ދަނޑު ބޭރުން – ކްރިސްޓިއާނޯ ރޮނާލްޑޯ

ރޮނާލްޑޯ އޭނާގެ އާއިލާއާއެކު
ރޮނާލްޑޯ އޭނާގެ އާއިލާއާއެކު

 

ޕޯޗުގަލްގެ މެޑެއިރާއަށް އުފަން އުމުރުން 29 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އޭނާގެ މަންމަ އާއި ބައްޕައަށް ލިބުނު ހަގު ދަރިފުޅެވެ. ރޮނާލްޑޯގެ ޢާއިލާއިގައި އޭނާއާއި އެކު ޖުމްލަ ހަތަރު ކުދިން ތިބެއެވެ. އެއީ އެއް ބޭބެއާއި ދެ ދައްތައެވެ.

ކްރިސްޓިއާނޯގެ ފަހަތަށް “ރޮނާލްޑޯ” މި ނަން އިތުރުކުރީ ރޮނާލްޑޯގެ ބައްޕަގެ ފޭވަރިޓް އެކްޓަރުގެ ނަމާއި އެއްގޮތް ކުރުމުގެ ގޮތުންނެވެ. ރޮނާލްޑޯގެ ބައްޕަގެ ފޭވަރިޓް އެކްޓަރަކީ އެމެރިކާގެ ރައީސްކަންވެސް ކުރިން ކޮށްފައިވާ ރޮނާލްޑް ރޭގަންއެވެ.

ކްރިސްޓިއަން ދީނަށް އިންތިހާއަށް ލޯބިކުރާ ރޮނާލްޑޯގެ ޢާއިލާއަކީ ބަނޑުހައި ހޫނުކަމުގައި އުޅުނު ފަޤީރު ޢާއިލާއެކެވެ. ރޮނާލްޑޯ ބޮޑުވަމުން އައީ އޭނާގެ ބޭބެ އާއި ދެ ދައްތައާއި އެކު އެއް ކޮޓަރިއެއްގައެވެ. ސްކޫލްގައި ކިޔަވަމުން ދިޔައިރު ރޮނާލްޑޯއަކީ އެހެންކުދިންގެ މެދުގައި މަޤްބޫލު ކުއްޖެކެވެ. ނަމަވެސް ޓީޗަރެއްގެ ގަޔަށް ގޮނޑިއެއް އެއްލާލި މައްސަލައިގައި ރޮނާލްޑޯ ސްކޫލުން ވަކިކުރިއެވެ. ރޮނާލްޑޯ ބުނިގޮތުގައި އެކަން ކުރީ ޓީޗަރު އޭނާއަށް އިހްތިރާމް އަދާނުކުރީމައެވެ.

ރޮނާލްޑޯ އެންމެ ފުރަތަމަ ފުޓްބޯޅަ ކުޅެންފެށީ އުމުރުން 8 އަހަރުގައެވެ. ޕޯޗުގަލްގެ އާދައިގެ ޓީމެއްގައި ކުޅުނުއިރު ރޮނާލްޑޯގެ ބައްޕަ އަކީ އެޓީމްގެ “ކިޓް މެން” އެވެ. އެއަށްފަހު އޭނާ ފުރަތަމަ ފަހަރަށް ޓީމަކަށް ކުޅެން ސޮއި ކުރީ 1995 ވަނަ އަހަރުއެވެ. އެއީ ޕޯޗުގަލްގެ ނޭޝިއަނަލް އަށެވެ. އެއަށްފަހު ދެން އޭނާ ބަދަލުވީ ޕޯޗުގަލްގެ ސްޕޯޓިން ކްލަބަށެވެ. ސްޕޯޓިން ކްލަބްގައި އުޅުނުއިރު އޭނާ ފުޓްބޯޅަ ކުޅުން ހުއްޓާލަށް ޖެހިދާނެފަދަ ޞިއްޙި މައްސަލައެއް ކުރިމަތިވިއެވެ. ހިތުގެ ތެޅުން މާ އަވަސްވުމުން ކުރިމަތިވި އުނދަގޫތަކާއިހެދި ދުވަސްކޮޅަކަށް ފުޓްބޯޅަ ކުޅުމާއި ރޮނާލްޑޯ ދުރުވިއެވެ. އަދި މަންމަގެ އެހީތެރިކަމާއިއެކު ސާޖަރީ ހަދައި ރަނގަޅުވުމުން އަލުން ފުޓްބޯޅަ ކުޅެންފެށިއެވެ.

