މާރެސް ޖަމިއްޔާ އާއި ކެންދޫ ޒުވާނުންގެ ދެމެދުގައި އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅެފި

ކެންދޫ ޓީމުގެ ކުޅުންތެރިއަކު ބޯޅަ ހިފައިގެން މާރެސް ގޯލު އޭރިއާ ތެރެއަށް ވަންނަނީ

ބ. މާޅޮހުގައި އުފައްދާފައިވާ އަމިއްލަ ދެ ޖަމިއްޔާގެ ތެރެއިން މާރެސް ޖަމިއްޔާ އާއި ކެންދޫ ޒުވާނުންގެ ޓީމަކާ ދެމެދު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅެފި އެވެ.
ހޮނިހިރު ދުވަހު ހަވީރު ކެންދޫ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު މިމެޗު ހަ ލަނޑު ސުން ލަނޑުން ކާމިޔާބު ކުރީ މާރެސްގެ ޓީމެވެ.
ދެ ޓީމުން ވެސް ވާދަވެރި ކުޅުމެއް ދެއްކި މިމެޗުގައި ކެންދޫ ޓީމަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވީ އެޓީމުގެ ފޯވާޑުންގެ ހުނަރު މަދުވީމަ ކަމުގައި ފާހަގަ ކުރެވުނު ކަމުގައިވިއަސް ހިތްވަރު އެލުވާ ނުލާ ކުޅުމުގެ ނަތީޖާ އަކަށްވީ ފަހު ހާފުގައި ސްކޯ ބޯޑުން ސުން ކަނޑުވާ ލުމެވެ.
މި މެޗަކީ ދެ ރަށުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގުޅުން ބަދަހި ކުރުމުގެ އިތުރުން، މި ދެރަށުގައިވެސް ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން ތިބުމާއި އެކު އެކުޅުންތެރިންގެ ހުނަރު އިތުރު ކުރުމާ އެކު ގިނަ ފުރުސަތު ތަކެއް ހޯދައިދިނުން ކަމުގައި މިމެޗު އިންތިޒާމު ކުރުމުގައި އިސްކޮށް ޙަރަކާތްތެރިވި މާރެސް ޖަމިއްޔާގެ ކުޅިވަރު ކޮމެޓީގެ މެމްބަރ ޢަލީ ޝަރީފު އީޓީއަށް ކިޔައިދިނެވެ.
“މި ދެރަށަކީ ޒަމާންވީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެރަށް. ޚާއްސަކޮށް ކުޅިވަރުގެ މައިދާނުގައި. ދެން އަނެއްކާ ދެރަށުގައިވެސް އެބަތިބި ޚާއްސަކޮށް ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން. އެމީހުންގެ ހުނަރު އިތުރު ކުރެވޭނީ މިގޮތަށް ގިނަ މެޗުތަކެއް ކުޅެވިގެން ކަމުގައި ފެންނާތީ ކުޅެވޭ ސިލްސިލާ މެޗުތަކެއް މީ” ޢަލީ ޝަރީފު ކިޔައިދިނެވެ.
ކެންދޫ ޓީމުގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލަކު ބުނީ “މިކަހަލަ ގިނަ މެޗުތަކެއް ރޭވި ކުޅެވިގެން ނޫނީ ކުޅުންތެރިންގެ ހުނަރު އިތުރު ނުވާނެ” ކަމަށާއި ” މި މެޗުގެ ސަބަބުންވެސް ވަރަށް ގިނަ ތަޖުރިބާ ލިބިިއްޖެ” ކަމުގައެވެ.
“މި މެޗުންވެސް އަހަރުމެންނަށް ލިބިއްޖެ ވަރަށް ގިނަ ތަޖުރިބާ. ޓީމުގެ ބަލީ ކޮން ޑިޕާޓްމެންޓެއްކަން ފާހަގަ ކުރެވުނު. ކުރިއަށް އޮތް ތަނުގައި މިކަހަލަ ގިނަ މެޗުތައް ރޭވިގެން ދާނެ އިރާދަ ކުރެއްވިއްޔާ” ކެންދޫ ޓީމުގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލު ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.