ފުޓްބޯޅަ ސީޒަން ނުނިމެނީސް މުބާރާތް ފަށާތީ ގޮއިދޫން ކަންބޮޑުވުން ފާޅުކޮށްފި

2013 ވަނަ އަހަރުގެ މުބާރާތުގައި ވާދަކުރި ގޮއިދޫ ޓީމުގެ ފުރަތަމަ އެގާރަ
2013 ވަނަ އަހަރުގެ މުބާރާތުގައި ވާދަކުރި ގޮއިދޫ ޓީމުގެ ފުރަތަމަ އެގާރަ

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނުނިމެނިސް ބ. އެޓޯލް ފުޓްބޯލް ޗެލެންޖް ފަށާތީ، ގޮއިދޫ ޓީމުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިމަހުގެ 29 ވަނަ ދުވަހު ބ. އެޓޯލް ފުޓްބޯލް ޗެލެންޖް ފެށުމަށް ހަމަޖެހިފައިވާއިރު މިއަހަރުގެ ފުޓްބޯޅަ ސީޒަން ނިންމާ މެޗް ކުޅެން ހަމަޖެހިފައިވަނީ ނޮވެމްބަރު 30 ވަނަ ދުވަހުގެ ރެ އެވެ. ބ. އެޓޯލް ފުޓްބޯލް ޗެލެންޖަކީ އެއްވަނަ ޑިވިޝަންގެ ގިނަ ކުޅުންތެރިންތަކެއް ކުޅޭ މުބާރާތަކަށް ވުމުން، އެ ކުޅުންތެރިންނަށް މުބާރާތުން ބައެއް ގެއްލިގެން ދިއުމަކީ ޓީމުތަކަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ގޮއިދޫ ޓީމުން ބުނެ އެވެ.

މީގެ އިތުރުން ބޮޑު އަގު ދީފައި މިހާރުވެސް އެ ޓީމުން އެއްވަނަ ޑިވިޝަން ކުޅުންތެރިން ހަމަޖައްސާފައި ވުމުން މުބާރާތުގެ ފުރަތަމަ ދެމެޗުގައި އެ ކުޅުންތެރިންނަށް ނުކުޅެވިދާނެކަމަށް އެ ޓީމުން ބުންޏެވެ.

“މީގެ ކުރިން މުބާރާތް ބާއްވަމުން ގެންދިޔައީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނިމުމުން، ނަމަވެސް މިފަހަރު އެގޮތަށް ހެދުމުން އެއްވަނަ ޑިވިޝަން ކުޅުންތެރިންނަށް ބައެއް މެޗްތައް ގެއްލިގެން ދާނެ، ގްރޫޕް ސްޓޭޖްގެ ދެ މެޗް ގެއްލިއްޖެ ނަމަ ޓީމަށް ވަރަށް ބޮޑު ރިސްކަކަށް ވާނެ، މި ގޮތަށް މުބާރާތް ރޭވުމުން މުބާރާތުގެ މަގުސަދުވެސް ގެއްލިގެން ދޭ” ބޮޑު އަގު ދީފައި އެއްވަނަ ޑިވިޝަންގެ ކުޅުންތެރިޔަކު ގެންނަން ނިންމާފައިވާ ގޮއިދޫ ޓީމުގެ މެނޭޖަރު ބުންޏެވެ.

އީޓީ އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގޮއިދޫ ޓީމުން ކަންބޮޑުވުން ފާޅުކުރަނީ އެ ޓީމުގެ ގޯލް މިދިޔަ ދެ އަހަރުވެސް ބެލެހެއްޓި މާޒިޔާގެ މުޙައްމަދު އިމްރާން އަށް މުބާރާތުގެ ފުރަތަމަ ދެ މެޗުގައި ނުކުޅެވިދާނެތީ ކަމަށް ބެލެވެ އެވެ. 2012 ވަނަ އަހަރުގެ މުބާރާތް ގޮއިދޫ ޓީމަށް ކާމިޔާބު ކޮށްދިނުމުގައި އިމްރާން ވަނީ އެ ޓީމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

މީގެ އިތުރުން މުބާރާތް ފަސްކުރުމާއި ގުޅޭގޮތުން މުބާރާތް އިންތިޒާމު ކޮމެޓީއަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށްވެސް ގޮއިދޫ ޓީމުގެ މެނޭޖަރު ބުންޏެވެ.

