ހިތާދޫ ސްކޫލުގައި ކިޔަވައިދިނުން ހުއްޓާލައިފި

ހިތާދޫ ސްކޫލް
ހިތާދޫ ސްކޫލް

 

 

ބ. ހިތާދޫން އާމިރު އަބްދުއްލަތީފް

ޕްރީ ސްކޫލުން ފެށިގެން ގްރޭޑް ނުވައަކާ ހަމައަށް ރޯދަ މަހު ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލަން އެޑިއުކޭޝަން މިނިސްޓްރީން އަންގާފައި ވަނިކޮށް، ބ. ހިތާދޫ ސްކޫލުގައި އެ ގްރޭޑްތަކަށް ކިޔަވައިދޭން ފެށުމަށްފަހު އިއްޔެ ހުއްޓާލައިފި އެވެ.

ކިޔަވައި ދިނުން ހުއްޓާލިކަން އެންގުމުގެ ގޮތުން އެ ސްކޫލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެޑިއުކޭޝަން މިނިސްޓްރީން ރަމަޟާން މަހު ކިޔަވައި ދިނުމަށް އަންގަވާފައިވާ ގޮތަށް 07 ޖުލައި 2014 އިން ފެށިގެން އެ ސްކޫލުގެ ގްރޭޑް 1 ން 9 އެއްގެ ދަރިވަރުންނަށް ކިޔެވުން ނޯންނާނެ ކަމަށެވެ.

މިކަމާ ގުޅިގެން ހިތާދޫ ސްކޫލުގެ ދަރިވަރެއްގެ ބެލެނިވެރިއަކު ބުނީ މި ރަމަޟާން މަހު ގެއްލޭ ގަޑިތައް މިއަހަރުގެ ފަހުޓާމް ޗުއްޓީ ތެރޭގައި ނަގައިދެއްވާނެ ކަމަށް އެޑިކޭޝަނުން އަންގާފައިވާ ކަމަށް ސްކޫލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ހިތާދޫ ސްކޫލުގެ އިސްވެރިއަކާ ގުޅޭގޮތް ނުވުމުގެ ސަބަބުން ސްކޫލުގެ ބެހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

އެޑިއުކޭޝަންގެ ޕޮލިސީއާއި ޚިލާފަށް ހިތާދޫ ސްކޫލުގައި ކިޔަވައި ދޭން ފެށީ ކީއްވެ ކަމެއް ނޭނގޭމަށް އެ ސްކޫލުގެ ލީޑިންގ ޓީޗަރު ޤާސިމް އަހުމަދު ކުރިން ވަނީ ވިދާޅުވެފަ އެވެ.

އެޑިއުކޭޝަންގެ މި ޕޮލިސީއާއި ޚިލާފަށް ބައެއް ސްކޫލުތަކުން ކިޔައިދޭން ފެށުމުން، އެ ޕޮލިސީއާއި ޚިލާފަށް ކިޔަވައިދޭނަމަ ކިޔެވުން ހުއްޓުވާނެ ކަމަށާއި އަދި އެ ފަރާތްތަކާމެދު ފިޔަވަޅުވެސް އަޅާނެ ކަަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ސްކޫލްތަކުގެ ކިޔެވުން ރޯދަ މަހު ވަގުތީ ގޮތުން މެދުކަނޑާލަން ނިންމީ ކުޑަ ވަގުތުކޮޅަކަށް ދަރިވަރުން ސްކޫލަށް ފޮނުވައިގެން އެދެވޭ ނަތީޖާ ހާސިލްނުވާނެ ކަމަށް ފެންނާތީ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި ރޯދަ މަހު ޕްރީ ސްކޫލުން ފެށިގެން ގްރޭޑް ނުވައަކާ ހަމައަށް ކިޔެވުން މެދުކަނޑާލި ނަމަވެސް ގްރޭޑް 10-12 ގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދާނެ އެވެ. އެ ބަދަލު ގެނައީ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ބެލެނިވެރިންނާ މަޝްވަރާކުރުމަށް ފަހު ކަމަށް ވެސް އެޑިއުކޭޝަނުން ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.