ސެންޓޭ ނިއުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި

ނިއު ރޭޑިއަންޓްގެ ފޯވަޑް އަލީ ފާސިރު (ސެންޓޭ): އެފްއޭ ކަޕްގެ ފައިނަލްގައި ކުރިން ސެންޓޭ ވަނީ ނިއުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފައި. -- ހަވީރު ފޮޓޯ / މުހައްމަދު ޝަރުހާން
ނިއު ރޭޑިއަންޓްގެ ފޯވަޑް އަލީ ފާސިރު (ސެންޓޭ): އެފްއޭ ކަޕްގެ ފައިނަލްގައި ކުރިން ސެންޓޭ ވަނީ ނިއުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފައި. — ހަވީރު ފޮޓޯ / މުހައްމަދު ޝަރުހާން

އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ކުޑަ ދުވަސްކޮޅެއް ހޭދަކުރުމަށް ފަހު، ނިއު ރޭޑިއަންޓްގެ ފޯވަޑް އަލީ ފާސިރު (ސެންޓޭ) އެ ޓީމުގެ ފަރިތަކުރުންތަކުގައި ރޭ ބައިވެރިވާން ފަށައިފި އެވެ.

ސެންޓޭ އަށް އަނިޔާވީ ދިރާގު ދިވެހި ލީގުގައި މިދިޔަ ހަފުތާގައި މަހިބަދޫ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނިއު ކުޅުނު މެޗުގަ އެވެ.

އެ މެޗުގައި ފަސް ލަނޑު ޖަހައި، ރަންބޫޓު ހޯދުމުގެ ރޭހުގައި ކުރިއެރުންތަކެއް ހޯދި ސެންޓޭ އަށް އަނިޔާވީ މެޗުގެ ދެވަނަ ހާފުގަ އެވެ. ސެންޓޭގެ ކަނާތު ފަޔަށް ލިބުނު އަނިޔާ އަށް ފަރުވާ ހޯދުމަށް އޭނާ ސްރީލަންކާ އަށް ވެސް ދިޔަ އެވެ. ސެންޓޭ އަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ މި ސީޒަންގައި ދެން ފެނިދާނެ ކަމާމެދު އޭރު ސުވާލު އުފެދުނެވެ.

އެހެން ނަމަވެސް ސެންޓޭގެ އަނިޔާ ހީކުރެވުނުހާ ސީރިއަސް ނުވުމުން އޭނާ އަށް މި ސީޒަންގެ ކުޅެވިދާނެ ކަމަށް ނިއު އިން ވަނީ ފަހުން ބުނެފަ އެވެ.

މާދަމާ ރޭ ކުޅޭ އެފްއޭ ކަޕްގެ ފައިނަލްގައި މާޒިޔާއާ ދެކޮޅަށް ނުކުތުމަށް ތައްޔާރުވަމުންދާ ނިއުގެ ފަރިތަކުރުންތަކުގައި ބޯޅަ ޓްރޭނިން ނޫން އެހެން ތަމްރީނުތަކުގައި ސެންޓޭ ރޭ ބައިވެރިވި އެވެ.

ނިއުގެ އޮފިޝަލަކު މިއަދު ބުނީ ސެންޓޭ ފަރިތަކުރުންތަކަށް ނުކުތުމަކީ އެ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި އެފްއޭ ކަޕްގެ ފައިނަލްގައި ސެންޓޭ “ފެނުމުގެ ފުރުސަތު އެބައޮތް” ކަމަށެވެ.

“ރިކަވަރީގައި އުޅުމަށް ފަހު ޓީމުގެ ފަރިތަކުރުންތަކަށް ސެންޓޭ ރޭ ނުކުތީ. ވަރަށް ރަނގަޅަށް ސެންޓޭގެ ރިކަވަރީ ދިޔައީ. ފައިނަލްގައި ކުޅުމުގެ ފުރުސަތު ވެސް އެބައޮތް. ފައިނަލް އޮންނަ ދުވަހުހެން ހީވަނީ ބޮޑަށް ގޮތެއް ނިންމާނީ އޭނާ ލައްވައި ކުޅުވުމާމެދު،” އޮފިޝަލް ބުންޏެވެ.

މި ސީޒަންގައި ބާކީ އޮތީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް އެވެ. އެފްއޭ ކަޕް މާދަމާ ރޭ ނިމޭއިރު، ޕްރެޒިޑެންޓްސް ކަޕް އޮތީ މި މަހުގެ 23 އިން 30 އަށެވެ.

މަހިބަދުއާ ދެކޮޅަށް ކުޅުނު މެޗުގައި ނިއުގެ ހަ ވަނަ ލަނޑު، އަދި މެޗުގައި ސެންޓޭގެ ފަސް ވަނަ ލަނޑު އޭނާ ކާމިޔާބުކުރީ މެޗުގެ 64 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ސެންޓޭ އަށް މަހިބަދޫގެ ކުޅުންތެރިއެއް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ސެންޓޭ ޖެހި ނަމަވެސް، އޭނާ އަށް އޭރު ހުރީ އަނިޔާވެފަ އެވެ. ސެންޓޭ އިތުރަށް ކުޅެން މަސައްކަތްކުރި ނަމަވެސް، އެ އަނިޔާއާ ގުޅިގެން އޭނާ ވަނީ އޭގެ އިރުކޮޅެއް ފަހުން ބާލައިފަ އެވެ.

އެ މެޗުގައި ސެންޓޭ އަށް އަނިޔާވިއިރު، އޭނާ ވަނީ މި ސީޒަންގައި 25 ލަނޑު ހަމަކޮށްފަ އެވެ.

(ހަވީރު އޮންލައިން)

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. The Ventiez

    ވެލްކަމް ބެކް ސެންޓޭ… އުއްމީދުކުރަން މިރޭ އެފް އޭ ކަޕް ފައިނަލްގައި މާޒިޔާ އާ ދެކޮޅަށް މޮޅުކުޅުމެއް ދައްކައި ޖޯލް ޖަހާނެ ކަމަށް… އަސަދުﷲ އައްވުރެށް 3 ގޯލު މަދީ… ޔޫ ކޭން ޑޫ އިޓް ސެންޓޭ… މިރޭ ސަޕޯޓްކޮށް ދައްކާލާނަން….

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.