ސެންޓޭގެ ފަސް ލަނޑާއެކު ނިއުއަށް ބޮޑު މޮޅެއް

މިއަދު މެޗުގައި ސެންޓޭ ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ /- ފޮޓޯ: އިމޭޖަސްޑޮޓްއެމްވީ
މިއަދު މެޗުގައި ސެންޓޭ ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ /- ފޮޓޯ: އިމޭޖަސްޑޮޓްއެމްވީ

މިޑްފީލްޑަރު ޢަލީ ފާސިރު (ސެންޓޭ) ކާމިޔާބުކޮށްދިން ފަސް ލަނޑާއެކު ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ކުޅުން މެޗުގައި މަހިބަދޫ ސްޕޯޓްސް ކްލަބުގެ މައްޗަށް 1-6 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ޗެމްޕިއަން ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބް ކުރިހޯދައިފި އެވެ.

މުބާރާތުގައި މި ދެ ޓީމުންވެސް ކުރިއަށް އަދި އެއް މެޗު ކުޅެން އޮތްއިރު، ރޭ ކްލަބް އީގަލްސް އަތުން މާޒިޔާ ސްޕޯތްސް އެންޑް ރެކްރިއޭޝަން ބަލިވުމުން ނިއުއަށް ވަނީ މިއަހަރުގެ ލީގް ޓައިޓްލް ކަށަވަރު ވެފައެވެ. ނަމަވެސް ނިއުއަތުން މި މެޗުން ބަލިވުމުން މަހިބަދޫ ޓީމަށް ވަނީ ލީގުގައި ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު ގެއްލިފައެވެ.

މި މެޗުގެ ފުރަތަމަ ފަސް މިނިޓުތެރޭ ނިއުއިން މަހިބަދޫގެ ގޯލް ހުޅުވާލާފައި ވަނީ ޕެނެލްޓީ އޭރިއާ ތެރޭން ފޮނުވާލި ބާރު ހަމަލާއަކުން އަލީ ފާސިރު (ސެންޓޭ) އެވެ. މިއީ ސެންޓޭ ނިއުރޭޑިއަންޓަށް ކާމިޔާބު ކޮށްދިން 50 ވަނަ ގޯލެވެ.

މެޗުގެ ފުރަތަމަ ވަގުތުކޮޅު ގޭމް ޑޮމިނޭޓް ކުރަމުން އައި ނިއުއިން ވަނީ އޭގެ ކުޑަ އިރުކޮޅެއްތެރޭ އެޓީމްގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ އުމޭރު ނަގައިދިން ކޯނަރަކުން އެޓީމުގެ ސްޕެއިން ކުޅުންތެރިޔާ ޑޭވިޑް އެވެ.

މެޗުގެ 22 ވަނަ މިނެޓުގައި އަނެއްކާވެސް ނިއުއިން ލަނޑެއް ޖަހައި ލީޑު ފުޅާކޮށްދިނީ ޑޭވިޑް ދިން ރީތި ޕާހަކުން ސެންޓޭ އެވެ. ސެންޓޭ މި ލަނޑު ކާމިޔާބުކުރީ މަހިބަދޫ ޓީމުގެ ކީޕަރު ޖަޒްލާން ކައިރިން ނައްޓާލުމަށްފަހު އެވެ. އަދި އޭގެ ހަ މިނެޓުފަހުން ސެންޓޭ ހެޓްރިކް ހެދީވެސް ޑޭވިޑްގެ ޕާހަކުންނެވެ.

ފުރަތަމަ ހާފުގައި 4-0 އިން މަހިބަދޫ ފަހަތުގައި އޮތްކަމުގައި ވިއަސް މެޗުގެ ދެވަނަ ހާފް މަހިބަދޫއިން ފައްޓާފައި ވަނީ ވަރުގަދަކޮށެވެ. ނަތީޖާއެއްގެ ގޮތުން 56 ވަނަ މިނެޓުގައި ޖުނައިދު މަހިބަދޫއިން މި މެޗުގައި އެޓީމްގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނެވެ.

ނަމަވެސް މެޗުގެ 65 ވަނަ މިނެޓުގައި ސެންޓޭ ވަނީ އަހުމަދު ސުހައިލް (ބަންބުޗް) ދިން ބޯޅައަކުން މެޗުގައި އޭނާގެ ހަތަރުވަނަ ލަނޑު ނިއުއަށް ކާމިޔާބު ކޮށްދީފައެވެ. އޭގެ ހަތަރު މިނިޓު ފަހުން މަހިބަދޫގެ ޕެނަލްޓީ އޭރިޔާތެރެއިން އެޓީމުގެ ސާލިމް، ސެންޓޭއަށް ކުރި ފައުލަކާ ގުޅިގެން ނިއުއަށް ލިބުނު ޕެނަލްޓީ ވެސް ސެންޓޭ ކާމިޔާބުކޮށް، އޭނާ ވަނީ މެޗުގައި އޭނާގެ ފަސްވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ.

މިފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ސެންޓޭ ޖެހި ނަމަވެސް، އޭނާ އަށް ހުރީ ކޮންމެ ވެސް ވަރެއްގެ އަނިޔާއެއް ލިބިފަ އެވެ. ސެންޓޭ އިތުރަށް ކުޅެން މަސައްކަތްކުރި ނަމަވެސް، އެ އަނިޔާއާ ގުޅިގެން އޭނާ ވަނީ މެޗުގެ 85 ވަނަ މިނިޓުގައި ދަނޑުން ބާލައިފައެވެ. ބާކީ އޮތް 5 މިނިޓު ނިއުއިން ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ.

“އަހަރެމެންނަށް މި މެޗުގައި އެއްވެސް ޕްރެޝަރެއް ނެތް. ވަރަށް ހަމަޖެހިލައިގެން ކުޅެވުނު، “މެޗަށް ފަހު ނިއުގެ ކޯޗު މިކާ ލޮންސްޓްރޮމް ބުންޏެވެ. “މިއަދު އެއް ކުޅުންތެރިއަކު ފަސް ލަނޑު ޖެހި. އެކަމަކު އެ ކުޅުންތެރިއާ އަށް ވެސް އެ ލަނޑުތައް ޖެހުނީ އެހެން ކުޅުންތެރިންގެ އެހީތެރިކަމާއެކު. މެނޭޖްމަންޓާއި ސްޓާފުންނަށް މި ކާމިޔާބީގައި ޝުކުރު އަދާކުރަން. އެކަމަކު އެންމެ ބޮޑު ޝުކުރެއް ހައްގު ވަނީ ކުޅުންތެރިންނަށް. މިއީ ކުޅުންތެރިންގެ މަސައްކަތް.”

މިކާ ބުނީ ސެންޓޭގެ އިންޖަރީއާ ގުޅޭގޮތުން “މި ވަގުތު ވަކި އެއްޗެއް ބުނަން ނޭނގޭ” ކަމަށެވެ. އެކަމަކު އަނިޔާވެފައި ވަނިކޮށް، ސެންޓޭ ޕެނަލްޓީ ޖެހުމަކީ އެންމެ ރަނގަޅު ނިންމުމެއް ނޫން ކަމަށެވެ.

“އިންޖަރީއެއްވެފައި ހުއްޓައި، އެ އިންޖަރީ އިތުރަށް ގޯސްވާ ކަހަލަ ރިސްކެއް ނެގުމަކީ ރަނގަޅު ކަމެއް ނޫން. އެ ވަގުތު ސެންޓޭ ޕެނަލްޓީ ޖެހުމަކީ އެންމެ ރަނގަޅު ނިންމުމެއް ނޫން ކަމަށް ގަބޫލްކުރެވޭ. އެކަމަކު ސެންޓޭ ބޭނުމެއް ނުވި އަސްލު ފައިބާކަށް. ކުޅެން ބޭނުންވީ. އެއީ އެއްގޮތަކުން ރަނގަޅު ކަމެއް. ކޮންމެ ހާލަތެއްގައި ވެސް ކުޅެ، ޓީމަށް ފައިދާކޮށްދޭން އޭނާ ބޭނުންވީ.” މިކާ ބުންޏެވެ.

މިއަދުގެ މެޗުގައި ސެންޓޭ ކާމިޔާބުކުރި ފަސް ލަނޑާއެކު މި ސީޒަންގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 25 އަށް އަރައިފައެވެ. ސެންޓޭއަށް ވުރެ ދެ ލަނޑު އިތުރަށް ކާމިޔާބުކޮށް، ޖުމުލަ 27 ލަނޑާއެކު މި ސީޒަންގެ ލަނޑު ލިސްޓުގެ އެންމެ ކުރީގައި އޮތީ މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ.

މި ނަތީޖާއާއި އެކު ޗެމްޕިއަން ނިއުއަށް ވަނީ މުބާރާތުގައި މުޅި ޖުމުލަ 51 ޕޮއިނޓް ލިބިފައެވެ. ތާވަލްގެ ހަވަނައިގާ އޮތް މަހިބަދޫއަށް މުޅި ޖުމްލަ ލިބިފައި ވަނީ 14 ޕޮއިންޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.