ބ. އެޓޯލް ފުޓްބޯލް ޗެލެންޖް – ފެހެންދޫ

1999 ވަނަ އަހަރު "ފާއިޒް ކަޕް" ކާމިޔާބުކުރި ފެހެންދޫ ޓީމް
1999 ވަނަ އަހަރު “ފާއިޒް ކަޕް” ކާމިޔާބުކުރި ފެހެންދޫ ޓީމް

އާބާދީ ކިތަންމެ ކުޑަނަމަވެސް ފެހެންދޫ އަކީ ފުޓްބޯޅައިގެ ހުނަރު ހުރި ރަށެކެވެ. ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތްތަކުގައި އެރަށަށް ނިސްބަތްވާ ގިނަ ކުދިންތަކެއް ވަނީ އޭދަފުށީ ދަނޑުގައި މޮޅު ކުޅުމެއް ދައްކާފައެވެ. ތަފާތު އެކި ސަބަބުތަކާއި ހުރެ ފުޓްބޯޅައިގެ ރޮނގުން ކުރިއަށް ނުދެވުނު ނަމަވެސް އެ ކުޅުންތެރިންގެ ހުނަރުވެރިކަމާމެދު ދެބަސްވެވޭނެ ޖާގައެއްނެތެވެ.

މީސްކޮޅު މަދުނަމަވެސް އެކުވެރިކަމާއިއެކު ރަށު ފެންވަރުގައި ފޯރިގަދަ މުބާރާތްތަކެއް އެރަށުގައި ބާއްވައެވެ. އަދި އެރަށް ނިސްބަތްވާ ފަޅުތެރޭގެ ޓީމްތަކާއި ރަނގަޅު ވާދައެއް ކުރެއެވެ. އަތޮޅު ފެންވަރުގައި ބޭއްވި މުބާރާތްތަކުން މީގެ ކުރިން އެރަށުން ބައިވެރިވެފައި ވަނީ މިދިޔަ އަހަރުގެ ބ. އެޓޯލް ފުޓްބޯލް ޗެލެންޖް ގައެވެ. މާގިނަ މުބާރާތްތަކެއްގައި ބައިވެރިވުމުގެ ފުރުޞަތު އެރަށަށް ނުލިބުނު ނަމަވެސް، ފެހެންދޫ އަކީ އަތޮޅުގެ އެހެން ރަށްތަކާއި ރަނގަޅު ވާދައެއް ކުރެވިދާނެ ޓީމެކެވެ.
ފުޓްބޯޅައިގައި ފާހަގަކޮށްލެވޭފަދަ ބޮޑު ކާމިޔާބީއެއް އެރަށަށް ލިބިފައި ނުވިނަމަވެސް ނުވަދިހައިގެ ފަހުކޮޅު، ގޮއިދޫގައި ބޭއްވި “ފާއިޒް ކަޕް” ގެ ޗެމްޕިއަންކަން ފެހެންދޫ ވަނީ ދެފަހަރު ހޯދާފައެވެ. 1999 އަދި 2000 ވަނަ އަހަރު ފަޅުތެރެއަށް ނިސްބަތްވާ ގޮއިދޫ އަދި ފުޅަދުއާއި ދެކޮޅަށް ކުޅެ ހޯދާފައިވާ މިކާމިޔާބީ ތަކަކީ މިއަދު އެރަށުން ފެންނަމުންދާ ފުޓްބޯޅައިގެ ރޫހަށް ދިރުމެއް ގެނެސްދިން ކަމެކެވެ.

