ބ. އަތޮޅުގައި ފުލުހުން މެޑިކަލް ކޭމްޕެއް ކުރިއަށް ގެންގޮސްފި

ބ. އަތޮޅުގައި މިހާރު ކުރިއަށްދާ މެޑިކަލް ކޭމްޕްގެ ބައިވެރިން -- ފޮޓޯ: ޕޮލިސް މީޑިއާ، ޢަބްދުﷲ ސިމާދު ޢަލީ
ބ. އަތޮޅުގައި މިހާރު ކުރިއަށްދާ މެޑިކަލް ކޭމްޕްގެ ބައިވެރިން — ފޮޓޯ: ޕޮލިސް މީޑިއާ، ޢަބްދުﷲ ސިމާދު ޢަލީ

ހިލޭ ޑޮކްޓަރަށް ދެއްކޭގަތަށް ބ. އަތޮޅުގެ ތިން ރަށަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މެޑިކަލް ކޭމްޕެއްގައި 400 އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދީފި އެވެ.

ޕޮލިސް މެޑިކަލް އާއި ޕޮލިސް ފެމެލީ އެސޯސިއޭޝަން ގުޅިގެން މިދިޔަ ހުކުރު ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޭމްޕު ކުރިއަށް ގެންދިޔައީ އޭދަފުއްޓާއި މާޅޮސް އަދި ތުޅާދޫގަ އެވެ.

“ކޭމްޕްގެ ބޭނުމަކީ އެ ތިން ރަށުގެ ރައްޔިތުންނަށް ތަފާތު ދާއިރާތަކުން ހާއްސަ ޑޮކްޓަރުންގެ ޓީމަކުން، ރަށުގައި ތިބެގެން ލުއި ފަސޭހަކަމާ އެކު ސިއްހީ ފަރުވާ ލިބޭނެ މަގު ފަހިކޮށްދިނުން. މީގެ އިތުރުން ރައްޔިތުންނަށް ސިއްހީ މައުލޫމާތު ފޯރުކޮށްދިނުމާއި ސިއްހީ ގޮތުން އެކަށީގެންވާ މާހައުލެއް ގާއިމްކުރުމުގެ އިތުރުން ފުލުހުންގެ މަަސައްކަތުގެ ރައްޔިތުން ބައިވެރިކުރުން،” ފުލުުހުންގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

މެޑިކަލް ކޭމްޕް ކުރިއަށް ގެންދިއުމަށް މިއަތޮޅަށް ވަޑައިގެންނެވި ޑެޕިއުޓީ ކޮމިޝަނަރު މުހައްމަދު ސާދިގު ވިދާޅުވީ ފުލުހުންގެ ހަމައެކަނި މަސައްކަތަކީ ތަހުގީގު ކުރުން ކަމަށް ބައެއް މީހުންނަށް ހީވެފައި އޮތް ނަމަވެސް އެއީ މުޅިން ރަނގަޅު ހީއެއް ނޫން ކަމަށެވެ. އަދި ދިވެހި ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި އެވަގުތަކު ފުލުހުންގެ ފަރާތުން ކުރެވެން އޮންނަ ކޮންމެ މަސައްކަތެއްވެސް ފުލުހުން ކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނިގޮތުގައި އޭޑީކޭ ހޮސްޕިޓަލުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ އެ ކޭމްޕްގައި އެ ހޮސްޕިޓަލްގެ ކުޑަކުދިންނާއި އަންހެނުގެ ޚާއްޞަ ޑޮކްޓަރަކާއި ލޮލުގެ ޚާއްޞަ ޑޮކްޓަރެއްގެ އިތުރުން ސާޖަރީއަށް ހާއްސަ ޑޮކްޓަރެއް ބަލި މީހުން ބެލުމުގައި ހަރަކާތްތެރިވަޑައިގަތެވެ.

އޭގެ އިތުރުން، މި ކޭމްޕުގައި އަމިއްލަގޮތުން ބައިވެރިވެވަޑައިގެންނެވި ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު ޢަބްދުލް ޢަޒީޒް އަހްމަދާއި ދަތުގެ ޚާއްޞަ ޑޮކްޓަރު އަޙްމަދު ސަލީމްގެ އިތުރުން ފުލުހުންގެ ޢާންމު ބަލިތަކުގެ 3 ޑޮކްޓަރުންނާއި ކަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއްވެސް ބައިވެރިވެ ވަޑައިގަތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.