އުރީދޫ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނެ ހިއްސާދާރުން އިއުލާނު ކޮށްފި

އުރީދޫ އިން މި އަހަރު ބާއްވާ އަހަރީ އާންމު ޖަލްސާގައި ބައިވެރި ވެނޭނީ ފެބްރުއަރީ 11 ވަނަ ދުވަހުގެ ކުރިން އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރެޖިސްޓްރީވެފައިވާ މީހުންނަށް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އަހަރީ އާންމު ޖަލްސާގައި ބައިވެރި ވެވޭނީ ފެބްރުއަރީ 11 ދުވަހުގެ ރޭގަނޑު 8:00ގެ ކުރިން އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރެޖިސްޓްރީވާ މީހުންނަށް ކަމަށެވެ.

އިއުލާނު ކޮށްފައިވާ ތާރީހުގެ ކުރިން ހިއްސާދާރުންގެ ގޮތުގައި ރެޖިސްޓްރީ ވެފައިވާ މީހުންނަށް އަމިއްލަ އަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް އާންމު ޖަލްސާގައި ބައިވެރި ވެވޭނެ ކަމަށް ވެސް އުރީދޫ އިން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ އުރީދޫން މިއަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހު އަދި އެ ކުންފުނިން އިއުލާނެއް ނުކުރެ އެވެ. އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ، އަހަރީ އާންމު ޖަލްސާގެ ނޯޓިހާއި އެޖެންޑާ ފެބްރުއަރީ 16 ދުވަސް ނިމުމުގެ ކުރިން އިއުލާނު ކުރާނެ ކަމަށެވެ.

ޖަލްސާގެ ނޯޓިހާއި އެޖެންޑާ އިއުލާނު ކުރާއިރު، އެ ޖަލްސާ ބާއްވާނެ ތާރީހާއި، ގަޑި އާއި ބާއްވާ ތަން އިއުލާނު ކުރާނެ އެވެ. އަދި އިތުރުން އެޖެންޑާ އައިޓަމްތަކާއި، ވޯޓުލުމާ ގުޅޭ މައުލޫމާތުތައް ވެސް އިއުލާނު ކުރާނެ އެވެ.

އުރީދޫ އިން އާންމުންނަށް ހިއްސާ ވިއްކުމަށް ފަހު ފުރަތަމަ އަހަރީ އާންމު ޖަލްސާ ބޭއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު އެވެ. އެ ކުންފުނީގައި އާއްމު ހިއްސާދާރުންގެ ހިމެނެނީ 9.5 ޕަސެންޓް ހިއްސާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.