މިއީ ކިޔެވުމުގައި ނަމޫނާ ކުއްޖެކެވެ. އުއްމީދީ ތަރިއެކެވެ. އޭދަފުށީ ގަހާ، މުހައްމަދު ނާހިލް އަހްމަދަކީ މިދިޔަ އަހަރު އޯލެވެލް ގައި ބ. އަތޮޅު ތައުލީމީ މަރުކަޒުން ބައިވެރިވި އެންމެ ވިދުން ގަދަ ދަރިވަރެވެ. އޭނާގެ ނަތީޖާ ސްލިޕްގައި “އޭ ސްޓާ” ނޫން އެހެން އެއްވެސް އަކުރެއް ނެތެވެ. ނާހިލަކީ މި ރަށުގައި ހުރެގެން އެ ނަތީޖާ މިހާތަނަށް ހޯދި ހަމައެކަނި ދަރިވަރެވެ.
ކިޔަވާ ކުދިންނަށް ނާހިލް ދޭ ނަސޭހަތެއް އެބައޮތެވެ. މަސައްކަތް ކުރާށެވެ. ކާމިޔާބީއަކީ ވަކި ކުއްޖެއްގެ ހައްގެއް ނޫނެވެ.
އެއީ ނާހިލްގެ ވެސް ކާމިޔާބީގެ ތަޅުދަނޑިއެވެ. އޭނާ ވެސް ބުރަކޮށް ކިޔެވި އެވެ. އޯލެވެލްގެ ނަތީޖާ ރަނގަޅުކުރުމަށްޓަކައި ކިޔެވުން ނޫން އެހެން ކަމެއް އޭނާ ނެތް ކަހަލައެވެ. އޭނާ ލަނޑުދަނޑި ހިފާފައިހުރީ އޯލެވްލް އިން އެންމެ މަތީ ނަތީޖާ ހޯދައި މައިން ބަފައިން ހެއްވާލުމަށެވެ.
“މި ލިބުނު ކާމިޔާބީގެ ސަބަބުން އަޅުގަނޑުގެ މަންމަ އާއި ބައްޕަ ފަރާތުން ވަރަށް އުފާވާ މަންޒަރުތަކެއް ފެނުނު. އަދި މުޅި އާއިލާގެ އެންމެންގެ ފަރާތުން ވެސް ވަރަށް އުފާވާ ބަސްތައް އަޑުއިވިގެންދިޔަ،” ރަށު ސްކޫލުން ސައިންސް ސްޓްރީމުން އޯލެވެލް ނިންމި ނާހިލް ބުންޏެވެ.
އެހެން ބައެއް ކުދިންނެކޭ އެއްގޮތަށް ނާހިލުވެސް އޯލެވެލް އަށް ވަރަށް ރަނގަޅަށް ތައްޔާރުވި އެވެ. ފިލާވަޅުތައް ދަސްކުރަން ވަކި ގޮތްތަކެއް އިޚްތިޔާރުކުރި އެވެ.
“ޓެސްޓް ކައިރިވީމަ އަދި ޓެސްޓް ތެރޭގައި ކޮންމެ ރެއަކު އަވަހަށް ނިދުމަށްފަހު ކިޔަވާ ހިތުން ދަންވަރު ތެދުވެ ފިލާވަޅުތައް ދަސްކުރުމަށް އާދައަކަށްވެގެން ދިޔަ. މިއާދަ އަށަގެންނެވުމަށްޓަކައި އަޅުގަނޑުގެ ލޯބިވާ މަންމަ ވެދެއްވި އެހީތެރިކަމާއި ބައްޕަ ދެއްވި ނަސޭހަތަކަކީ އަޅުގަނޑު ހިތްވަރާއެކު ކިޔެވުމަށް ލިބުނު އިތުރު ހިތްވަރެއް،”
ނާހިލް މި ކިޔައިދެނީ އޭނާ ކިޔަވަން މަސައްކަތް ކުރި ގޮތެވެ؛
- ގަޑިން ގަޑިއަށް ނަމާދުކޮށް މާތްﷲގެ ހަޟްރަތުގައި ކާމިޔާބީދެއްވާތޯ އަބަދު ވެސް ދުއާކުރުން
- މައިންބައިފައިންދޭ ނަސޭހަތް އަޑުއަހާ ކިޔަވަން ބޭނުންވެގެން ދުވަހުގެ ގަޑިތައް އެކުއްޖަކަށް ފަސޭހަ ގަޑިތަކަށް ބަހާލައިގެން ކިޔެވުމުގެ ކަންތައް ކުރިއަށް ގެންދިއުން