ރޮނާލްޑޯ އޭނާގެ ލޯބިވެރިޔާ އާއެކު
ރޮނާލްޑޯ އޭނާގެ ލޯބިވެރިޔާ އާއެކު

ރޮނާލްޑޯ މުޅި ދުނިޔެއަށް މަޝްހޫރުވެގެން ދިޔައީ ސްޕޯޓިންގައި ކުޅެމުންދަނިކޮށް އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑުން 18 އަހަރުގައި އޭނާ ގެންދިޔަ ހިސާބުންނެވެ. 2003 ވަނަ އަހަރު މެންޗެސްޓަރ އަށް ބަދަލުވުމުގެ ކުރިން ރޮނާލްޑޯއަށް ވަނީ އާސެނަލްގައި ފަރިތަކުރުމުގެ ފުރުޞަތު އެ ކްލަބުން ދީފައެވެ. ނަމަވެސް ރޮނާލްޑޯގެ ހުނަރު އޭރު އެ ކްލަބަށް ފާހަގައެއް ނުކުރެވުނެވެ. ފުޓްބޯޅައިގައި ރޯނާލްޑޯއަށް ލިބިފައިވާ ހުނަރާއިއެކު އެންމެ އުހަށް އޭނާ އެރީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. އެއަށްފަހު 2009 ވަނަ އަހަރު ރޮނާލްޑޯ ރިއަލް މެޑްރިޑަށް ބަދަލުވީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައެވެ.

ރޮނާލްޑޯ އަށް ލިބިފައިވާ މުއްސަނދިކަމާއި އެކުވެސް އޭނާއަކީ ގިނަ ބަޔަކަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކުޅުންތެރިއެކެވެ. މިގޮތުން 2011 ވަނަ އަހަރު ޔޫރަޕުން އެންމެ ގިނައިން ގޯލްޖަހައިގެން ލިބުނު ރަންބޫޓް 1.5 މިލިއަން ޔޫރޯއަށް ވިއްކާލުމަށްފަހު ލިބުނު ފައިސާ އޭނާ ވަނީ ފަލަސްތީނުގެ ގައްޒާގައި އުޅޭ ސްކޫލް ކުދިންނަށް ހަދިޔާކޮށްފައެވެ. މީގެ އިތުރުން ކެންސަރާއި ހަނގުރާމަކުރި ރޮނާލްޑޯގް މަންމަ ރަނގަޅުކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވި މެޑެއިރާގެ ހޮސްޕިޓަލަށް އޭނާ ވަނީ 2009 ވަނަ އަހަރު އެއްލައްކަ ޕައުންޑް ހަދިޔާކޮށްފައެވެ. މި ފައިސާ ރޮނާލްޑޯ ހަދިޔާ ކުރީ އޭނާގެ އުފަން ރަށުގައި ކެންސަރ ސެންޓަރެއް ޤާއިމްކުރުމަށެވެ. 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީގައި ގެއްލުންވި އިންޑޮނީޝިޔާއަށް ޒިޔާރަތް ކުރުމަށްފަހު އޭނާ ވަނީ އެތަން އާރާސްތުކުރުމަގައިވެސް އެހީތެރިވެދީފައެވެ. އިންޑޮނީޝިޔާއަށް ޒިޔާރަތް ކުރުމަށް ރޮނާލްޑޯ ޝައުގުވެރިވީ އެޤައުމަށް ސުނާމީ އެރިއިރު ޕޯޗުގަލްގެ 7 ނަންބަރ ޖޯޒީއެއް ލައިގެން ހުރި ކުއްޖެއްގެ ވީޑިއޯއެއް ފެނިގެންނެވެ. އެ ވީޑިއޯގައި ފެންނަ ކުއްޖާގެ މުޅި ޢާއިލާ ވަނީ ސުނާމީގައި ދުނިޔެ ދޫކޮށް ގޮސްފައެވެ.

