ކައުންސިލަރު ވާހިދުވެސް ޕީޕީއެމް އަށް ސޮއިކޮށްފި

ޑީއާރުޕީ ޓިކެޓްގައި އޭދަފުށީ ކައުންސިލަށް އިންތިހާބު ވެފައިވާ ފަސް މެންބަރުންގެ ތެރޭގައި ހިމެނޭ ބ. އޭދަފުށީ ކައުންސިލުގެ މެންބަރު އަބްދުލްވާހިދު ހުސައިން މިއަދު ޕީޕީއެމަށް ސޮއިކުރައްވައިފި އެވެ.
ވާހިދު ޕީޕީއެމް އަށް ސޮއިކޮށްފައިމިވަނީ މިދިޔަ ހަފްތާތެރޭ ކައުންސިލްގެ ނާއިބްރައީސް މުހައްމަދު ރިޒާވެސް ޕީޕީއެމްއަށް ސޮއިކޮށްފައިވަނިކޮށެވެ. އީޓީ އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވާހިދު ވިދާޅުވީ ޑީއާރުޕީން ވަކިވެވަޑައިގަތުމަށްފަހު، ޕީޕީއެމްއާ ގުޅިވަޑައިގަތީ އެ ޕާޓީގައި އެއްވެސް ކުރިމަގެއް އޮތްކަމަށް ނުފެންނާތީ ކަމަށެވެ.
“މިހާރު އަޅުގަނޑު ގަބޫލެއް ނުކުރަން ޑީއާރުޕީ އަކީ މުސްތަގުބަލް އޮތް ޕާޓީއެއް ކަމަށް. އަދި އަޅުގަނޑު ކައުންސިލަށް ހޮއްވެވި މިރަށުގެ ރައްޔިތުންގެ ތާއީދު މިހާރު އޮތީ ޕީޕީއެމްއަށް. އެހެންވީމާ އަޅުގަނޑު ބޭނުންވަނީ ރައްޔިތުންގެ ބޭނުންވާ ފިކުރުގައި މަސައްކަތްކުރަން،” އޭނާ ވިދާޅުވި އެވެ.
ޑީއާރުޕީން ވަކިވެ ޕީޕީއެމާ ގުޅުނު ސަބަބުތައް ކިޔައިދެމުން ވާހިދު ވިދާޅުވީ 2013 ވަނަ އަހަރުގެ ބަޖެޓް ކޮމެޓީގައި އޭދަފުށީގެ ތަރައްގީއަށްހުރި މަޝްރޫއުތަކަށް ވޯޓްނެގި ދުވަހުވެސް ޑީއާރުޕީގެ މެމްބަރުންގެ އަމަލުތައްހުރީ އޭނާ ގަބޫލުކުރާ އުސޫލުން ނޫން ކަމަށެވެ. އަދި އޭދަފުށީގެ ތައްގީއަށް ހުރަސްއެޅޭ އެއްވެސް ބައެއްގެ ނުފޫޒާ ބާރުގެ ތެރޭގައި ހުރުންވެސް އެއީ ވެސް އޭނާ ގަބޫލުކުރާ ހަމައެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޑީއާރުޕީގެ 5 ކައުންސިލަރުން ތިއްބަވާ އޭދަފުށި ކައުންސިލްގެ 2 މެމްބަރަކު ޕީޕީއެމްއަށް ސޮއިކުރިނަމަވެސް ދެންތިއްބެވި 3 މެމްބަރުން މިކަމާ ރަސްމީ އެއްވެސް ވާހަކައެއް މީޑިއާޔާ އަދި ހިއްސާއެއް ނުކުރެއެވެ. ޔަގީންނުވާ ހަބަރުތައް ބުނާގޮތުން ކައުންސިލް މެމްބަރު ޝަކީލްވެސް ޕީޕީއެމްއަށް ވަރަށް އަވަހަށް ސޮއިކުރައްވާނެ އެވެ.
ކައުންސިލަރުން ޕާޓީ ބަދަލުކުރިޔަސް ކައުންސިލްގެ ގޮނޑި ނުގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެން ޑީއާރުޕީގެ ގިނަ ކައުންސިލަރުން ގެންދަވަނީ ޕީޕީއެމް އަށް ސޮއިކުރައްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.