ކުޑަރިކިލު އާދަޔާހިލާފަށް ގިރަނީ

ކުޑަރިކިލުގެ ގިރާ ސަރަހައްދު

ބ. ކުޑަރިކިލު އާދަޔާ ހިލާފަށް ގިރަމުން ދާތީ އެކަމަށް ދާއިމީ އަވަސް ހައްލެއް ބޭނުންވާ ކަމަށް ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ހުއްޓުމެއް ނެތި ގިރަމުން ގޮސް، ރަށުގެ އިރުއުތުރު ފަރާތުން 700 ފޫޓުގެ ސަރަހައްދެއް މިހާރު ވަނީ ގިރާލައިފަ އެވެ. އަދި އެއްގަމުން ފަންސާހަށް ފޫޓު ގިރާލައި، އެ ސަރަހައްދުގައި ހުރި ދެ ގެއަކަށް އަސަރުކުރާ ހިސާބަށް މައްސަލަ ވަނީ ގޯސްވެފަ އެވެ.

ކައުންސިލްގެ ރައީސް ފާހަގަ ކުރެއްވި ގޮތުގައި އެރަށް އެބޮޑަށް ގިރާ އެއް ސަބަބަކީ ރަށާ ވަރަށް ކައިރީގައި ރިސޯޓްތަކެއް ތަރައްގީވުމެވެ. އެގތޮތުން މި މޫސުމުގައި އާންމުކޮށް ގިރިޔަސް، ކައިރީގައި އޮތް ލަނޑާގިރާވަރުގެ މޫދު ކޮޓަރިތައް އެޅި ފަހުން ރަށުގެ އިރުއުތުރު ފަރާތުން އާދަޔާހިލާފަށް ގިރަން ފެށި ކަމަށާއި، ގާތްގަނޑަކަށް ފަސް މިނެޓުން ދެވޭ އަނަންތަރާ ރިސޯޓްގެ މޫދު ކޮޓަރިތައް އަޅަން ފެށުމާ އެކު ހެން ރަށުގެ ދެކުނު ފަރާތުން ގިރަން ފެށި ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

ކުޑަރިކިލުގެ ގިރާ ސަރަހައްދު

މިހާރު އޮތް ހާލަތަށް އިޝާރާތް ކުރައްވައި ހަންނާނު ވިދާޅުވީ މިހާރު ދުވާލަކަށް ތިން ފޫޓުގެ ގުންޑޮޅިގަނޑު ވެސް ވެއްޓެމުންދާ ކަމަށެވެ. އަދި އެއީ އަވަސް ފިޔަވަޅުތަކެއް ނާޅައިފި ނަމަ ރަށަށް ކުރިމަތިވެދާނެ ވަރަށް ބޮޑު މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިކަން ވަނީ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ވެސް ގެންނަވައިފަ އެވެ. އެ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ހުސެއިން އަށާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސަމާލު ކަމަށް ވެސް އެކަން ގެނެސްފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އެކަމަކު ރަށުގެ ރައްޔިތުން ވަނީ ވަގުތީ ހައްލެއް ލިބޭތޯ މަސައްކަތް ފަށައިފަ އެވެ. އެގޮތުން، ރައްޔިތުން ނުކުމެ އެ ސަރަހައްދުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް އިއްޔެ ވަނީ ފަށައިފަ އެވެ.

މިފަހުން ރާއްޖޭގެ ގިނަ އަދަދެއްގެ ރަށްރަށް އާދަޔާ ހިލާފަށް ވަނީ ގިރައިފަ އެވެ. ރާއްޖޭގެ ރަށްތަކަކީ ގުދުރަތީ ގޮތުން ގިރައި ވޮޑޭ ރަށްތަކެކެވެ.

އެކަމަކު، މިހާރު ބައެއް ރަށްތައް ގިރަމުން ދަނީ އާދައާ ހިލާފަށެވެ. އެގޮތުން ބ. އަތޮޅުގެ ދަރަވަންދޫ އާއި، ކެންދޫ އަދި ރ. އަތޮޅު ފައިނު މި ފަހުން ވަނީ އާދައާ ހިލާފަށް ގިރައިފަ އެވެ. މިއީ މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް މާހިރުން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.