މާޅޮހުގައި ގާއިމްކުރި “އީކޯ- ސެންޓްރޯ” ހުޅުވައިފި

ކުނި އެންދުން ހުއްޓާލައި ކުނިން ނަފާ ހޯދުމަށް ބ. މާޅޮހުގައި ގާއިމްކުރި “އީކޯ- ސެންޓްރޯ” މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގައި މިފަދަ ސެންޓްރޯއެއް ގާއިމްކުރި ފުރަތަމަ ފަހަރެވެ.

ސޮނޭވާފުއްޓާއި އިނގިރޭސިވިލާތުގެ ޖަމިއްޔާއެއް ކަމަށް ވާ ކޮމަން ސީސްއިން ކުރިއަށް ގެންދާ “ނަމޫނާ ބ. އަތޮޅު” މަޝްރޫއުގެ ދަށުން މާޅޮހުގައި ގާއިމްކުރި ސެންޓްރޯ ހުޅުވައިދެއްވީ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

މި ހަފްލާގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ސޮނޭވާ ފުށީގެ ވެރިޔާ ސޯނޫ ޝިވްދަސާނީ އާއި މާޅޮހުގެ ވެރިންގެ އިތުރުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް ބައިވެރިވި އެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ ރަށްތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މުސީބާތަކީ ކުނިން އަރައި ނުގެނެވުން ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މާޅޮހަށް މިކަން ކާމިޔާބު ކުރެވުނީ އެ ވިސްނުން ގެންގުޅޭ ކައުންސިލެއް ލިބި އެކަމަށް އެހީތެރިވާނެ ވިޔަފާރި ވެރިއެއް ވެސް ލިބުމުން ކަމަށެވެ. އަދި ރާއްޖޭގެ އެހެން ރަށްތަކަށް ވެސް އެ ފުރުސަތު އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ސޯނޫ ވިދާޅުވީ ކުނި މެނޭޖްކުރުމުގައި މާޅޮހުން ވަނީ ނަމޫނާ ދައްކާފައި ކަމަށެވެ. ނަމޫނާ ބ. އަތޮޅު މަޝްރޫގެ ދަށުން މި ރަށުގައި ގާއިމްކުރި ފެންޕްލާންޓާ އެކު މިރަށުގައި ޕްލާސްޓިކް ފުޅި ބޭނުންކުރުން ބޮޑު ތަނުން މަދު ކުރެވިއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.ސޯނޫ ވިދާޅުވި ގޮތުގައި މާޅޮހަކީ ކުނި އެންދުން ހުއްޓާލި ރާއްޖޭގެ ފުރަތަމަ ރަށެވެ. އޭގެ ސަބަބުން ސާފު ވައި ލިބި ތިމާވެއްޓަށް ހެޔޮ ބަދަލުތަކެއް ގެނެވިއްޖެ ކަމަށް ކަމަށެވެ. އަދި މި ޕްރޮޖެކްޓް މެދު ކެނޑުމެއްނެތި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ. އެގޮތުން ދަރަވަންދު އާއި ކިހާދޫގައި ވެސް އެ ވަސީލަތްތައް ގާއިމްކުރާނެ ކަމަށް ވިދާޅުވި އެވެ.

މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވީ މި ރަށުގައި ކުނި ނައްތާލުމުގެ ރަނގަޅު ނިޒާމެއް މިއަދު ގާއިމްކުރެވުނީ މީގެ ފަސް އަހަރު ކުރިން ރަށު ކައުންސިލްގެ މެމްބަރުން ކުރި މަސައްކަތުން ކަމަށެވެ. އޭރު ކައުންސިލަރުން ނުކުމެ އެކަން ކުރީ އަމިއްލައަށް ޑަސްބިން ދަމާ ހަދައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.