ދިރާގު އެޕެރެންޓިސްޝިޕް ޕްރޮގްރާމް 2014

l_209960

ދިރާގު އަދި އިޖްތިމާޢީ ޒިންމާ

މުޖުތަމައުއަށާއި ތިމާވެއްޓަށް ކޮށްފާނެ އަސަރުތަކުގެ މައްޗަށް ރިޔާއަތްކޮށް، ކުންފުނީގެ ވިޔަފާރިއާއި ގުޅުންހުރި ނިންމުންތައް ނިންމުމަކީ ދިރާގުގެ އިޖްތިމާޢީ ޒިންމާގެ މައިގަނޑުއެއް އަސާސެވެ. މި މޭރުމުން ޒިންމާދާރު ކަމާއިއެކު އިޖްތިމާޢީ ޒިންމާގެ ހަރަކާތްތަކުގައި ބައިވެރިވެ، އެ މަޝްރޫޢުތަކާއި ހަރަކާތްތަކުގެ އަހުލުވެރިންނާއި މުޖުތަމައުއަށް، ދެމެހެއްޓެނިވި ގޮތެއްގައި ފައިދާ ލިބިގެންދާނެ އުސޫލުތަކަށް ދިރާގުން ކުންފުނީގެ އިޖްތިމާޢީ ޒިންމާ އަދާކުރުމަށް އިސްނަގަ އެވެ.

މިގޮތުން ތަޢުލީމާއި، ކުޅިވަރާއި، ޒުވާނުންގެ ކުރިއެރުމާއި، ކުޑަކުދިންނާއި، ތިމާވެށި އަދި ސިއްޚީ ދާއިރާއަށް ޙިއްސާކޮށް، މުޖުތަމައުއަށް ފައިދާހުރި ގިނަ މަސައްކަތްތަކެއް ދިރާގުން ކޮންމެ އަހަރަކުވެސް ކުރަމުންދެ އެވެ. ފާއިތުވި އަހަރު ހިންގުނު މިފަދަ ހާއްސަ ކަންކަމުގެ ތެރޭގައި؛

ދިރާގު އެޕެރެންޓިސްޝިޕް ޕްރޮގްރާމް

2009 ވަނަ އަހަރު އިފްތިތާހުވެގެން ދިޔަ މިޕްރޮގްރާމުގައި މިހާތަނަސް 98 ކުދިން ވަނީ ބައިވެރިވެފައެވެ. އަދި މީގެ ތެރެއިން ގިނަ ޒުވާނުންތަކެއް މިހާރު ދަނީ ތަފާތު ކުންފުނިތަކުގައި ޒިންމާދާރު ވަޒީފާ ތަކުގައި މަސައްކަތް ކުރަމުންނެވެ. ކޮންމެ އެޕްރެންޓިސް އަކުވެސް މި ޕްރޮގްރާމްގައި މަސައްކަތް ކުރާނީ އެއް އަހަރު ދުވަހުހެ މުއްދަތެއްގަ އެވެ. އަދި ދެވަނައަހަރަކަށް އިތުރު ކުރުމުގެ ފުރުސަތުވެސް އޮވެއެވެ. ޕްރޮގްރާމު ނިމުމުން ޕްރޮގްރާމު ނިންމިކަމުގެ ސަޓިފިކެޓް ލިބެ އެވެ.

ދިރާގު އެސިސްޓަންޓް މެނޭޖަރު ޕަބްލިކްރިލޭޝަންސް އިމްޖާދް ޖަލީލު ވިދާޅުވީ މަސައްކަތުގެ މާހައުލަށް ޒުވާނުން ތަމްރީން ކުރުމަށް ކޮންމެ އަހަރަކުވެސް ދިރާގުން ހިންގަމުންދާ ދިރާގު އެޕެރެންޓިސްޝިޕް ޕްރޮގްރާމަކީ ދިރާގުގައި އިނާޔަތްތަކާއިއެކު މަސައްކަތްކޮށް މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާ ހާއްސަ ޕްރޮގްރާމެކެވެ.