ރޮނާލްޑޯ ފަގީރު ކުއްޖަކަށް އެހީތެރިވެދެނީ
ރޮނާލްޑޯ ފަގީރު ކުއްޖަކަށް އެހީތެރިވެދެނީ

 

ޒިންމާދާރު ބައްޕައެއްގެ މަޤާމް އަދާކުރަމުންދާ ރޮނާލްޑޯއަށް ކުއްޖަކު ލިބުނީ 2010 ވަނަ އަހަރުގެ ޖުލައިމަހުގެ ތިންވަނަ ދުވަހުއެވެ. ނަމަވެސް ކުއްޖާގެ މަންމަގެ ނަން ރޮނާލްޑޯވަނީ ސިއްރުކޮށްފައެވެ. ދަރިފުޅު ބެލުމާއި ހަވާލުވެގެން ތިބެނީ ރޮނާލްޑޯގެ ޢާއިލާއިންނެވެ. މިހާރު ރޮނާލްޑޯގެ ލޯބިވެރިއަކީ ރަޝިޔާގެ މޮޑެލްއެއް ކަމުގައި އިރީނާ ޝައިކް އެވެ. އިރީނާއާއި ރޮނާލްޑޯގެ ގުޅުން ފެށިގެން ދިޔައީ 2010 ވަނަ އަހަރުއެވެ.

ރޮނާލްޑޯ އަށް މިހާތަނަށް ކުރިމަތިވި އެންމެ ހިތާމަވެރި އެއްދުވަހަކީ އޭނާގެ ބައްޕަ ނިޔާވި ދުވަހެވެ. އުމުރުން 52 އަހަރުގައި ރޮނާލްޑޯ ލޯބިވާ ބައްޕަ ދުނިޔެ ދޫކޮށް ދިޔައީ 2005 ވަނަ އަހަރުއެވެ. އެއަށްފަހު ރޮނާލްޑޯއަށް ލިބޭ ކާމިޔާބީތަކުގައި މަންމަ މާރިއާ ޑޮލޮރެސް އަކީ މުހިއްމު ރޯލެއް އަދާކުރާ ފަރާތެކެވެ.

މަޝްހޫރުކަމާއި އެއްވަރަށް އޭނާއަކީ ސަޕޯޓަރުންނާއި ގާތް ގުޅުމެއްވެސް ބާއްވާ ކުޅުންތެރިއެކެވެ. ސޯޝަލް ނެޓްވޯކްތައް މެދުވެރިކޮށް ސަޕޯޓަރުންނަށް އޭނާއާއި ވާހަކަ ދެއްކުމުގެ ފުރުޞަތު ތަނަވަސްކޮށްދެއެވެ. 2012 ވަނަ އަހަރު ފޭސްބުކުން ރޮނާލްޑޯ ފޮލޯ ކުރާމީހުންގެ އަދަދު 50 މިލިއަންއަށް އެރިއެވެ. މީގެ އިތުރުން 2013 ވަނަ އަހަރު ފަހުކޮޅު އޭނާވަނީ އޭނާގެ އުފަން ރަށުގައި ރޮނާލްޑޯގެ ނަމުގައި މިއުޒިއަމެއްވެސް ހުޅުވާފައެވެ. އަދި އެންމެ ފަހުން ހުޅުވި ރޮނާލްޑޯގެ ޚާއްޞަ ވެބްސައިޓް “ވިވާ ރޮނާލްޑޯ” އާއި އެކު އޭނާގެ ސަޕޯޓަރުންނަށް ވަނީ ހިނިތުންވުން ގެނެސްދީފައެވެ.

ފަޤީރު ޢާއިލާއަކަށް އުފަންވި ނަމަވެސް މިހާރު އޭނާއަށް ލިބިފައިވާ މަޝްހޫރުކަމަކީ ފުޓްބޯޅަ ކެރިއާގައި އޭނާ ކުރި ބުރަ މަސައްކަތުގެ ނަތިޖާކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.