ހިތާދޫ ރަށްކުރިއަރުވާ ކޮމެޓީގެ ޖަލްސާތައް އަޑުއަހަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފި

ހިތާދޫ މަގެއްގެމަތީގައި ހުރި ޖޯލިފައްޗެއްގައި އެރަށު އަންހެނުންތަކެއް ހަނޑޫހޮވަނީ: ރަށު އިންތިހާބަކުން ހޮވާ ރަށްކުރިއަރުވާ ކޮމެޓީގެ ޖަލްސާތައް އާންމުކޮށް ހުޅުވާލަން ނިންމީ އާންމުންގެ އެދުމުގެ މަތިންކަމަށް ހިތާދޫ އޮފީހުން ވިދާޅުވޭ

ބ. ހިތާދޫ ރަށްކުރިއަރުވާ ކޮމެޓީގެ ޖަލްސާތައް އަޑުއެހުމަށް ބޭނުންވާ އާންމުންނަށް އެފުރުސަތު ހުޅުވާލައިފި އެވެ.
ހިތާދޫ އޮފީހުން ބުނީ އިއްޔެއިން ފެށިގެން އާންމުންނަށް މިފުރުސަތު ހުޅުވާލީ ރަށުގެ ބައެއް މީހުން މިކަމަށްއެދި ރައްކުރިއަރުވާ ކޮމެޓީއަށް ހުށައެޅުމުން އެކަމާ ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާ ވެސް ހޯދުމަށްފަހު ކަމަށެވެ. ހިތާދޫ ކައުންސެލަރ އާމިރު އަބްދުއްލަތީފް ވިދާޅުވީ މިނިންމުމާއެކު ދެން ކުރިޔަށް ހުރިދުވަސްތަކުގައި ބާއްވަން ހަމަޖެހޭ ކޮންމެ ޖަލްސާއެއްގެ މައުލޫމާތުވެސް އާންމުންނަށް އިއްލާނަކުން އަންގަވާނެކަމަށާ، ބޭނުންވަނީވެސް އާންމުންނަށް ހާމަކަންބޮޑު ގޮތެއްގައި ކޮމެޓީގެ ދައުރު އަންގައިދިނުން ކަމަށެވެ.
“ޒުވާނުންތަކެއް އެދުނީ. އަތޮޅު ކައުންސެލަރު ވިދާޅުވީ ތިޔައީ މައްސަލައެއް އޮތްކަމެއް ނޫނޭ. ފުރުސަތު ދެވޭވަރަކަށް އާންމުންނަށް ފުރުސަތު ދެއްވާށޭ. އެހެންވިމާ އަޅުގަނޑުމެން ޖަލްސާއެއް ބާއްވާކަމަށްވަންޏާ އެދުވަހަކު ރަށުއޮފީހުން އެކަން އިޢްލާންކުރާނެ ލަސްވެގެން ޖަލްސާބޭއްވުމުގެ 3 ގަޑިއިރު ކުރިން” މިދިޔަމަހު ހިތާދޫ ކައުންސެލަރުކަމާ ހަވާލުވެވަޑައިގަތް އެރަށުގެ ޔޫތްވިންގް ޖަމްއިއްޔާގެ ރައީސްކަންވެސް ކުރައްވަމުންގެންދަވާ އާމިރު ވިދާޅުވިއެވެ.
ކައުންސެލަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެފުރަތަމަ އީޓީ އަށް ދެއްވި އިންޓަވިއުގައި ވެސް އާމިރު ވަނީ ރައްޔިތުންނާ ގާތަށް ވެރިކަން ގެންދިއުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ރަށުގެ ކަންކަމުގައި އާންމުންގެ ހިޔާލު ނުހޯއްދަވާ އެންމެފަހުގެ ނިންމުން ނުނިންމަވާނެ ކަމުގައެވެ.
ބ. އަތޮޅުގެ އަތޮޅު ކުރިއަރުވާ ކޮމެޓީގެ ޖަލްސާތައް ވެސް މީގެކުރިން މީޑިއާއަށް ފުރުސަތު ލިބޭގޮތަށް ހުޅުވާލަން ވެސް މިއަތޮޅު އަތޮޅު އޮފީހުން މަސައްކަތްކޮށްފައިވެއެވެ. އެހެންނަމަވެސް މިއަތޮޅުގެ ރަށެއްގެ ރަށްކުރިއަރުވާ ކޮމެޓީގެ އާންމުޖަލްސާތައް އާންމުންނަށް ހުޅުވާލަން ނިންމި މިއީ ފުރަތަމަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.