ވޯލްޑް ކަޕްގެ ޓީމު ތަކުގެ ތެރެއިން އިންގްލެންޑް

އިންގްލެންޑް ޓީމް
އިންގްލެންޑް ޓީމް

މީޑިޔާގައި މަޝްހޫރު އިންގްލެންޑަކީ ކާމިޔާބީއަށް ފެންބޮވައިގެންފައިވާ ޤައުމެކެވެ. ބޮޑު މުބާރާތްތަކުގައި އެހެން ޤައުމުތަކާއި ރަނގަޅު ވާދައެއް ނުކުރެވޭ އިންގްލެންޑް މިފަހަރުގެ މުބާރާތަށް ކޮލިފައިވީ ޔޫރަޕް ސަރަހައްދުގެ އެޓީމް ހިމެނުނު ގްރޫޕް އެޗްގެ އެއްވަނަ މަޤާމް ހޯދައިގެންނެވެ. “ތްރީ ލަޔަންސް” ގެ ނަމުން މަޝްހޫރުވެފައިވާ އިންގްލެންޑް ވޯލްޑްކަޕްގައި ތަމްސީލުކުރާ މިއީ، 14 ވަނަ ފަހަރެވެ. 1872 ވަނަ އަހަރު ސްކޮޓްލެންޑާއި ދެކޮޅަށް އިންގްލެންޑް ކުޅުނު މެޗަކީ ދުނިޔޭގެ ތާރީޚުގައި ކުޅުން ފުރަތަމަ ބައިނަލްއަޤްވާމީ މެޗެވެ.

ދުނިޔޭގެ އެންމެ ގިނަދުވަސްވީ ފުޓްބޯޅަ ޓީމަށް މިހާތަނަށް ލިބިފައިވާ ހަމައެކަނި ކާމިޔާބަކީ 1966 ވަނަ އަހަރު އަމިއްލަ ޤައުމުގައި ބޭއްވި ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތެވެ. އެމުބާރާތް އިންގްލެންޑް ކާމިޔާބުކުރީ ފައިނަލްގައި ވެސްޓް ޖާމަނީގެ މައްޗަށް 4-2 ގެ ނަތީޖާއަކުން މެޗް ކާމިޔާބު ކޮށްގެންނެވެ.  ވޯލްޑްކަޕްގައި ދެން މިހާތަނަށް އެޓީމަށް އެންމެ ކުރިއަށް ދެވުނީ 1990 ވަނަ އަހަރު އިޓަލީގައި ބޭއްވި މުބާރާތުގައެވެ.  އެފަހަރު އެޓީމަށް ލިބުނީ ހަތަރުވަނައެވެ. ވަރުގަދަ ލީގެއް އޮންނަ އިންގްލެންޑް ބައިނަލްއަޤްވާމީ މުބާރާތްތަކާއި ކުރިމަތިލަނީ މޮޅެތި ކުޅުންތެރިންނާއި އެކުއެވެ. ނަމަވެސް ރަނގަޅު ކާމިޔާބެއް ހޯދިފައިނުވާތީ އެޓިމް ވެފައިވަނީ އެންމެ ގިނަ ފާޑުކިޔުންތައް އަމާޒުވެފައިވާ ޤައުމަށެވެ.

މިފަހަރުގެ މުބާރާތުގައި މީގެ ކުރިން ހަތަރުފަހަރު ވޯލްޑްކަޕް ކާމިޔާބުކޮށްފައި އިޓަލީ އާއި ދެފަހަރު ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ އުރުގުއޭގެ އިތުރުން ކޮސްޓަރިކާއާއި ކުރިމަތިލާން ޖެހޭއިރު ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުމަކީވެސް އެޤައުމަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނެއެވެ. މުބާރާތުގެ އެންމެ ވަރުގަދަ އެއް ގްރޫޕްގައި އިންގްލެންޑް ލައްވާލިއިރު މިފަހަރުގެ މުބާރާތުގައިވެސް ތަޖުރިބާކާރު ކުޅުންތެރިންކަމަށްވާ ފްރޭންކް ލަމްޕާޑާއި، ކެޕްޓަން ސްޓީވެން ޖަރާޑް ފެނުމުގެ ފުރުޞަތު ބޮޑެވެ.

2012 ވަނަ އަހަރުން ފެށިގެން އިނގިރޭސީންގެ ކޯޗުގެ މަޤާމް ފުރަމުން އަންނަ އެޤައުމަށް އުފަން އުމުރުން 66 އަހަރުގެ ރޯއީ ހޮޑްޖްސަން އަކީ ތަޖުރިބާކާރު ކޯޗެކެވެ. އިންގްލެންޑް ޤައުމީ ޓީމާއިއެކު މިހާތަނަށް ހޮޑްޖްސަން ކޮށްފައިވާ ތަޖުރިބާ އަކީ 2012 ވަނަ އަހަރުގެ ޔުރޯ ފުޓްބޯޅަ މުބާރާތެވެ. އެމުބާރާތުން އެޤައުމު ކެޓީ ކުއާޓަރ ފައިނަލްގައި އިޓަލީ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވުމުންނެވެ. ދުނިޔެގޭ ޗެޕްޕިއަންކަން ދެވަނަ ފަހަރު ހޯދުމުގެ އުއްމީދުގައި މިފަހަރުގެ މުބާރާތާއި ކުރިމަތިލާ އިންގްލެންޑަކީ މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމެއް ނޫންކަމަށް ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކުން ބުނެއެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.