އަތޮޅު ފެންވަރުގައި ރަށަށް ބޮޑު ކާމިޔާބީއެއް ނުލިބުނު ނަމަވެސް އެރަށަށް ނިސްބަތްވާ ކުޅުންތެރިން ރާއްޖޭގެ އެކި ލެވެލްތަކުގެ މުބާރާތްތަކުގައި ވާދަކޮށްފައިވެއެވެ. މިގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއްކުޅުންތެރިއަކީ އެރަށު ހުސެއިން ޝިޔާން (ދޮނާ) އެވެ. މީގެ އަހަރުތަކެއް ކުރިން ބޭއްވި ޒޯން މުބާރާތްތަކުގައި ރާއްޖޭގެ މަޝްހޫރު ރަށްރަށަށް ގަލޮޅު ދަނޑުގައި ކާމިޔާބީ ހޯދައިދިނުމުގައި ދޮނާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. ޒޯން މުބާރާތްތަކުގައި އޭރުގެ މަޝްހޫރު ހިންނަވަރު ހެސްޕްރެސް ޓީމާއި، ތިނަދޫ އަދި ހަނިމާދޫ ޓީމަށްވެސް ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިޔާ މިފަހަރުގެ ޓީމުން ފެނިގެންދާނެ ކަމަށް އެރަށުން މަޢުލޫމާތުދެއެވެ. ދޮނާގެ އިތުރުން މިފަހަރުގެ މުބާރާތުގައި ވާދަކުރާ އެރަށުގެ އެންމެ ހުނަރުވެރި އެއް ކުޅުންތެރިއަކީ އަޙްމަދު ނިޒާމް (ނިޒާމްބެ) އެވެ. ނިޒާމް އަކީ 2012 ވަނަ އަހަރު މެލޭޝިއާގައި އޮތް 22 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ވާދަކުރި ދިވެހި ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. ނިޒާމް ވަނީ ޓީސީ ސްޕޯޓްސް ކްލަބް އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަނަށް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްދީފައެވެ. އެއްވަނަ ޑިވިޝަންގެ ކޮލިފައިންގައި ޔުނައިޓެޑް ވިކްޓްރީ އާއި ދެކޮޅަށް ކުޅުނު މެޗްގައި ނިޒާމްބެ ވަނީ އެޓީމަށް ފަސް ގޯލް ކާމިޔާބުކޮށްފައެވެ. ބ. އެޓޯލް ފުޓްބޯލް ޗެލެންޖުގައި ވޭތުވެދިޔަ ދެއަހަރުވެސް ނިޒާމްބެ ފެނިފައި ވަނީ ގޮއިދޫ ޓީމުންނެވެ.

2013 ވަނަ އަހަރުގެ ބ. އެޓޯލް ފުޓްބޯލް ޗެލެންޖުގައި ވާދަކުރި ފެހެންދޫ ޓީމް
2013 ވަނަ އަހަރުގެ ބ. އެޓޯލް ފުޓްބޯލް ޗެލެންޖުގައި ވާދަކުރި ފެހެންދޫ ޓީމް

މިފަހަރުގެ މުބާރާތަށް އެރަށުން ކުރިމަތިލަނީ އާއުއްމީދަކާއި އެކުއެވެ. ނިޒާމްބެގެ އިތުރުން އެރަށު ޓީމްގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމެނެއެވެ. އެއްވަނަ ޑިވިޝަނަށް ނިސްބަތްވާ ކުޅުންތެރިއަކު ޓީމްގައި ނެތްނަމަވެސް އަތޮޅުގައި ތިބި ހުނަރުވެރި ކުޅުންތެރިންތަކެއް އެޓީމަށް ވަނީ ގެންގޮސްފައެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ބައިވެރިވެ ގްރޫޕް ސްޓޭޖުން ކެޓުން ވެގެންދިޔައީ އެރަށަށް ލިބުނު ބޮޑު ނާކާމިޔާބީއަކަށެވެ. މިދިޔަ އަހަރުގެ މުބާރާތުގައި އެޓީމުން 4 ގޯލް ޖަހާފައިވާއިރު ބައިކޮޅަށް ވަނީ 11 ގޯލް ވަދެފައެވެ. އޭގެތެރެއިން 7 ގޯލް ވަދެފައިވަނީ އޭދަފުއްޓާއި ދެކޮޅަށް ކުޅުނު މެޗްގައެވެ. އެހެންކަމުން މިފަހަރު ޓީމްގެ އުއްމީދަކީ މުބާރާތުގެ ގްރޫޕް ސްޓޭޖް ހުރަސްކޮށް ވަރުގަދަ ޓީމްތަކާއި ރަނގަޅު ވާދައެއްކުރުމެވެ.