- ކުލާހުގައި ޓީޗަރު ކިޔަވައިދޭ ފިލާވަޅު އިތުރަށް އޮޅުން ފިލުވައި ގޭގައި އެ ފިލާވަޅުތައް ދަސްކުރުމުގައި މާ ގިނަ ވަގުތު ހޭދަނުކުރިއަށް އެ ފިލާވަޅުތައް މުތާލިއާކުރުން
- އިތުރުއެހީ ބޭނުންނަމަ ޓީޗަރުންގެ އެހީ ހޯދައިގެން އިތުރަށް ކަންކަން އޮޅުން ފިލުވުން
ނާހިލް ގަބޫލުކުރާގޮތުގައި ކިޔެވުމުގެ ދައުރު ފުރިހަމަކުރަމުންދާއިރު ކާމިޔާބީއާއި ނާކާމިޔާބީ ކުރިމަތިލާން ޖެހޭނެ އެވެ. އެގޮތުން ދިމާވާ ނާކާމިޔާބީއެއްގައި މާޔޫސްވުމަކީ އޭނާ ގަބޫލުކުރާ ކަމެއްނޫނެވެ.
“އަޅުގަނޑަށްވެސް ނާކާމިޔާބީ ކުރިމަތިވި، ނަމަވެސް އެއީ ފިލާވަޅެއް ކަމުގައި ބަލައި ހިތްވަރާއެކު ކުރިއަށްދިއުމުގެ އަޒުމު ކަނޑައެޅިން. މި ކާމިޔާބީ އަޅުގަނޑަށް މި ލިބުނީ ބަރާބަރަށް ނަމާދުކޮށް، ވަރަށް ބުރަކޮށް މަސައްކަތްކޮށް، ޓީޗަރުންގެ އެހީތެރިކަމާއި މައިން ބަފައިންނާއި ތިމާގެ މީހުންގެ ހިތްވަރުން،”
ނާހިލްގެ މި ކާމިޔާބީގެ ފަހަތުގައި ވެސް އޮތީ އާއިލާ އާއި ޓީޗަރުންނެވެ. އެކަން އޭނާ ޝުކުރުވެރިކަމާއެކު ފާހަގަކުރެއެވެ.
“ފޫހިކަމެއްނެތި އަޅުގަނޑަށް ކިޔަވައިދެއްވި ހުރިހާ ޓީޗަރުންނާއި އެކި ކަންކަމުގައި އެހީތެރިވެދެއްވި ސީނިއާ މެނޭޖްމަންޓްގެ ހުރިހާ ބޭފުޅުން ފާހަގަކޮށްލަން. އަދި ވަކިން ހާއްސަކޮށް މަންމަ އާއި ބައްޕަގެ ނަން ފާހަގަކޮށްލަން. އެއީ މަންމައާއި ބައްޕައަކީ އަބަދުވެސް އަޅުގަނޑަށް ލިބޭ ކޮންމެ ކާމިޔާބީއެއްގައި އެކަން ކުލަގަދަކޮށް ފާހަގަކޮށް، ނާކާމިޔާބީގައި ހިތްވަރު ދެރަނުކުރުމަށް ނަސޭހަތްދޭ ބަޔަކަށް ވާތީ، މިކަންކަމަކީ ހަމަގައިމުވެސް މި ކާމިޔާބީއަށް ވާސިލުވުމަށް ޓަކައި އަޅުގަނޑަށް ލިބިގެންދިޔަ އިތުރު ހިތްވަރެއް،:
ރަށު ސްކޫލުން އޭލެވެލް އަށް ކިޔަވަން ތައްޔާރުވަމުން އަންނަ ނާހިލް ބޭނުންވަނީ ރަށުގައި ހުރެގެން އޯލެވެލް އިން ހޯދި ނަތީޖާ އަށް ވުރެ ވެސް މޮޅު ނަތީޖާއަކުން ސްކޫލް ނިންމާށެވެ.
ފަހުރުވެރިވަން
Saabas dhariaa
Allahumma baarik we are proud of u dear… abadhuves thigothuga kuriyah dhaathi maibafainge bas ahaigen dheenee kanthah thalah samaalukan dheegen