ވޯލްޑް ކަޕްގެ ޓީމުތަކުގެ ތެރެއިން ސައުތު ކޮރެއާ

 ސައުތު ކޮރެއާ ފުޓްބޯޅަ ޓީމް
ސައުތު ކޮރެއާ ފުޓްބޯޅަ ޓީމް

 

ވޯލްޑްކަޕްގައި ވިދުން ފަނޑު އެޝިޔާ ސަރަހައްދަން ނިސްބަތްވާ ސައުތް ކޮރެއާ އަކީ މުބާރާތުގެ ތާރީހުގަވެސް ސެމީފައިނަލްގެ ޖާގައެއް ހޯދި އޭޝިޔާގެ ހަމައެކަނި ޓީމެވެ. 2002 ވަނަ އަހަރު ސައުތް ކޮރެއާއާއި ޖަޕާންގައި ބޭއްވި ވޯލްޑްކަޕްގައި އެޤައުމުވަނީ ދުނިޔޭގެ ޗެމްޕިއަން އިޓަލީ އާއި ސްޕެއިން ފަދަ ޤައުމުތައް ކަޓުވާލުމަށްފަހު ތާރީހުގެ ތެރެއަށް ވަދެފައެވެ. އޭޝިޔާގެ އެންމެ ކާމިޔާބު އެއްޤައުމު ކަމަށްވާ ސައުތް ކޮރެއާ ވޯލްޑްކަޕްގައި ވާދަކުރާ މިއީ ދިހަވަނަ ފަހަރެވެ. މީގެ ކުރިން ކުޅުން ނުވަ ވޯލްޑްކަޕްގެ ތެރެއިން ގްރޫޕް ސްޓޭޖް ފަހަނައަޅައި އެޤައުމަށް ދެވުނީ 2002 ވަނަ އަހަރާއި 2010 ވަނަ އަހަރު އެކަންޏެވެ.

ސައުތް ކޮރެއާ މިފަހަރުގެ މުބާރާތަށް ކޮލިފައިވީ ކޮލިފައިންގެ ރައުންޑް ހަތަރެއްގެ ގްރޫޕް ސްޓޭޖުން އިރާންގެ ފަހަތުން ދެވަނަ ލިބިގެންނެވެ. ތިންވަނައަށް ދިޔަ އުޒްބަކިސްތާނާއި ޕޮއިންޓްގެ ގޮތުން އެއްވަރުވެ އެޤައުމަށް ދެވަނަ ކަށަވަރުވީ ފައިދާ އެއްގޯލް ގިނަވުމުންނެވެ. ކޮލިފައިންގައި އެޤައުމު ކުޅުނު 8 މެޗްގައި ޖުމްލަ 13 ގޯލްވަނީ ޖަހާފައިވާއިރު ބައިކޮޅަށް ވަނީ 7 ގޯލް ވަދެފައެވެ.

ކޮލިފައިންގައި ކުޅުނު މެޗްތަކުގައި ޓީމަށް ގިނަ ބަދަލުތަކެއް ގެނައި ނަމަވެސް 2013 ވަނަ އަހަރުގެ ޖޫންމަހު ސައުތް ކޮރެއާގެ ކޯޗުކަމާއި ހޮންގް ޔުންގްބޯ ހަވާލުވުމަށްފަހު ވަނީ ރަނގަޅު ޓީމެއް އެކުލަވާލާފައެވެ. ކޯޗުގެ ރޭވުންތެރިކަމުގައި މިހާރު އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޖަރުމަނު ބުންޑަސްލީގާގައި ކުޅޭ ދެކުޅުންތެރިންކަމަށްވާ ސަން ހެއުމިން އަދި ކޫ ޖަޒިއޮލްއެވެ. އޭޝިޔާގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ހޮންގް ޔުންގްބޯ އަކީ ވޯލްޑްކަޕްގެ ހަތަރު މުބާރާތުގައި ކުޅެފައިވާ އޭޝިޔާގެ ހަމައެކަނި ކުޅުންތެރިޔާއެވެ. މީގެ އިތުރުން އޭނާ ވަނީ 2002 ވަނަ އަހަރު ބޭއްވި ތާރީހީ ވޯލްޑްކަޕްގައި އެޤައުމުގެ ކެޕްޓަންކަންވެސް ކޮށްފައެވެ. ކޯޗިން ކެރިއާގައި ރަނގަޅު ކާމިޔާބެއް ހޯދުމުގެ އަޒުމުގައި ވޯލްޑްކަޕްގައި އެޤައުމު ނިކުންނާނީ ބެލްޖިއަމް، އަލްޖީރިޔާ އަދި ރަޝިޔާ އާއި ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.