ގޮއިދޫގައި ޕްރީ ސްކޫލެއް އެޅުމުގެ މަސައްކަތް ފަށައިފި

ގޮއިދޫ ސްކޫލްގެ ކްލާސްރޫމްތަކެއް: ގޮއިދޫގެ ޕްރީ ސްކޫލް ކުދިންނަށް މިހާރު ކިޔަވައިދެމުންދަނީ މިސްކޫލްގެ ކްލާސްރޫމެއްގައި

ބ. ގޮއިދޫ އަންހެނުން ކޮމެޓީން އިސްނަގައިގެން އެރަށުގައި އިމާރާތްކުރުމަށް މަސައްކަތް ކުރަމުންދާ ޕްރީސްކޫލް އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
ގޮއިދޫ އޮފީހާއި އެރަށު އަންހެނުން ކޮމެޓީ ގުޅިގެން ދެ ކްލާސްރޫމާ އޮފީސްބައެއް ހިމެނޭގޮތަށް ކުރިޔަށްގެންދާ މިއިމާރާތުގެ ފައުންޑޭޝަންގެ މަސައްކަތް އަމިއްލަ ބަޔަކާ ހަވާލުކޮށްގެން ފެށިފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައިކަމަށް ގޮއިދޫ އޮފީހުން ބުނެ އެވެ. ގޮއިދޫ ކައުންސެލަރ މުހައްމަދު އާމިރު މިއަދު ވިދާޅުވީ މި މަސައްކަތަށް ސަރުކާރުން 289،000 ރުފިޔާ ލިބިފައިވާ ކަމަށާ، އެހެންނަމަވެސް މަސައްކަތް ނިންމުމަށް އިތުރު ފައިސާ އަދި ބޭނުންވާތީ އެކަމަށް މަސައްކަތަކެއް ކުރެވެމުންދާކަމުގައެވެ.
“މުޅިން ނިންމައެއް ނުލެވޭނެ އެފައިސާއަކުން. މިހާރު މަސައްކަތް ކުރަމުން މިދަނީ މިއަތޮޅުގެ ރިސޯޓްތަކާ ވާހަކަދައްކައިގެން އިތުރު ފައިސާ ލިބޭތޯ. މިފިޔަވަހި ނިމިގެން ރޭނުމުގެ ބައި ފެށޭނީ އަންނަމަހު” އާމިރު ވިދާޅުވިއެވެ.
މިއިމާރާތުގެ މަސައްކަތަށް މިދިޔަމަހު ގޮއިދޫގައި ދިރިއުޅޭ ސަރުކާރާ އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންވަނީ ހިލޭސާބަހަށްނުކުމެ، ވެލި ގެނެސް ސިމެންތިގާވެސް އަޅައިދީފައެވެ. އާމިރު ވިދާޅުވީ ޕްރީސްކޫލްގެ ފައުންޑޭޝަނާ ތަބުތަކުގެ މަސައްކަތް މިމަހުގެ ތެރޭގައި ނިމޭވަރުވާނޭކަމަށާ، މިއަހަރުގެ ނިޔަލަށް އިމާރާތުގެ ހުރިހާ މަސައްކަތެއް ނިންމަށް ވިސްނަވާކަމުގައެވެ.
ގޮއިދޫގައި ޕްރީސްކޫލެއް ނެތުމުގެ ސަބަބުން އެއުމުރުގެ ކުދިންނަށް މިހާރު ކިޔަވައިދެމުންދަނީ އެރަށު ސްކޫލްގެ ކްލާސްރޫމެއް ބޭނުންކޮށްގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.