ޖަމިއްޔަތުލް ވަފާއިން އަޟްހާ އީދު ދުވަހާ ދިމާކޮށް ބާއްވާ ބަށި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ޖަމިއްޔާއިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ “އައްޑަން ބަށި މުބާރާތް 1435” ގެ ނަމުގައި ބާއްވާ ބަށި މުބާރާތުން އެއްވަނައަށް ދާ ޓީމަކަށް ފަސްހާސް ރުފިޔާ އަދި ބަށި ރާނީއަކަށް 1000 ރުފިޔާ ހުށަހަޅާފައިވާ ކަމަށެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
އެ ޖަމިއްޔާއިން ބުނީ މި މުބާރާތުގައި ބައިވެރިވުމަށް އެއްވެސް ފީ އެއް ދަައްކަން ނުޖެހޭނެ ކަމަށެވެ.
“ހުޅަނގު އީދު އުފާ” ގެ ނަމުގައި ވަފާ ޖަމިއްޔާއިން އީދު ކުޅިވަރުތައް ބާއްވާން ތައްޔާރުވަމުން އަންނަ އިރު އޭދަފުށީގެ އެހެން ކްލަބް ޖަމިއްޔާ އަދި ކައުންސިލާއި އާއްމުން ގުޅިގެން “އީދު ފެސްޓިވަލް” ނަމުގައިވެސް އީދު ކުޅިވަރުތަކެއް ބޭއްވުމަށް ފޯރިއާއެކު ދަނީ ތައްޔާރުވަމުންނެވެ. އެހެންކަމުން މިއަހަރުގެ އީދު ކުޅިވަރުގެ ވާދަވެރިކަން ވަރަށް ބޮޑުވާނެ ކަމަށް ބެލެވެ އެވެ.