މިފަހަރުގެ މުބާރާތުގައި ދޮންފަނާއި، ދަރަވަންދޫ އަދި އޭދަފުއްޓާއި އެއް ގްރޫޕެއްގައި އޮތްނަމަވެސް އެޓީމްތައް ބަލިކުރުމަކީ އެޓީމަށް ވެދާނެކަމެއްކަމަށް ކުޅުންތެރިން ޤަބޫލުކުރެއެވެ. ޓީމްގެ މެނޭޖަރ އީޓީއާއި ވާހަކަދައްކަމުން ބުނީ މިދިޔަ އަހަރުގެ ނާކާމިޔާބީގެ ސަބަބުން މިފަހަރުގެ ޓީމް އިތުރަށް ވަރުގަދަ ކުރަން މަސައްކަތްތަކެއް ކުރިކަމަށެވެ. އަދި އޭގެ ނަތީޖާ މިފަހަރު ފެންނާނެކަމަށް އޭނާ ޤަބޫލުކުރެއެވެ.

” ވަރުގަދަ ވާނެ. އެންމެ ކުޑަކޮށްވެސް ސެމީއާއި ހަމައަށް ދިއުން އުއްމީދަކީ. ސެމީއަށް ދެވުނަސް ވަރުގަދަ ޓީމްތަކާއި ރަނގަޅު ވާދައެއް ކުރާނަން” މެނޭޖަރ މޫސާ ނަސީމް ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ ދޮންފަނާއި، ދަރަވަންދޫ ބަލިކުރުމަކީ ވެދާނެކަމެއް ކަމަށާއި، ނަމަވެސް އޭދަފުށި ބަލިކުރުމަކީ އުނދަގޫ ކަމަކަށް ވާނެކަމަށެވެ. ” ގްރޫޕްގަ އެބައޮތް ބަލިކުރެވިދާނެ ޓީމްތަކެއް، އެކަމު އޭދަފުށި ބަލިކުރަން އުނދަގޫވާނެ. އޭދަފުށިވެސް ސިއްސުވާލެވިދާނެކަމަށް އުއްމީދުކުރަން” ގްރޫޕް ސްޓޭޖްގެ މެޗުތަކާއި ބެހޭގޮތުން މޫސާ ނަސީމް ބުންޏެވެ.

މިފަހަރުގެ މުބާރާތަށް ޓީމް ނުކުންނަނީ އާ ރޫހެއްގައި ކަމަށާއި، މުބާރާތާއި ކުރިމަތިލާއިރު ޓީމްގެ ޖޯޝް ވަރަށް ވަރުގަދަކަމަށް މެނޭޖަރގެ ވާހަކައިގައި ފާހަގަކުރިއެވެ. “މިއީ ރައްޔިތުންގެ ޓީމެއް، ޓީމް ތަމްސީލުކުރާއިރު ވަރަށް ޖޯޝްގައި މިފަހަރު ކުޅޭނީ، މިދިޔަ އަހަރު ގްރޫޕް ސްޓޭޖުން ކެޓިޔަސް ވަރަށް ރަނގަޅު ފައިޓެއް މިފަހަރު ދޭނަން”

މުބާރާތުގައި ފެހެންދޫ ކުޅޭ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ދަރަވަންދޫއާއެވެ. މި މެޗް ކުޅޭނީ ނޮވެމްބަރ 30 ވަނަ ދުވަހުގެ 1:00 ގައެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. Kihaadhoo ބަތްޕޮޅި

    ކޮބާ އޭދަފުށީޓީމް…. މިޓީމް އަދިވެސް އެކުލަވާލާ ނުނިމެނީތަ؟؟؟ މެޗްފަށަން ވާއިރަށް ތިޔަކަން ވާނެބާ؟؟؟؟

    ރައްދު
  2. fehendhoo

    ފެހެންދޫ ޓީމަކީީީީ ބ.އަތޮޮޅުން ރޭންކިންގެ 5ވަނަ ޓީމް ….މިފަހަރު ރަގަޅު ވަަާނެކަމަށް އުންމީދު ކުރަން

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.