ވޯލްޑް ކަޕްގެ ޓީމުތަކުގެ ތެރެއިން ބެލްޖިއަމް

ބެލްޖިއަމް ފުޓްބޯޅަ ޓީމް
ބެލްޖިއަމް ފުޓްބޯޅަ ޓީމް

ހުނަރުވެރި ކުޅުންތެރިންތަކެއް ހިމެނޭ ބެލްޖިއަމް އަކީ މިފަހަރުގެ މުބާރާތުގައި ދުނިޔޭގޭ ގަދަ ބާރުތައް ޖެހިލުންވާނެ ޓީމެކެވެ. ވޯލްޑްކަޕްގައި 12 ވަނަ ފަހަރު ތަމްސީލުކުރަން ނިކުންނައިރު ބެލްޖިއަމް އަކީ މީގެ ކުރިން ވޯލްޑްކަޕްގެ ކާމިޔާބީއެއް ލިބިފައިވާ ޤައުމެއް ނޫނެވެ. ވޯލްޑްކަޕްގެ ތާރީހުގަވެސް އެޤައުމަށް އެންމެ ކުރިއަށް ދެވުނީ 1986 ވަނަ އަހަރު މެކްސިކޯގައި އޮތް މުބާރާތުގެ ހަތަރުވަނައަށެވެ. އެމުބާރާތުން ބެލްޖިއަމް ކެޓީ ސެމީފައިނަލްގައި އާޖެންޓީނާއާއި ވާދަކޮށް ބަލިވުމުންނެވެ.

ބައިނަލްއަޤްވާމީ ބޮޑު މުބާރާތެއްގައި ވާދަނުކުރާތާ ގިނަ އަހަރުތަކެއް ވެފައިވާއިރު މިފަހަރުގެ މުބާރާތުގައި އެޓީމުގެ ޒުވާން ކުޅުންތެރިންތައް ހުއްޓުވުމަކީ އިދިކޮޅު ޓީމްތައް ޖެހިލުންވާނެ ކަމެއްކަން ކޮލިފައިންގައި އެޓީމު ވަނީ ސާބިތުކޮށްދީފައެވެ. ޔޫރަޕް ސަރަހައްދުން ބެލްޖިއަމް މިފަހަރު ކޮލިފައިވީ އެއްވެސް މެޗަކުން ބަލިނުވެ ކޮރޭޝިޔާ ފަހަތައް ޖައްސާލުމަށްފަހު ގްރޫޕްގެ އެއްވަނަ ހޯދައިގެންނެވެ. ކޮލިފައިންގައި ކުޅުން 10 މެޗްގެ ތެރެއިން އެއްވެސް މެޗަކުން ބަލިވެފައި ނުވާއިރު އެއްވަރުވީ އަމިއްލަ ދަނޑުގައި ކޮރޭޝިޔާ އަދި ވޭލްސް އާއި ބައްދަލުކުރި ދެމެޗުންނެވެ.

ބެލްޖިއަމް ޓީމްގެ ކޯޗަކީ ކުރިން އެޓީމަށް ކުޅުމަށްފަހު ސިޔާސީ ދާއިރާއިގައިވެސް މަސައްކަތްކޮށްފައިވާ މާކް ވިލްމޮޓްސް އެވެ. ކުރިން ބެލްޖިއަމް ޓީމްގެ އެސިސްޓެންޓެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައިވާ އުމުރުން 45 އަހަރުގެ ވިލްމޮޓްސް އެޤައުމުގެ ކޯޗުކަމާއި ހަވާލުވީ 2012 ވަނަ އަހަރުގެ ޖޫންމަހުއެވެ. އިނގެރޭސި ޕްރިމިއަރ ލީގުގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް ޓީމްގައި ހިމެނޭއިރު ވިލްމޮޓްސް އަށް ދިމާވާނެ އެންމެ ބޮޑު ނުތަނަވަސްކަމަކީ އެޤައުމުގެ މުހިއްމު ބައެއް ކުޅުންތެރިންނަށް ކްލަބް ލެވެލްގައި ކުޅުމުގެ ފުރުޞަތު މަދުން ލިބުމެވެ. މިގޮތުން އާސެނަލްއަށް ކުޅޭ ތޯމަސް ވެމާލަން އާއި، ޓޮޓެންހަމްއަށް ކުޅޭ ނަސީ ޗަދްލީ އާއި އަދި މެންޗެސްޓަރ ޔުނިޓެޑަށް ކުޅޭ މައުރަން ފެލައިނީ ފަދަ ކުޅުންތެރިންގެ ފަރާތުން މިދިޔަ ސީޒަންގައި ފެނިގެންދިޔައީ ދަށްކުޅުމެކެވެ.

ބެލްޖިއަމްއާއި އެކު އެގްރޫޕްގައި ދެންހިމެނެނީ އަލްޖީރިޔާ، ރަޝިޔާ އަދި ސައުތް ކޮރެއާއެވެ. ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗްގައި ޖޫން 17 ވަނަ ދުވަހު ބެލްޖިއަމް ނިކުންނާނީ އަލްޖީރިޔާ އާއި ދެކޮޅަށެވެ. މުބާރާތުގައި ޔުރަޕް ތަމްސީލު ކުރާ ބެލްޖިއަމްއަށް ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެވޭނެކަމަށް ފުޓްބޯޅަ ދިރަސާ ކުރާ ގިނަ ބަޔަކު މިހާރުވެސް ދަނީ ބުނަމުންނެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.