“އަމިއްލަ ނަފްސަށް ކުރާ އިތުބާރާއި މަސައްކަތުގެ ދާއިރާގައި ކެރިގެން ކުރިއަށް ދިއުމުގެ ޤާބިލްކަން ހޯދައިދީ، މަސައްކަތުގެ މާހައުލުގައި ޓީމު މެމްބަރެއްގެ ގޮތުގައި މަސައްކަތްކުރަން މިޕްރޮގްރާމުގެ ތެރޭގައި ދަސްކޮށްދެވޭނެ. 2014ވަނަ އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން 12 ކުއްޖަކަށް ދިރާގުގެ ތަފާތު ޑިޕާޓްމަންޓު ތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލައިފައިވާނެ. އަދި ފުރަތަމަ އަހަރު ފުރިހަމަ ކުރުމަށްފަހު ދެވަނަ އަހަރަކަށް 17 ކުއްޖަކު ވަނީ މުއްދަތު އިތުރުކޮށްފަ. މީގެ ތެރޭގައި ލާމު އޮޕަރޭޝަން ސެންޓަރުންނާއި، ސީނު އޮޕަރޭޝަން ސެންޓަރުންނާއި، ތިނަދޫ އޮޕަރޭޝަން ސެންޓަރާއި، ފުވައްމުލަށް އޮޕަރޭޝަން ސެންޓަރާއި، އޭދަފުށީ އޮޕަރޭޝަން ސެންޓަރާއި، އަދި މެއިންޓަރުން ވެސް ކުދިންނަށް އަމިއްލަ ރަށުގައި ތިބެ މިޕްރޮގްރާމުގެ ދަށުން މަސައްކަތް ކުރުމުގެ ފުރުސަތު ވާނީ ހުޅުވާލާފަ” އިކްޖާދު ވިދާޅުވި އެވެ.

އެޕްރެންޓިސް އެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފައިދާ

ރަގަޅަށް އިންތިޒާމް ކުރެވިފައިވާ މާހައުލެއްގައި ރަސްމީކޮށް ތަމްރީނު ލިބުމާއި ވަޒީފާގެ ދާއިރާއިން ކުރިއެރުން ހޯއްދުމުގެ ފުރުޞަތު އިތުރުވުން

އިރުޝާދު ލިބިގަތުމުގެ ވަޞީލަތްތަކަށް މަގުފަހިވެފައިވުން

ތަޖުރިބާކާރު ފަންނީ ބޭފުޅުންގެ އިރުޝާދާއި އެހީތެރިކަން ލިބުން

މަސައްކަތް ދަސްކުރާ އިރު އާމްދަނީވެސް ލިބުން

ޕްރޮގްރާމް ނިންމުމުން ސަޓިފިކެޓް ލިބުން

މަސައްކަތުގެ ދާއިރާއެއް އެކަށައެޅުމާއި ކުރިއެރުން ހޯދުމުގެ ފުރުޞަތު ލިބުން

ޕްރޮގްރާމުން ލިބޭ ފައިދާ އިތުރުކުރުމުގެ ގޮތުން، ކާމިޔާބުކަމާއެކު މި ޕްރޮގްރާމް ނިންމާ ބައެއް ފަރާތްތަކަށް އިތުރު އެއް އަހަރު އެޕްރެންޓިސް އެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުޞަތު ދިރާގުން ހުށައަޅަ އެވެ. އަދި ޕްރޮގްރާމު ނިންމާ ފަރާތްތަކުގެ ތެރެއިން ފާހަގަކުރެވޭ ވަރުގެ ކާމިޔާބީއެއް ހޯދާ ފަރާތްތަކަށް ދިރާގުގެ ދާއިމީ ވަޒީފާއެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ވެސް ލިބުމަކީ އެކަށީގެންވާ ކަމެކެވެ.

