
ދިރާގުން 4ޖީ އެލްޓީއީ ނެޓްވޯކްގެ ހިދުމަތް ކަސްޓަމަރުންނަށް ހުޅުވާލައި އެންމެ ފުރަތަމަ ފަހަރަށް އެލްޓީއީ އެޑްވާންސްޑް(އެލްޓީއީއޭ) ގެ ހިދުމަތް ދައްކާލައިފިއެވެ.
ދިރާގުން މިއަދު ބުނީ މިހާރު 4ޖީ ނެޓްވޯކްގެ ހިދުމަތް ކަސްޓަމަރުންނަށް ލައިވްކޮށް ބޭނުންކުރެވޭނެ ކަމަށާއި ދިރާގު އެލްޓީއީގެ ހިދުމަތަކީ ޓެސްޓް ހިދުމަތެއް ނޫން ކަމަށެވެ. އަދި މި ހިދުމަތް ބޭނުންކުރުމަށް އިތުރު ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށް ވެސް ބުނެއެވެ.
މި ހިދުމަތް ހުޅުވާލުމާއިއެކު ދިރާގުން ބުނީ އެކުންފުންޏަކީ ރާއްޖޭގައި މިވަގުތު އެންމެ ހަލުވި ސްޕީޑުގައި 4ޖީ އަދި 3ޖީ މޯބައިލް އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދޭ މުވާސަލާތީ ކުންފުނި ކަމަށެވެ. އެގޮތުން އެންމެ ޒަމާނީ 4ޖީ ނެޓްވޯކްއެއް ގާއިމުކުރެވި 3ޖީ ސްޕީޑުގެ 10 ގުނަ ހަލުވި ސްޕީޑް ދިރާގު އެލްޓީއީ ނެޓްވޯކް މެދުވެރިކޮށް މަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.
ދިރާގު 4ޖީ ހިދުމަތް ހޯދުމަށް ‘ޔޫސިމް’ ބޭނުން ކުރަން ޖެހޭ އިރު ދިރާގުން ބުނާ ގޮތުގައި އެ ސިމް އަކީ މުޅިން އަލަށް ރާއްޖޭގައި ބޭނުންކުރެވޭ ޒަމާނީ ސިމް ޓެކްނޮލޮޖީއެކެވެ. ޔޫ ސިމްއެއްގައި ނެނޯސިމް އާއި މައިކްރޯސިމް ޓްރޭ އެއްވެސް އެކުލެވިގެންވެއެވެ.
ދިރާގުން ބުނީ މާދަމާ އިން ފެށިގެން އެ ކުންފުނީގެ ފްރަންޓް އޮފީހުން 4ޖީ ސަޕޯޓް ކުރާ މޯބައިލް ފޯނެއް އޮތް ދިރާގު ކޮންމެ ކަސްޓަމަރަކަށް މުޅިން ހިލޭ ސިމެއް ލިބޭނެ ކަމަށެވެ. އަދި ހިލޭ ސިމް ބަދަލުކޮށް ދިނުން ދާނީ މިފެށޭ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ކަމަށްވެސް ބުނެއެވެ.
ދިރާގު 4ޖީ ނެޓްވޯކުގައި މިހާރު މޯބައިލް ބާޒާރުގައިވާ އެންމެ މަޝްހޫރު 4ޖީ ސަޕޯޓްކުރާ ފޯނުތައް ބޭނުން ކުރެވެއެވެ. އެގޮތުން ދިރާގު 4ޖީ ބޭނުންކުރެވޭ ފޯނުތަކުގެ ފްރިކުއެންސީ އަކީ 1800 މެގަހާޓްސް އެލްޓީއީ ބްރޭންޑް 3 އެވެ.
މިވަގުތު ދިރާގު އެލްޓީއީ ބޭނުންކުރެވޭ ފޯނުތަކަކީ އައިފޯން 5، 5އެސް، 6، 6ޕްލަސް އާއި ގޫގަލް ނެކްސަސް 5 އާއި ސެމްސަންގް ނޯޓް 4 އާއި ސެމްސަންގް އަލްފާ އާއި ވަން ޕްލަސް ވަން އާއި އެޗްޓީސީ އެމް8 އާއި ސޮނީ އެކްސްޕީރިއާ ޒެޑް2 އާއި ސެމަސަންގް ގެލެކްސީ އެސް5 އަދި ސެމްސަންގް ގެލެކްސީ ޓެބް އެސް އެވެ.
(ޚަބަރު: ސީއެންއެމް)