ކެންދޫ އަބޫބަކުރު މުހައްމަދު ނިޔާވެއްޖެ

ބ. އަތޮޅުގައި ފާހަގަކޮށްލެވޭ ޚިދުމަތްތެރިއެއްކަމަށްވާ ބ. ކެންދޫ، ނިވައިދަށުގޭ އަބޫބަކުރު މުހައްމަދު ކުއްލި ގޮތަކަށް ރޭ ނިޔާވެއްޖެ އެވެ.

އާއިލާގެ ފަރާތުން ވާހަކަ ދެއްކި އޭނާގެ ދަރިއެއް ކަމަށްވާ މުހައްމަދު މުރާދު މިއަދު ބުނިގޮތުގައި އަބޫބަކުރު މުހައްމަދު ނިޔާވީ ކުއްލި ގޮތަކަށް ރޭ 7:30 ހާއިރު ކެންދޫގަ އެވެ. ނިޔާވިއިރު އުމުރަކީ 87 އަހަރެވެ.

އަބޫބަކުރު މުހައްމަދު ނިޔާވިއިރު 4 ފިރިހެން ކުދިންނާއި 4 އަންހެން ކުދިން އަދި އަނބިކަނބަލަކު ދުނިޔޭގައި އެބަ ތިއްބެވި އެވެ. މީގެ އިތުރުން ކާފަ/މުނިކާފަ ކިޔާ 58 ކުދިންވެސް އެބަ ތިއްބެވެ.

އަބޫބަކުރު މުހައްމަދަކީ ކެންދޫގެ ރައްޔިތުންނާ ވަރަށް އެކުވެރިކޮށް ދިރުއުޅުއްވި އަދި ރައްޔިތުން ހިއްސާވާ ތަރައްގީގެ މަސައްކަތް ތަކުގައިވެސް ވަރަށް ހީވާގިކޮށް ބައިވެރިވެފައިވާ ބޭފުޅެކެވެ. އަދި އޭނާ އަކީ މުޅި އަތޮޅުގައިވެސް ފާހަގަކޮށްލެވޭ ހިދުމަތްތެރިއެކެވެ.

 އަލްމަރްހޫމް އަބޫބަކުރު މުހައްމަދަކީ ޚާއްސަ މަޖިލީހުގެ މެންބަރުކަމާއި ބ. އަތޮޅު ކޮމެޓީގެ މެންބަރުކަމާއި ތުޅާދޫ އާއި ކެންދޫގެ ނައިބްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ތުޅާދޫ ސްކޫލުގެ މުދައްރިސް ކަމާއި ބަހިއްޔާ ސްކޫލުގެ މުދައްރިސްކަންވެސް ގިނަދުވަސްތަކެއް ވަންދެން އޭނާ ކުރައްވާފައި ވެ އެވެ. އަދި، އަތޮޅު ކޯޓްގެ މެޖިސްޓްރޭޓް ކަމާއި، ކެންދޫ ކޯޓްގެ މެޖިސްޓްރޭޓް ކަމާއި އިސްމެޖިސްޓްރޭޓް ކަންވެސް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އޭނާ ކުރައްވާފައިވެ އެވެ. އޭނާ އަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ދުވަސްވަންދެން ގާޒީކަން ކުރެއްވި ގާޒީވެސް މެ އެވެ.

މަރްޙޫމް އަބޫބަކުރު މުހައްމަދުގެ މައްޗަށް ކަށުނަމާދުކުރުން އޮތީ މިއަދު މެންދުރު ނަމާދަށް ފަހު ކެންދޫގަ އެވެ.

މަރްޙޫމް އަބޫބަކުރު މުހައްމަދުގެ ފުރާނައަށް މާތްﷲ ރަޙުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަމެވެ. އަދި އާއިލާގެ މެމްބަރުންނަށް އީޓީގެ ފަރާތުން، އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ރައްދުކުރަމެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. މުހައްމަދު

    އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން. ބަކުރުބޭއަކީ އަތޮޅަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ވަރަށް ހިތްހެޔޮ. އެންމެންނާވެސް ގުޅޭ ބޭކަލެއް.

    ރައްދު
  2. ޢަބްދުލްމުހައިމިން / އިނގުރައިދޫ

    މަރްޙޫމްގެ ފުރާނައަށް ކީރިތި މޫރިތިﷲ ރަޙުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަމެވެ. އަދި އާއިލާގެ މެމްބަރުންނަށް ކެތްތެރިކަން ދެއްވުން އެދި އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ރައްދުކުރަމެވެ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.