
މި އަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި ޕެނަލްޓީ ޖެހުމުގެ މުބާރާތެއް އޭދަފުށީގައި ބާއްވަން ކްލަބް ދަ ބިގިނާސް އިން ތައްޔާރުވެއްޖެ އެވެ.
“ސްޕޮޓް ކިކް ޗެލެންޖް” ގެ ނަމުގައި ހަމައެކަނި އޭދަފުއްޓަށް އުފަން ކުޅުންތެރިނަށް ހުޅުވާލައިގެން ޕެނަލްޓީ ޖެހުމުގެ މުބާރާތެއް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ.
ދަ ބިގިނާސް އިން ބުނީ މިފަދަ މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖްތިމާއީ ރޫހާއި ކުޅިވަރުގެ ރޫޙް އާލާކޮށް، އޭދަފުށީ ކުޅުންތެރިންގެ މެދުގައި ޕެނަލްޓީ ޖެހުމުގެ ހުނަރު ކުރިއެރުވުން ކަމަށެވެ.
ޓީބީގެ ރައީސް އަލީ ޝަފީގު ވިދާޅުވީ މުޅިން އަލަށް އެ ކްލަބްގެ ފަރާތުން އިންތިޒާމް ކުރާ މި މުބާރާތަށް ހީނުކުރާހާ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި ކުރިޔަށް ތަނުގައި، އޭދަފުށި އަދި އަތޮޅު ފެންވަރުގައި ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ރާވަމުން ގެންދާ ކަމަށްވެސް އަލީ ޝަފީގު ވިދާޅުވި އެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ޖުލައި 25ގެ ނިޔަލަށް ހުޅުވާލާފައި ވާއިރު، މުބާރާތުގައި ބައިވެރިވެވޭނީ ބައިވެރިވި ވުމުގެ ފީ އާއެކު ފުރަތަމަ ހުށަހަޅާ 33 ޓީމަށެވެ. މުބާރާތުގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި ނަގަނީ 300ރ އެވެ.
ދަ ބިގިނާސް އިން ބުނިގޮތުގައި ޓީމް ލިސްޓް އަދި ފީ ބަލައިގަންނާނީ 25 ޖުލައި 2014 ދުވަހުގެ ރޭ 20:30 ން 22:00 އަށް ދަ ބިގިނާސް އޮފީސް (އުތުރުގެ އާގެ / ބ. އޭދަފުށި) އަށެވެ. އަދި ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ފޯމް ހުށައެޅުމަށް އަންނަ ތަރުތީބުންކަމަށާއި ފުރިހަމަނުކޮށް ހުށައަޅާ ފޯމް ބަލައިނުގަނެވޭނެކަމަށްވެސް ޓީބީ އިން ބުންޏެވެ.