ އެގްރިގޭޓުން 3-2 ގެ އުނދަގޫ ނަތީޖާއަކުން މޮޅުވެގެންނެވެ.

އުމުރުން 36 އަހަރުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ޑިޑިއޭ ޑްރޮގްބާގެ ކެޕްޓަންކަމުގެ ދަށުން ވޯލްޑްކަޕްގައި ތަމްސީލު ކުރުމަށް ނުކުންނަ ޓީމްގައި އޭނާގެ އިތުރުން މެންޗެސްޓަރ ސިޓީގެ މެދުތެރެ ބަލަހައްޓަމުންދާ ޔާޔާ ޓޯރޭ އާއި ނިއުކާސަލް ޔުނައިޓެޑްގެ ޗެކް ޓިއޯޓޭގެ އިތުރުން ރޯމާގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖާވީނިއޯ ހިމެނެއެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.