ޕްރޮގްރާމް ނިންމާ ފަރާތްތަކަށް ލިބޭ ހުނަރުތަކުގެ ތެރޭގައި، މަސައްކަތުގެ ކަންކަން ރޭވުމާއި އިންތިޒާމް ކުރުން، މައްސަލަ ޙައްލުކުރުން، ކަންކަމުގައި ގޮތްނިންމުން، ކަސްޓަމަރުންނަށް ޚިދުމަތް ދިނުން، ވަޒީފާގެ މާހައުލުގެ ރައްކާތެރިކަމާއި ސަލާމަތްކަން ފަދަ ދާއިރާތައް ހިމެނިފައިވާނެ އެވެ.

އަދި މިޕްރޮގްރާމަށް ފަހު ވަޒީފާ ހޯދުމުގެ ފުރުޞަތު އިތުރުކޮށްދިނުމުގެ ގޮތުން، ވަޒީފާގެ ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ހޯދާނޭ ގޮތާއި ރަގަޅު ސީވީ އެއް ތައްޔާރުކޮށް، އިންޓަވިއުއަށް ތައްޔާރުވުމަށް ބޭނުންވާ ހުނަރުތައް ޕްރޮގްރާމުގެ ބައެއްގެ ގޮތުގައި އުގަންނައިދެ އެވެ.

ޕްރޮގްރާމް ރޭވިފައިވާ ގޮތް

މަސައްކަތަށް ޚާއްޞަ ކުރެވިގެން ބައްޓަންކުރެވިފައިވާ ތަމްރީނު/ މަސައްކަތާ ގުޅޭ އިރުޝާދު

ޚިޔާރުކޮށްފައިވާ ދާއިރާއިން މަޢުލޫމާތު މުއްސަދި ކުރުމަށް އެކި ވަސީލަތްތައް ބޭނުންކުރުމަށް މަގުފަހިވާނެ އެވެ. މީގެތެރޭގައި މަސައްކަތް ކުރުމުގެ ޤާބިލްކަން އިތުރުކުރުމަށް ބޭއްވޭ ތަމްރީނުތަކާއި ވަރކްޝޮޕްތައް އަދި ކޯސްތައް ހިމެނެއެވެ.

މަސައްކަތުގައި އުޅެމުން ދަސްކުރުން
އެހެން މީހުންނާއެކު މަސައްކަތްކުރުމާއި ކަސްޓަމަރ ސާވިސް، މަސައްކަތް ރޭވުން، މަސައްކަތުގެ ވަގުތު އެންމެ އުފެއްދުންތެރިކޮށް ބޭނުންކުރުން ފަދަ ހުނަރުތަކަކީ ތަޖުރިބާ ލިބިފައިވާ ހުނަރުވެރި ފަންނީ މީހުންގެ އިރުޝާދާއި އެހީތެރިކަމާއެކު ދަސްކޮށްދޭ ހުނަރުތަކެކެވެ. އަދި މިއީ ސީދާ މަސައްކަތުގެ މާހައުލުގައި ދަސްކޮށްދެވޭ ކަންކަމެވެ.

މެންޓަރިންގް
އެޕްރެންޓިސްއެއްގެ ގޮތުގައި ދިރާގުގައި މަސައްކަތްކުރާ ދުވަސްތަކުގައި ކޮންމެ އެޕްރެންޓިސްއެއްގެ ކަންކަން ބަލަހައްޓާ، މަސައްކަތާއި ތަމްރީންގެ ދާއިރާގައި އެޕްރެންޓިސްއާއެކު ގާތްގުޅުމެއް ބޭއްވުމަށް ތަޖުރިބާ ހުރި ވަކި ޚާއްޞަ މުވައްޒަފެއް ކަނޑައެޅިފައި ހުންނާނެއެވެ. މިއީ އެޕްރެންޓިސްގެ މަސައްކަތް ސުޕަވައިސް ކުރަން ކަނޑައެޅޭ މީހެއް ނޫނެވެ. މިއީ އެޕްރެންޓިސްއަށް އިރުޝާދުދީ ކާމިޔާބުކަމާއެކު ޕްރޮގްރާމް ނިންމުމަށް އެހީތެރިވެދޭ މީހެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.