ރައްޔިތުންގެ ބައްދަލުވުން ހޫނުވެ ދެކައުންސިލަރަކާ، ޒުވާނުން ޖަލްސާ ދޫކޮށް ނުކުމެއްޖެ

ފުޓްސަލް ދަނޑާބެހޭގޮތުން މަޝްވަރާ ކުރުމަށް މާޗުމަހު އޭދަފުށީ ކައުންސިލުން ޒުވާނުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

އޭދަފުށީ ކައުންސިލުން މިރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ރޭ ބަހިއްޔާ ޕްރީ ސްކޫލްގައި ކުރިޔަށްގެންދިޔަ ޖަލްސާ ހޫނުވެ ދެކައުންސިލަރުންނާއި ޖަލްސާގައި ބައިވެރިވި ބައެއް ޒުވާނުން ޖަލްސާ ދޫކޮށް ނުކުމެއްޖެ އެވެ.

ގާތްގަނޑަކަށް 50 ހެއްހާ މީހުން ބައިވެރިވި މިޖަލްސާ ދޫކޮށް ޒުވާނުންނާ، ކައުންސިލަރުންތައް ނުކުމެގެންދިޔައީ، އަމިއްލަ ފަރާތަކުން އޭދަފުށީގެ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމަށް ހުށައެޅި ހުށައެޅުމަކާމެދު ކައުންސިލްގެ ރައީސް އަލީ ވަހީދާ ޒުވާނުންނާމެދު ކުރެވުނު ހޫނު މަޝްވަރާތަކަށްފަހު އެވެ.

ކައުންސިލަރުންގެ ތެރެއިން ޖަލްސާ ދޫކުރައްވާ ވަޑައިގަތީ ނައިބްރައީސް މުހައްމަދު ރިޒާއާ، މެމްބަރ އަބްދުލްވާހިދު ހުސައިންއެވެ.

އޭދަފުށީ އިރުމަތީ ސަރަހައްދު ފުޓްބޯޅަކުޅޭބިމުގައި ޓާފް ދަނޑެއް އެޅުމަށް ޝައުގުވެރިވެ އަމިއްލަ ފަރާތަކުން ހުށައެޅި މައްސަލާގައި ކުރެވުނު ބަހުސް ހޫނުވީ ޒުވާނުން މިކަމަށް ތާއީދުކޮށް ވާހަކަ ދައްކަމުންދަނިކޮށް، މިކަމާމެދު ކައުންސިލްގެ ރައީސް ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ޓާފްދަނޑު ތަރައްޤީކުރާ ބަޔަކަށް މިރަށުން ވިޔަފާރިއުސޫލުން ބޭނުންކުރުމަށް ކުލި ދައްކާގޮތަށް ބިމެއް ދިނުމަށް އެދޭ ކަމަށާ، އެބިން ދިނުމަކީ މިވަގުތު ކުރެވޭނެ ކަމެއް ނޫންކަމަށާ އަދި އެއީ އެންމެ ހަމަޖެހޭ ގޮތް ނޫންކަމަށެވެ.

މިކަމާމެދު ޒުވާނުންގެ ފަރާތުން އެންމެ ޖޯޝްގައި ވާހަކަދެއްކި އޭދަފުށީގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ޒާހިދު (ބައްޓޭ) ބުނީ ބިންދެވޭނެ ސަރަހައްދު އެބައޮތްކަމަށާ، މިކަމާމެދު ދައްކަންޖެހޭ އިތުރު ބަހަނާއެއް ނެތްކަމަށެވެ. މީގެ އިތުރުން ވާހަކަ ދެއްކި ބައެއް ޒުވާނުން ބުނީ މިއީ ޒުވާނުން ވަރަށްބޮޑަށްއެދޭ ކަމެއްކަމަށާއި ޒުވާނުންގެ ފުރިހަމަ ތާއީދު މިކަމަށްއޮތް ކަމަށެވެ.

