ރިވެޓްމަންޓްގެ މަސައްކަތް ކުރިޔަށްނުދާ މައްސަލަ ރައީސްގެ ސަމާލުކަމަށް

ރިވެޓްމަންޓް ޖެހުމަށް އޭދަފުއްޓަށް ކުރިން ގެނައި ހިލަތައް ބާޖުން ބޭލުމުގެ މަސައްކަތް ކުރަނީ. ރިވެޓްމަންޓްގެ އަމަލީ މަސައްކަތް އަދިވެސްވަނީ ނުފެށި-  ފޮޓޯ / ނަވާލް
ރިވެޓްމަންޓް ޖެހުމަށް އޭދަފުއްޓަށް ކުރިން ގެނައި ހިލަތައް ބާޖުން ބޭލުމުގެ މަސައްކަތް ކުރަނީ. ރިވެޓްމަންޓްގެ އަމަލީ މަސައްކަތް އަދިވެސްވަނީ ނުފެށި- ފޮޓޯ / ނަވާލް

 

އޭދަފުށިން ބިންހިއްކި ސަރަހައްދު ވަށައިގެން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރިޔަށްނުދާ މައްސަލަ ހައްލުކޮށްދެއްވުމަށް، ރައީސް އަބްދުﷲ ޔާމީނުގެ ސަމާލުކަމަށް ގެންނަވައިފި އެވެ.

މި މައްސަލަ ރައީސްގެ ސަމާލުކަމަށް ގެންނެވީ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) މިދިޔަ ހަފްތާ ރައީސް އޮފީހަށް ވަޑައިގެން ރައީސް ޔާމީންއާ ބައްދަލުކުރެއްވުމަށްފަހު އެވެ.

އެ ބައްދަލުކުރެއްވުމުގައި އޭދަފުށީ ހިއްކި ސަރަހައްދު ވަށައިގެން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރިޔަށް ނުގޮސް ލަސްވަމުންދާދިއުން ހައްލުކޮށްދެއްވައި އެ މަސައްކަތް ވީހާ އަވަހަކަށް ފެށުމަށް ވަރަށް އަވަހަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާނެކަމަށް ރައީސް ވިދާޅުވި ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި ރިވެޓްމަންޓްގެ މައްސަލަ ދިގުލައިގެން ދިޔައީ ދިމާވި އިދާރީ މައްސަލައަކުން ކަމަށް ރައީސް ވިދާޅުވިކަމަށްވެސް ސަލީމް ވިދާޅުވި އެވެ.

“ހަގީގަތުގައި މި ދިމާވާ މައްސަލައަކީ މިކަހަލަ ބޮޑެތި ޕްރޮޖެކްޓްތަކަށް ރާއްޖެއިން ބޭރުން ހިލަ މިގެންނަނީ ރާއްޖޭގައި ހިނގާ ހުރިހާ މިކަހަލަ ޕްރޮޖެކްޓްތަކަށް އެއްކޮށް. އެހެންވީމާ ދެވަނަ ފިޔަވައްސަށް ބޭނުންވާ ހިލަ މިހާރު ރާއްޖެއިން ބޭރުން ގެންނަށް މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވީ. މާ ލަހެއްނުވާނެ ދެނެއް. އަނެއްކާ ރައީސް ވިދާޅުވި އޭދަފުއްޓަށް ހާއްސަ ސަމާލުކަމެއް ދެއްވާނެކަމަށްވެސް” ސަލީމް ވިދާޅުވި އެވެ.

އޭދަފުށީގެ ބިން ހިއްކާފައިވަނީ ނެދަލެންޑްސްގެ ބޮސްކާލިސް އިންޓަނޭޝަނަލް އާ ހަވާލުކޮށްގެން ދިވެހި ސަރުކާރުގެ ބަޖެޓުން ގާތްގަޑަކަށް 126 މިލިޔަން ރުފިޔާ ޚަރަދުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން އޭދަފުށީގެ ބިން ހިއްކުމަށްފަހު، ޖިއޯ ބޭގްސް ބޭނުންކޮށްގެން ރަށް ހިމާޔަތްކޮށް، އެންމެ ބޮޑަށް ގިރާނެ ކަމަށް ބެލެވޭ ސަރަހައްދުގައި ބޮޑު ހިލަޖަހަން އެގްރީމެންޓް ކޮށްފައިވެ އެވެ. އަދި މި މަސައްކަތަށް ބޭނުންވާ ގިނަ އަދަދެއްގެ ބޮޑު ހިލަ މިރަށަށް މިހާރު ގެނައިފަހުން އަލުން ވަނީ ރިވެޓްމަންޓް ޖަހާނެ ބަޔަކު ހޯދަން ދެވަނަ ފަހަރަށް ބިޑަށްވެސް ލައިފަ އެވެ.

ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ލަސްވުމުގެ ސަބަބުން ހިއްކި ބިމުގެ އެކި ސަރަހައްދުތަކުން ދަނީ ގިރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.