ބީއެމްއެލްއަށް މިދިޔަ އަހަރު 962 މިލިއަން ރުފިޔާގެ ބޮޑު ފައިދާ އެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު 209 މިލިއަން ރުފިޔާއާ އެކު، އެ ބޭންކުގެ މިދިޔަ އަހަރުގެ ސާފު ފައިދާ 962 މިލިއަން ރުފިޔާ އަށް އަރައިފި އެވެ.

“>

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިއަދު ހާމަކުރި 2019 ވަނަ އަހަރުގެ ފަހު ކުއާޓަރގެ ނަތީޖާ ދައްކާ ގޮތުން ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 209 މިލިއަން ރުފިޔާ ހޯދައި މިދިޔަ އަހަރު ނިންމާލާފައިވަނީ ކާމިޔާބު ކަމާއެކު އެވެ.

އެގޮތުން ހިންގުމުގެ ޚަރަދާއި އިންވެސްޓްމަންޓް އަދި ޕްރޮވިޝަން ޗާރޖު އިތުރުވެފައިވީ ނަމަވެސް ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ވަނީ ރަނގަޅު ފައިދާއެއް ހޯދާފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ. އަދި ބޭންކުގެ އެސެޓް 491 މިލިއަނާ ހަމަޔަށް އިތުރުވެފައިވާއިރު ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީ ގައި ހިފެހެއްޓިފައިވާ ކަމަށް ވެސް ބޭންކުން ބުންޏެވެ.

މިދިޔަ އަހަރުގެ އޮޑިޓް ނުކުރާ މާލީ ހިސާބުތަކަށް ބަލާއިރު ހިންގުމުގެ ފައިދާ ވަނީ 2018 ވަނަ އަހަރާ އަޅާބަލާއިރު %2 އިތުރުވެފައެވެ. ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ވަނީ 962 މިލިއަން ރުފިޔާ ލިބިފައެވެ. ހިންގުމުގެ ޚަރަދާއި ޕްރޮވިޝަން ޗާރޖު އިތުރު ވެފައިވާތީ ކުރިންވެސް ލަފާކުރެވުނު ފަދައިން މިއީ ކުރީ އަހަރާ އަޅާބަލާއިރު ދަށް އަދަދެކެވެ. ބޭންކުން ދޫކޮށްފައިވާ ލޯނުއިތުރުވެ، ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ހޯދުނު ކާމިޔާބާއެކު ބޭންކުގެ ބެލެންސް ޝީޓަށް ވަނީ 3 ބިލިއަން ރުފިޔާގެ ކުރިއެރުމެއްލިބިފައެވެ.    

މިދިޔަ ކުއާޓަރގައި ބީއެމްއެލް އިން ވަނީ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މާލެ އާއި ހުޅުމާލޭގައި ބިޒްނަސް ސެންޓަރ ހުޅުވައިފައެވެ. އަދި ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ފައިސާގެ މުއާމަލާތް ކުރެވޭނެ ހިދުމަތްތައް ވެސް ވަނީ ތައާރަފްކޮށްފައެވެ. އަދި ބޭންކުގެ ހިދުމަތްތައް މުޅި ރާއްޖޭއަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ނ.ވެލިދޫގައި ބްރާންޗެއް ވަނީ ގާއިމްކޮށްފައެވެ.

ބީއެމްއެލް އިން ކުރިޔަށްގެންދާ ‘އަހަރެންގެ ބޭންކު’ ޕްރޮގްރާމްގެ ދަށުން ވަނީ  ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މުޖުތަމައަށް ފައިދާ ކުރަނިވި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ކޮމިއުނިޓީ ފަންޑުގެ ދަށުން ފާއިތުވެދިޔަ ކުއާޓަރގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުއަށް ފައިދާ ކުރަނިވި 10 ޕްރޮޖެކްޓް ހިންގުމަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ 60 ފަރާތްތަކަށް ބީއެމްއެލް އިން ވަނީ މޮޓޮރައިޒްޑް ވީލްޗެއަރ ހަދިޔާކޮށްފައެވެ.

މި ނަތީޖާ އާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މިއަހަރުވެސް އަޅުގަނޑުމެންގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ.

“މިގޮތުން އިތުރުވަމުން އަންނަ ކަސްޓަމަރުންގެ ޑިމާންޑަަށް ބަލައި، ކަސްޓަމަރުންނަށް ފުރިހަމަކަމާއި ފަސޭހަމަކާއެކު ބޭނުންކުރެވޭނެ ހިދުމަތް ދިނުމަށް ޓެކްނޮލޮޖީ އަށް އިންވެސްޓް ކުރެވިގެންދާނެ. މި ކުއާޓަރގައި އިތުރު ސެލްޕް ސަރވިސް ބޭންކިންގ ސެންޓަރުތައް ގާއިމް ކުރެވިގެންދާނެ. އަދި އެކައުންޓް އޯޕަނިންގ ސެންޓަރަކާއި ލޯން ސެންޓަރ އެއްވެސް ހުޅުވިގެންދާނެ. މީގެ އިތުރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދޫކުރާ ލޯނާއި ފައިނޭސިންގ ޕްރޮޓަކްޓްތަކަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ.”

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 51 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.