ކައުންސިލް ނާއިބްރައީސް ރިޒާ އަދި މެމްބަރ ވާހިދު ޖަލްސާ ދޫކުރައްވާ ވަޑައިގަތީ ކީއްވެގެންކަމެއް ނޭގެއެވެ. ނަމަވެސް އީޓީން މިއަދު ގުޅާލުމުން ނައިބްރައީސް ރިޒާވަނީ މިމައްސަލާގައި ރައީސް އަލީ ވަހީދަށް ވަނީ ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ޖަލްސާ ދޫކުރެއްވީ ރައީސް ކަނޑައެޅިގެން ޒުވާނުންގެ ތަރައްޤީއަށް ދެކޮޅު ހައްދަވަން ފެއްޓެވުމުން ކަމަށެވެ.

“ރައީސަކީ ޒުވާނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ މީހެއްނޫން. އެކަން ރޭގެ ބައްދަލުވުމުގައި ސީދާ ފާޅުވެގެންދިޔައީ. މީގަބޫލުކުރެވޭނެކަމެއްނޫން. ޒުވާނުންގެ އެތައްކަމެއް ރައީސާހެދި އެބަމަޑުޖެހޭ” ދާދިފަހުން ޕީޕީއެމް އަށް ސޮއިކުރެއްވި ރިޒާ ވިދާޅުވިއެވެ.

ޖަލްސާގައި ކައުންސިލްގެ އަނެއް ދެމެމްބަރު ކަމުގައިވާ މުހައްމަދު ޝަކީލާ، ޔަހްޔާ ބައިވެރިވިއެވެ. އެހެންނަމަވެސް މިކަމާމެދު އެއްވެސް ވާހަކައެއް އެދެބޭފުޅުން ނުދައްކަވައެވެ.

ފީފާގެ ގޯލް ޕްރޮޖެކްޓްގެ ދަށުން އޭދަފުށީގައި ފުޓްސަލްދަނޑެއް އަޅާނެ ބިމަކާމެދު ގޮތެއް ނިންމުމަށް މިދިޔަ އަހަރު ކައުންސިލުން ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުންވެސް ކޮޅެއްގައި ނުޖެހި އުޅެނިކޮށް ގިނަބަޔަކު ޖަލްސާ ދޫކޮށް ގޮސްފައިވެ އެވެ.

ޒުވާނުން ނުކުތުމުން ރޭގެ ޖަލްސާ އަނެއްކާވެސް ކުރިޔަށްގެންދިޔައެވެ. ދަނޑުގެ މައްސަލައަށް އެއްވެސް ގޮތެއް ނުނިމުނެވެ. ދަނޑުގެ މައްސަލައިގެ އިތުރުން ކައުންސިލުން ރޭ ރައްޔިތުންނާ ހިއްސާކުރީ މިދިޔަ ރޯދަމަހަށް އޭދަފުށީ ހުކުރު މިސްކިތް މަރާމާތު ކުރުމަށް ދިޔަ ޚަރަދު ތަފްސީލާއި ވިލާ ކޮލެޖުން އޭދަފުށީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ކެމްޕަހާ ބެހޭގޮތުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. aishath

    މީގެ އިތުރުން ވިލާ ކޮލެޖްގެ ތަފްސީލް ހަބަރު ގެނެސްދިނުން ވަރަށް ބޮޑަށް އެދެން. މީ ރައްޔިތުންގެ ތާއީދު ކިހާވަރަކަށް އޮވެގެން ނިންމާ ނިންމުމެންތޯ ބަލާލަން ބޭނުން. މިހެން މިދަންނަވަނީ ވިލާ ކޮލެޖަށް ބިމެއްދީފަ އަދި ބަހިންޔާ ހޯލް ކުދިންނަށް ބޭނުން ނުކުރެވޭ ގޮތަށް ވިލާ ކޯސްތައް ހިންގަން ދިނުމަކީ އެހާ ތާއީދު ކުރެވޭ ކަމެއް ނޫން. އަދި ވިލާޔަށް މިލިބުނީ އޯޕަން ބިޑެންގަ ވާދަ ކޮށްގެންތޯ އެގުމަކީ މުހިންމު ކަމެއް ކަމުގައި ދެކެން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.