
އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ދެ ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގައި ބާއްވަން އެ ކުންފުނިން އިއުލާނުކޮށްފި އެވެ.
މި ޖަލްސާގައި އެ ކުންފުނީގެ މިދިޔަ އަހަރުގެ މާލީ ބަޔާންތައް ފާސްކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި 3.30ރ. ބަހަން ހުށަހަޅާނެ އެވެ.
އުރީދޫ އަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 588 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 10 ޕަސެންޓުގެ ކުރިއެރުމެކެވެ. އެ ކުންފުންޏަށް 2018 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 525 މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރު އުރީދޫން ވަނީ އެ ކުންފުނީގެ ފައިދާގެ 85 ޕަސެންޓް ހިއްސާދާރުންނަށް ބަހައިފަ އެވެ. އެއީ ހިއްސާއަކަށް 3.20ރ. މަގުންނެވެ. އާންމު ހިއްސާދާރުންނަށް 472 މިލިއަން ރުފިޔާ އެ ކުންފުނިން ވަނީ ބަހައިފަ އެވެ.
މި އަހަރުގެ ހިއްސާ ބަހަނީ މި މަހުގެ 11 ވަނަ ދުވަހުގެ ކުރިން އެ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީވާ މީހުންގެ މެދުގަ އެވެ.
މީގެ އިތުރުން އާންމު ހިއްސާދާރުންގެ ތެރެއިން ބޯޑު ތަމްސީލު ކުރާ މެންބަރު ހޮވުމަށް ހަމަޖެހިފައިވެ އެވެ. ބޯޑަށް ހަތަރު މެންބަރުން ކުރިމަތިލާފައިވެ އެވެ.
ބޯޑަށް ކުރިމަތިލި މެންބަރުން
– އިބްރާހިމް ފިރުޝާން
– އައިޝަތު ހުސައިން މަނިކު
– އިބްރާހިމް ޝަރީފު މުހައްމަދު
– ފަރީހާ ޝަރީފު
އާންމު ހިއްސާދާރުންގެ ތެރެއިން ހޮވޭ ޑިރެކްޓަރު 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއާ ހަމަޔަށް އެ މަގާމުގައި ހުންނާނެ އެވެ. އަހަރީ އާންމު ޖަލްސާގައި ރަޖިސްޓްރީ ވުމަށް މި މަހުގެ 26 ވަނަ ދުވަހާ ހަމަ އަށް ވަނީ ހުޅުވާލައިފަ އެވެ.
