
އެޓޯލް ޗެލެންޖުގައި ބައިވެރިވާ ކުޑަރިކިލު ޓީމަކީ މިދިޔަ އަހަރުގެ މުބާރާތުގައި ރަނގަޅު ވާދައެއްކުރި ޓީމެކެވެ. ދިގު ދަތުރެއްކޮށްފަ ކުޅެންއަރަން ޖެހުނަސް ތައްޔާރަށް ތިބި ކުޑަރިކިލު ޓީމް މިފަހަރުގެ މުބާރާތާއި ކުރިމަތިލަނީ ތަށި ހޯދުމުގެ އަޒުމުގައެވެ. މިދިޔަ އަހަރުގެ މުބާރާތުގައި އެޓީމް ދެއްކި އުއްމީދީ ކުޅުމަކީ މިފަހަރުގެ މުބާރާތުގައި ޓީމުތަކުން އެރަށަށް ސަމާލުކަންދޭނެ އެއްސަބަބެވެ. ސެމީ ފައިނަލްގައި ޗެމްޕިއަން އޭދަފުއްޓާއި ދެކޮޅަށް ރަނގަޅު ކުޅުމެއް އެރަށުން ވަނީ ދައްކާފައެވެ. އޭދަފުށި އަތުން 3-1 ބަލިވެ މުބާރާތުން ކެޓިނަމަވެސް އެއީ އެމުބާރާތުގައި އޭދަފުއްޓަށް ކުރިމަތިވި އެންމެ އުނދަގޫ އިމްތިހާނުކަމަށް ކުޅުންތެރިން ބުނެއެވެ. އެހެންކަމުން މިފަހަރުގެ މުބާރާތުގައި ކުޑަރިކިލަށް ކާމިޔާބީއާއި ހަމައަށް ދިއުމުގައި މިދިޔަ އަހަރުގެ ތަޖުރިބާ މުހިއްމު ރޯލެއް އަދާކުރާނެކަމަށް ބެލެވެއެވެ.
ފުޓްބޯޅައިގައި ކުޑަރިކިލަކީ ކުރު މާޒީއެއް އޮތްރަށެކެވެ. ހިނިތުންވުން ގެނެސްދޭނޭ ކާމިޔާބެއް ރަށަށް ލިބިފައިނެތަސް އެރަށު ޓީމު މިދިޔަ އަހަރު ދެއްކި މޮޅު ކުޅުމާއެކު ފުޓްބޯޅައިގައި އަތޮޅުން ނަންކިޔާ ރަށަކަށް ކުޑަރިކިލު ވަނީ ވެފައެވެ. ކުޑަރިކިލު މިހާތަނަށް ކުޅެފައިވާ ހަމައެކަނި ވާދަވެރި މުބާރާތަކީ މިދިޔަ އަހަރުގެ ފުޓްބޯލް ޗެލެންޖެވެ. އެމުބާރާތުގައި ކުޑަރިކިލަށް ވަނީ ފެއަރ ޕްލޭ ޓީމުގެ މަގާމް ލިބިފައެވެ. އެމުބާރާތުގައި 11 ގޯލް ޖަހާފައިވާއިރު ބައިކޮޅަށް 10 ގޯލް ވަދެފައި ވެއެވެ. ގްރޫޕް ސްޓޭޖްގައި ދޮންފަނާއި، ދަރަވަންދޫ މިއިން ކޮންމެ ޓީމެއް ކޮޅަށް ފަސް ގޯލް އެޓީމުން ޖަހާފައިވެއެވެ.
މުބާރާތަށް ދުރާލާ ތައްޔާރުވަމުން އަންނަ ޓީމްގެ ކޯޗުކަން މިފަހަރު ކުރާނީ މުޙައްމަދު ޒާހިދު (ބައްޓޭ) އެވެ. ނުވަދިހައިގެ އަހަރުތަކުގައި އެއްވަނަ ޑިވިޝަނަށް ކުޅުނު ބައްޓޭއަކީ ފުޓްބޯޅައިގައި އަތޮޅުން ފެނުނު އެންމެ ހަރަކާތްތެރި އެއް ކޯޗެވެ. 1993 ވަނަ އަހަރު ގަލޮޅު ދަނޑަށް ނުކުތް ބައްޓޭ ވަނީ ވެލެންސިޔާގައި މޮޅު ކުޅުމެއް ދައްކާފައެވެ. މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ ތެރެއިން އެންމެ ކުރިން ޕްރެކްޓިސް ފަށައި ގިނަ ޕްރެކްޓިސް މެޗްތަކެއް އޭނާގެ އިރުޝާދުގެ ދަށުން ކުޑަރިކިލު ވަނީ ކުޅެފައެވެ. އެކުވެރިކަމުގެ ފަސްމެޗް މިހާތަނަށް ކުޅެފައިވާއިރު އެ ހުރިހާ މެޗެއްވެސް އެރަށުން ވަނީ ކާމިޔާބުކޮށްފައެވެ. މީގެ ތެރޭގައި މުބާރާތުގައި ބައިވެރިވާ ދަރަވަންދޫ އަދި ދޮންފަނު ޓީމުވެސް ހިމެނެއެވެ. މީގެ އިތުރުން އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ޓީމާއި އަނަންތަރާ ކިހަވައް ވިލާސް ރިސޯޓާއި ކުޅުނު ދެމެޗްވެސް އެރަށުން ވަނީ ކާމިޔާބުކޮށްފައެވެ. މި ފަސް މެޗްގައި 12 ގޯލް އެޓީމުން ޖަހާފައިވާއިރު ބައިކޮޅަށް ވަނީ އެންމެ 3 ގޯލެވެ.
