ވޯލްޑް ކަޕްގެ ޓީީމު ތަކުގެ ތެރެއިން އިޓަލީ

އިޓަލީ ފުޓްބޯޅަ ޓީމް
އިޓަލީ ފުޓްބޯޅަ ޓީމް

ވޯލްޑްކަޕްގެ ތާރީހުގައި ދެވަނައަށް އެންމެ ކާމިޔާބު ޤައުމު އިޓަލީ ވަނީ ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައެވެ. 1934، 1938، 1982 އަދި 2006 ވަނަ އަހަރު ޗެމްޕިއަންކަން ހޯދާފައިވާއިރު 1970 ވަނަ އަހަރާއި 1994 ވަނަ އަހަރު އެޓީމްވަނީ މުބާރާތުގެ ދެވަނަ ހޯދާފައެވެ. މިހާތަނަށް ބޭއްވި 19 މުބާރާތުގެ ތެރެއިން 17 މުބާރާތުގައި ކުޅެފައިވާ އިޓަލީގެ މިފަހަރުގެ ބައިވެރިވުމަކީ ޖެހިޖެހިގެން ވޯލްޑްކަޕްގައި އެޓީމު ތަމްސީލުކުރާ 14 ވަނަ ފަހަރެވެ.

އެޓީމު ބޭނުންކުރާ މަޝްހޫރު ނޫކުލައިގެ ޖޯޒީއަށް ނިސްބަތްކޮށް “އަޒުއްރީ” ގެ ނަމުން ނަންދީފައިވާ އިޓަލީއަކީ ދުނިޔޭގެ ފުޓްބޯޅައިގެ ވަރުގަދަ ޝަޙްސިއްޔަތެކެވެ. ވޯލްޑްކަޕްގެ ކާމިޔާބީގެ އިތުރުން އެޓީމްވަނީ 1968 ވަނަ އަހަރު އަމިއްލަ ޤައުމުގައި ބޭއްވި ޔޫރޯ ޗެމްޕިއަންޝިޕްވެސް ކާމިޔާބުކޮށްފައެވެ.

މިފަހަރުގެ މުބާރާތަށް އިޓަލީ ކޮލިފައިވީ އެޓީމް ހިމެނުނު ގްރޫޕް ބީގައި ކުޅުނު 10 މެޗްގެ ތެރެއިން 6 މެޗް ކާމިޔާބުކޮށް 4 މެޗް އެއްވަރުކޮށްގެން 22 ޕޮއިންޓާއިއެކު އެގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. ކޮލިފައިންގައި ޖުމްލަ 19 ގޯލް ޖަހާފައިވާއިރު އެޓީމުގެ ކޮޅަށް ވަނީ 9 ގޯލެވެ.

2010 ވަނަ އަހަރު ސައުތް އެފްރިކާގައި ބޭއްވި މުބާރާތުގައި ފަސޭހަ ގްރޫޕެއްގައި ލައްވާލި ނަމަވެސް އެފަހަރުގެ މުބާރާތާއި އެޤައުމު ވަކިވާން ޖެހުނީ އެއްވެސް މެޗަކުން މޮޅުނުވެ ގްރޫޕްގެ ފުލަށް ގޮސްގެންނެވެ. އޭގެ ފަހުން އެޤައުމުގެ ސްކޮޑަށް ބޮޑު ބަދަލުތަކެއް އައިސް 2012 ވަނަ އަހަރު ބޭއްވި ޔޫރޯ ޗެމްޕިއަންޝިޕްގެ ފައިނަލަށް އެޓީމު ވަނީ ދަތުރުކޮށްފައެވެ. ފައިނަލް އެޓީމު ބަލިވީ ޗެމްޕިއަން ސްޕެއިން އަތުންނެވެ. ވޭތުވެދިޔަ ހަތަރު އަހަރުތެރޭ އިޓަލީގެ ޓީމަށް ބޮޑު ބަދަލެއް އައިސްފައިވާއިރު މިފަހަރުގެ މުބާރާތުގައި މީގެ ކުރިން ވޯލްޑްކަޕްގައި ނުފެންނަ ގިނަ ކުޅުންތެރިންތަކެއް އިޓަލީގެ ޓީމުން ފެނުމުގެ ފުރުޞަތު ބޮޑެވެ. ނަމަވެސް ތަޖުރިބާކާރު ކީޕަރ ޖިއަނަލުއިޖީ ބުފޮން އާއި އެންޑްރޭ ޕިރްލޯ އާއި ރިކާޑޯ މޮންޓޮލީވޯ ފަދަ ކުޅުންތެރިނަކީ މިހާރުވެސް އެޓީމުގައި މުހިއްމު ދައުރެއް އަދަކުރަމުންގެންދާ ކުޅުންތެރިންނެވެ.

އެންމެފަހުގެ ވޯލްޑްކަޕްގެ ނާކާމިޔާބިއާއި ގުޅިގެން 2010 ވަނަ އަހަރު އިޓަލީގެ ކޯޗުކަމާއި ހަވާލުވި އެޤައުމަށް އުފަން އުމުރުން 56 އަހަރުގެ ސެސަރ ޕްރަންޑެއްލި އަކީ އެޤައުމު ރަނގަޅު މިސްރާބަކަށް ގެންގޮސްދީފައިވާ ކޯޗެކެވެ. މިގޮތުން އޭނާވަނީ އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް އެޓީމު ގެންގޮސްދިނުމާއި ބަލިނުވެ މިފަހަރުގެ ވޯލްޑްކަޕަށް އެޤައުމު ކޮލިފައިކޮށްދީފައެވެ.

މިފަހަރުވެސް އިޓަލީގެ ކެޕްޓަންކަން ކުރާނީ ތަޖުރިބާކާރު ކީޕަރ ޖިއަނަލުއިޖީ ބުފޮން އެވެ. ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކީޕަރުންގެ ތެރޭގައި ހިމެނޭ ބުފޮންގެ ޓީމު ގްރޫޕް ސްޓޭޖްގައި ކުރިމަތިލާންޖެހޭނީ ކޮސްޓަރިކާ، އުރުގުއޭ އަދި އިންގްލެންޑާއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.