މުބާރާތް އިންތިޒާމުކުރާ ކޮމެޓީން ބުނީ މުބާރާތް ފަސްކުރުމާއި ގުޅޭގޮތުން އިންތިޒާމު ކޮމިޓީއާއި ވާހަކަ ދެއްކި ކަމަށާއި، ނަމަވެސް އިންތިޒާމް ކޮމިޓީގެ ވޯޓުން ނިންމީ މުބާރާތް ފަސްނުކުރާ ގޮތަށް ކަމަށެވެ.

މިފަހަރުގެ މުބާރާތަށް ދުރާލާ ތައްޔާރުވަމުން އަންނަ ގޮއިދޫ ޓީމްގެ މެނޭޖަރު ބުނީ މިގޮތަށް މުބާރާތް ކުރިއަށް ގެންދާނަމަ އެއީ ޓީމަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި، މުބާރާތުގައި ބައިވެރިވުމާއި މެދު އެ ޓީމުން ދެވަނަ ވިސްނުމަކަށް ދާންޖެހިދާނެ ކަމަށެވެ.

މުބާރާތް ފަށާއިރު އެއްވަނަ ޑިވިޝަންގެ ކުޅުންތެރިންނަށް ނުކުޅެވޭނަމަ ހުރިހާ ޓީމަކަށްވެސް އޭގެ އަސަރު ކުރާނެ ކަމަށް ޤަބޫލުކުރެވެ އެވެ.

ގުޅުންހުރި ލިޔުންތައް

9 ކޮމެންޓް

  1. VCP Ali

    އޭދަފުށިން ކަންބޮޑުވުން މިކަމުގައި ފާޅުކުރުން އަުލާކަން ބޮޑު.
    *ނިއުރޭޑިއެންޓް ގައި އޭދަފުށީގެ 7 ކުޅުންތެރިން.
    *ވެލެންސިއާގައި އޭދަފުށީގެ 3 ކުޅުންތެރިން
    *އޭވައިއެލް ގައި އޭދަފުށީގެ 3 ކުޅުންތެރިން
    *ވިކްޓްރީގައި އޭދަފުށީގެ 1 ކުޅުންތެރިޔަކު

    މުބާރާތް ރާވާފައި އިންނަ ގޮތުން:
    1- ފަސްޓް ޑިވިޝަންގެ 5 ކުޅުންތެރިން ޓީމުލިސްޓްގައި ޖެހެނީ
    2-ދަނޑުމަތީގައި ފަހަރަކު ތިބެވެނީ ޑިވިޝަންގެ 3 ކުޅުންތެރިންނަށް

    ދެންމިވަރުން އޭދަފުށި ކުޅުންތެރިންނަށް އޭދަފޫއްޓަށް ނުކުޅޭވޭގޮތަށް މިއޮއްތީ މުބާރާތް ބައްޓަންކޮށްފަ.
    އެވަރުންވެސް އޭދަފުށި ޓީމުން ނުރުހުން ފާޅެއްނުކުރޭ.
    އޭދަފުށިގައި ތިބި އެންމެ މޮޅު ކުޅުންތެރިން ގޮއިދޫ ޓީމާ ގުޅިއްޖެ، ދެން ތިބި ބައެއް މޮޅެތިކުޅުންތެރިންވެސް އެހެން ޓީމުތަކާ ގުޅިއްޖެ.
    އެވަރުންވެސް އަދި އަޑެއްނީވޭ އޭދަފުށި ޓީމު 2 ވަނަ ވިސްނުމަކަށް ދާން އުޅޭ ވާހަކައެއް.

    މިހުރިހާ ޕޮއިންޓް ތަކަކުން އަސްލު އަޅުގަނޑަށް އިނގެނީ، މިމުބާރާތް ހާއްސަ ކޮށްފަ އޮތީ ފަސްޓް ޑިވިޝަންގެ ކުޅުންތެރިންންނަށް ނޫންކަން.
    ވަރަށް ސަލާމް

    ރައްދު
  2. Ahmed

    އަތޮޅު ކައުންސިލުން އަންނައަހަރު އެއްލައްކަ ރުފިޔާހެ އަގުބޮޑު މުބާރާތެއް ބާއްވަ ދޭނެކަމަށް އުންމީދުކުރަން…..