އެއްވަނަ ޑިވިޝަނަށް ބަރޯސާނުވެ، ނިކުންނަ މި ޓީމްގައި މިފަހަރުވެސް ރަށުން ބޭރުން ތިންކުޅުންތެރިން ވަނީ ހިމަނާފައެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިއަކީ މިދިޔަ އަހަރު އޭދަފުށީ ޓީމްގެ ފަހަތް ހުށިޔާރުކަމާއިއެކު ބެލެހެއްޓި އަޙްމަދު ހުމައިދެވެ. ކޮންމެ ރަށަކަށް ކުޅެން ޖެހުނަސް ހުމައިދު ހުރީ އޭނާގު ހުނަރު މިފަހަރުވެސް ތަކުރާރު ކުރުމުގެ އަޒުމުގައެވެ. މީގެ އިތުރުން ޓިމްގައި ހިމެނޭ ރަށުން ބޭރުން ދެކުޅުންތެރިންކަމަށްވާ އިބްރާހިމް ރަޝީދު (ކަކާ) އާއި މުޙައްމަދު ރިޔާޒް (ބަފާ) އަކީވެސް ހުނަރުވެރި ދެކުޅުންތެރިންނެވެ. މުޙައްމަދު ރިޔާޒްއަކީ މިދިޔަފަހަރުގެ ޓީމްގައިވެސް މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. ބޮޑު އީދު މުބާރާތްތަކުގައިވެސް އޭދަފުށީގެ ބައެއް ޓީމްތަކަށް ކުޅެފައިވާ މިދެކުޅުންތެރިންނަކީ މިފަހަރު ކުޑަރިކިލު ޓީމުގެ މެދުތެރެއާއި ކުރި ބެލެހެއްޓުމުގެ މުހިއްމު ޒިންމާ އަދާކުރަންތިބި ކުޅުންތެރިންނެވެ.

ޓީމްގެ މެނޭޖަރ އަޙްމަދު މައުރޫފް އީޓީއާއި ވާހަކަދައްކަމުން ބުނީ މިފަހަރުގެ މުބާރާތަށް ޓީމު އޮތީ ތައްޔާރަށް ކަމަށާއި، އަމާޒަކީ ތަށިކަމަށެވެ. އަދި މިފަހަރު އެންމެ ވަރުގަދަ ވާނެކަމަށް ގަބޫލުކުރަނީ ގޮއިދޫ ކަމަށް މައުރޫފް ބުންޏެވެ.
“ގޮއިދޫއަށް ގެންދިޔަ އޭދަފުށީގަ ތިބި ވަރަށް މޮޅު ދެކުޅުންތެރިން. އެހެންވީމަ ގޮއިދޫ އެންމެ ވަރުގަދަ ވާނެކަމަށް ބެލެވެނީ. މިދިޔަ އަހަރު ގޮއިދޫ އަތުން ބަލިވިޔަސް މިފަހަރު އެޓީމްބަލުކުރަން ނިކުންނާނީ. ދެން ކިހާދޫ ވެސް ބަލިކުރެވޭނެކަމަށް މި ބަލަނީ. އަމާޒަކީ ގްރޫޕްގެ އެއްވަނަ ހޯދުން”
މައުރޫފް ބުނީ މިދިޔަ އަހަރު އޭދަފުށި އަތުން ބަލިވިޔަސް ޓީމުން ވަރަށް ރަނގަޅު ކުޅުމެއް ދެއްކިކަމަށާއި، އެމެޗްގައި އެންމެ މުހިއްމު ކުޅުންތެރިޔާ މުޙައްމަދު ރިޔާޒް (ބަފާ) އަށް އަނިޔާވެ ނުކުޅެވުމަކީ ޓީމަށް ދިމާވި އެންމެ ބޮޑު ގެއްލުންކަމަށެވެ. ނަމަވެސް މިފަހަރު މަންޒަރު ވަރަށް ތަފާތު ވާނެކަމަށް އޭނާގެ ވާހަކައިގައި ފާހަގަކުރިއެވެ.
