ސެންޓޭއަށް އަނިޔާވެ، ކުޅުމާ ދުރަށް؟!

ސެންޓޭއަށް އަނިޔާވި ފައުލް /- ފޮޓޯ: ވަގުތުޑޮޓްއެމްވީ
ސެންޓޭއަށް އަނިޔާވި ފައުލް /- ފޮޓޯ: ވަގުތުޑޮޓްއެމްވީ

 

ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ހުނަރުވެރި މިޑްފީލްޑަރު އޭދަފުއްޓަށް އުފަން އަލީ ފާސިރު (ސެންޓޭ) ގެ ކަނާތު ފަޔަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް ސީޒަން ނިންމާލަން ޖެހިދާނެކަމަށް އެ ކުލަބުން ބުނެފި އެވެ.

ސެންޓޭއަށް ލިބުނު އެ އަނިޔާއަކީ އެންމެ ފަހުން އެ ޓީމު މަހިބަދޫއާ ދެކޮޅަށް ކުޅުނު މެޗުން ލިބުނު އަނިޔާއެކެވެ. ސެންޓޭގެ ފަރާތުން ފަސް ގޯލު ފެނިގެންދިޔަ އެ މެޗުގައި ސެންޓޭއަށް އަނިޔާވީ 69 ވަނަ މިނެޓްގައި މަހިބަދޫގެ ޕެނަލްޓީ އޭރިޔާ ތެރެއިން މަހިބަދޫގެ ސާލިމް ކުރި ފައުލަކާ ގުޅިގެންނެވެ. އެ ފައުލްއިން ނިއުއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކުރުމަށްފަހު، އިތުރު ފަރުވާއަށް ސެންޓޭ ދަނޑުން ފޭބިއެވެ.

މަހިބަދޫ އަތުން 6-1 ލަނޑުން ނިއު މޮޅުވި އެ މެޗުގައި ސެންޓޭއަށް އަނިޔާވި ނަމަވެސް ނިއުގެ ކޯޗުު މިކާ ލޮންސްޓްރަމް ބޭނުންވީ ސެންޓޭ އިތުރަށް މެޗު ކުރިއަށް ގެންދާށެވެ. އަނިޔާއިން ފަރުވާ ހޯދުމަށްފަހު އަލުން ސެންޓޭ ކުޅެން އެރުވި ނަމަވެސް ދެ ފަހަރަކު ފަރުވާ ހޯދުމަށް ދަނޑުން ފައިބަން ޖެހުނެވެ. ސެންޓޭއަށް އިތުރަށް ކުޅުން ކުރިއަށް ނުގެންދެވިގެން ދަނޑު ދޫކޮށް ދާން ޖެހުނީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ.

ނިއުއިން “ވަގުތުޑޮޓްއެމްވީ” އަށް މައުލޫމާތު ދިންގޮތުގައި، މާލެއިން ސެންޓޭ ބެލި ޑޮކްޓަރު ބުނެފައިވަނީ އެ އަނިޔާއަށް ފަރުވާ ހޯދުމަށްޓަކައި އޮޕަރޭޝަނެއް ކުރަން ޖެހޭނެކަމަށާއި އެ އޮޕަރޭޝަން ކުރަން ޖެހިއްޖެނަމަ، އޭނާއަށް ތިން މަސް ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ.

ސެންޓޭ މިއަދު “އީޓީ” އާ ވާހަކަ ދައްކަމުން ބުނިގޮތުގައި އިތުރު ފަރުވާ ހޯދުމަށް އޭނާ ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސްރީލަންކާއަށް ފުރައިފައެވެ. އަދި ލަންކާއިން އިތުރު ސްކޭން ކުރުމަށްފަހު އަނިޔާގައި ހޭދަވާ މުއްދަތު މުޅިން ފައިނަލުވާނެ ކަމަށްވެސް އޭނާ ބުންޏެވެ. ފަރުވާ ހޯދުމަށްފަހު ސެންޓޭ ރާއްޖެ އަންނަން ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގަ އެވެ. ނަމަވެސް ސީޓީ ސްކޭންގެ ރިޕޯޓް ލިބޭނީ އަންނަ ހޯމަދުވަހު ކަމަށް ވެސް ސެންޓޭ ބުންޏެވެ.

މިސީޒަނުގައި ނިއުއަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔަކީ ވެސް ސެންޓޭ އެވެ. ސެންޓޭ ވަނީ މިސީޒަނުގައި ޖުމްލަ 25 ލަނޑު ކާމިޔާބުކޮށްފައެވެ. އޭގެތެރެއިން ނިއުރޭޑިއަންޓަށް 22 ލަނޑު އޭނާ ވަނީ ކާމިޔާބުކޮށްދީފައެވެ. ދިވެހި ލީގުގައި އޭނާ ކުޅުނު 16 މެޗުން 19 ގޯލު ކާމިޔާބު ކޮށްފައިވާއިރު ސީޒަން ހުޅުވުމުގެގޮތުން ކުޅޭ ޗެރިޓީ ޝީލްޑު މެޗުގައި އެއްގޯލު އަދި އެފްއޭކަޕްގެ ކުއާޓާ ފައިނަލުގައި ނިއުކުޅުނު މެޗުގައި ދެގޯލު ކާމިޔާބުކޮށްފައި ވެއެވެ.

ސެންޓޭއަށް ލިބިފައިވާ އަނިޔާއަށް ފަރުވާ ހޯދުމަށްޓަކައި އޮޕަރޭޝަން ކުރަން ޖެހިއްޖެނަމަ އޭނާއަށް އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕުގެ އިތުރުން ދިރާގު ދިވެހި ލީގުގައި ނިއު ކުޅޭ މެޗު ގެއްލޭނެ އެވެ. ދިވެހި ލީގު މިހާރު ނިއުއަށް ކަށަވަރުވެފައިއޮތުމުގެ ސަބަބުން ލީގު ފަހު މެޗުގައި ސެންޓޭއަށް ނުކުޅެވުމަކީ ނިއުއަށް މައްސަލައަކަށް ނުވިއަސް އެފްއޭ ކަޕް ދިފާއުކޮށް ޕްރެޒިޑެންޓްސް ކަޕް މިލްކު ކުރަން ނުކުންނައިރު ސެންޓޭއަށް ނުކުޅެވުމަކީ ނިއުއަށް މައްސަލަތަކަކާ ކުރިމަތިވާނޭ ކަމެކެވެ. އަދި މިމަހު ފަހުކޮޅު ފަށާ ބ. އަތޮޅު ފުޓްބޯޅަ ޗެލެންޖުގައިވެސް ސެންޓޭއަށް ކުޅެވޭނެ ކަމާމެދު ޝައްކެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. The Ventiez

    ކޮންމެއަކަސް ވަރަށް ހިތާމަވެރި ގޮތެއް މިދިމާވީ…. ސެންޓޭއަށް އަވަސް ޝިފާއަކަށް އެދެން… ޕްރެސިޑެންޓްސް ކަޕްގައި މާޒިޔާ ބަލިކުރަން އެބަޖެހޭ…. ސެންޓޭ ނެތި އެކަން ކުރަން ވަރަށް އުނދަގޫ ވާނެ…!!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.