    ރައްދު
  3. waadey

    މުބާރާތް ލަސްކުރުމަކީ ހައްލެއް ނޫން. މުބާރާތެއްގައި ބައިވެރިވާ އިރު އެނގޭނެ ދޯ މުބާރާތް އޮންނަ ދުވަސްކޮޅު. އަނެއްކާ ކުރިން މުބާރާތް ފަށަންކީ 25 ވަނަ ދުވަހު. އެކަމު މިހާރު 29 ގަ ފަށާ ގޮތަށް. ލަސްކުރަންޏާ އަބަދު ލަސްކުރަން ޖެހޭނީ. އެންމެން ހިންހަމަ ޖެހޭގޮތަކަށް ހުރިހާ ކަމެއް ނުކުރެވޭނެ. ބޭރުގެ ބޮޑެތި މުބާރާތްތަކަށްވެސް ބަލާބަލަ. ދުވަހަށް ފަށާފަ ދުވަހަށް ނިންމާނެ. އެހެންވީމާ މީ ކުޅޭކުޅޭ ކަމެއް ނޫން ދޯ.

    ރައްދު
  4. ނިޒާމް

    މުބާރާތުގެ ޗެމްޕިއަން ޓީމަށްދޭ ވަރެއް އަދިވެސް ނޭނގޭ. 35000 އާއި 50000 އާއި ދޭތެރެއިން ކަމަށް ހަބަރުލިބެނީ. މިހާރުވެސް 8 ޓީމުބައިވެރިވާކަމަށް ހަބަރު ލިބޭ. ބައިވެރިވާ ކޮންމެޓީމަކުން 5000 ނަގަންޏާ 40000 ލިބޭނެ. މުބާރާތުގެ ފެންވަރު ރަނގަޅުކުރަންޏާ ފަސްޓު ޑިވިޝަންގެ ކުޅުންތެރިންނަށްވެސް ބަލަންޖެހޭނެ. 2 ދުވަސް ފަސްކުރުމަކީ މައްސަލަޔެއްނޫން. ތި މުބާރާތުގައި ބައިވެރި ވުމުގައި ދެވަނަ ވިސްނުމަކަށް ދާންވީ.

    ރައްދު
  5. ahmed

    މުބާރާތެއްގަ ބައިވެރިވާއިރު އެނގޭނެ ދޯ އޮންނަ ތާރީހެއްވެސް. މި އީ އަނެއްކާ ފުރަތަމަ ޑިވިސަންގެ ފުޓްބޯޅައަށް ބަލާފަ ބާއްވާ މުބާރާތެއް ނޫންވިއްޔާ. މަޤްސަދު އަސްލު އޮޅިގެން އެ އުޅެނީ. މަޤްސަދުގަ އިންނާނެ ދޯ ރަނގަޅު ގިނަ ޒުވާން ކުޅުންތެރިންތަކެއް އުފެއްދުން ވެސް. އެހެންވީމާ ޓީމުތަކުން ތަންކޮޅެއް ރަގަޅައް ވިސްނަންވެއްޖެ. ތާރީޙް އަށް ބަދަލެއް ގެންނާކަށް އަޅުގަނޑުމެން އޭދަފުށީ ޓީމުންވެސް ބޭނުމެއްނޫން. އަހަރެމެންނަށް ވެސް ގެއްލޭ 4 ކުޅުންތެރިން.

    ރައްދު
  6. hasan

    ތާރީޚަށް ފަށަންވާނެ. މި މުބާރާތަކީ ފަސްޓްގެ ކުޅުންތެރިންގެ މުބާރާތެއްނޫން. ދެން ލަސްކޮށްފިނަމަ ރިސޯޓްތަކުން އޮފްޑެ، ޗުއްޓީ ހަމަޖައްސާފައިތިބި ކުދިންނަށް ނުކުޅެވޭނެ. މާލެއިން އަންނަ 1 ކުޅުންތެރިޔަކަށްވުރެ ރިސޯޓުން އަންނަށްތިބި ރަށުގެ ރަށަށް އުފަން 7 ކުޅުންތެރިން މާ މުހިންމުދޯ؟

    ރައްދު
  7. modu

    ތީ ވަރަށް ރަގަޅު ވާހަކައެއް . މުބާރާތުގެ ފެންވަރު ރަގަޅު ކުރުމަށްޓަކައި ޓީމް ތަކަށް އެފުރުސަތު ދޭންއެބަޖެހޭ. 2 ދުވަސް ލަސްވުން އެއީ މައްސަލައެއްނޫން . ކެންދޫ ޓީމުން ތިކަމަށް ތާއީދު

    ރައްދު
  8. kendhoo

    ގިނަ ޓީމް ތަކުން ބޭނުންވަނީ ފްޓްބޯޅަ ސީޒަން ނިމުނީމަ މުބާރާތް ފަށަން…އަޅުގަނޑު މެންވެސް ތިކަމުގަ 2ވަނަ ވިސްނުމަކަށް ދާންޖެހިދާނެ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.