އެއްވަނަ ޑިވިޝަން ކުޅުންތެރިންނަށް ބަރޯސާނުވެ ކައިރި ހިސާބުން ކުޅުންތެރިން ހޯދީ ބޮޑު ޚަރަދެއް ނުކުރަން ކަމަށް މައުރޫފް ބުންޏެވެ. އަދި އެއްވަނަ ޑިވިޝަންގެ މަޝްހޫރު ކުޅުންތެރިއަކު ހޯދަން މަސައްކަތް ނުކުރާކަމަށް މައުރޫފްގެ ވާހަކައިގައި ބުންޏެވެ.
” އެއްވަނަ ޑިވިޝަން ކުޅުންތެރިން ހޯދުމުގެ ބަދަލުގައި ބޮޑަށް ބެލީ ރަށު ކުޅުންތެރިންނާއި ވާހަކަދައްކައިގެން ކުޅުންތެރިން ހޯދަން. އެއްވަނަ ޑިވިޝަނަށް ކުޅޭ ރަނގަޅު ކުޅުންތެރިން ހޯދަށް ކޮންމެވެސް ވަރަކަށް ވާހަކަދެކެވުނު. އެކަމު ގެންނާކަށް މަސައްކަތެއް ނުކުރަން ”
ކޯޗަށް އޮތް އިތުބާރު ހާމަކުރަމުން މައުރޫފް ބުނީ ބައްޓޭ އަކީ ޓީމަށް ލިބޭނެ އެންމެ ރަނގަޅު ކޯޗުކަމަށާއި، އޭނާގެ މަސައްކަތާއިމެދު ހިތްހަމަޖެހޭކަމަށެވެ. އަދި ޓީމަށް ގެނައި ރަށުންބޭރު ތިންކުޅުންތެރިންނާއި އެކު މުބާރާތުގައި އެކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދާނެކަމަށް މައުރޫފްގެ ވާހަކައިގައި ފާހަގަކުރިއެވެ.
ފޯރިއާއިއެކު މުބާރާތަށް ތައްޔާރުވާ ކުޑަރިކިލު ޓީމްގެ ފުރަތަމަ މެޗްގައި ނިކުންނާނީ ގޮއިދޫ އާއި ދެކޮޅަށެވެ. މުބާރާތް ހުޅުވާ މިމެޗް ކުޅޭނީ ނޮވެމްބަރ 29 ވަނަ ދުވަހު ހަވީރުއެވެ. މިދިޔަ އަހަރުގެ ގްރޫޕް ސްޓޭޖްގައި މިދެޓީމް ބައްދަކުރި މެޗް 3-0 ކާމިޔާބު ކުރީ ގޮއިދޫއެވެ.
ފްރެންޑްލީ 5 މެޗް ކާމިޔާބު ކޮށްގެން 2 މަސްދުވަހު ކޯޗަކާއެކު ޕްރެކްޓިސް ކުރި ޓީމް އެންމެ ކުރީ މުބާރާތުން ކަޓަނީބާ؟؟؟ ކިހާދޫ އަތުން ބަލި……
ފްރެންޑްލީ 5 މެޗް ކާމިޔާބު ކޮށްގެން 2 މަސްދުވަހު ކޯޗަކާއެކު ޕްރެކްޓިސް ކުރި ޓީމް އެންމެ ކުރީ މުބާރާތުން ކަޓަނީބާ؟؟؟
ފައިނަލް ގައި ވާދަ ކުރާނީ ގޮއިދޫ އާއި އޭދަފުށި ކަމަށް ބެލެވެނީ…… އަހަންނަކީ ބ.އަތޮޅަށްވެސް ނިސްބަތްވާ މީހެއްނޫން.. އެހެންނަމަވެސް 2012، 2013 ގައިވެސް މުބާރާތް ބަލަން އޭދަފުށްޓަށް ދިޔައިން…. އިރާދަކުރެއްވިއްޔާ މިފަހަރުވެސް ދެވޭތޯ ބަލާނަން… އަދި މޮޅެތި ކުޅުންތެރިން ފާހަގަކުރާނަން…. އަދި ރާއްޖޭގެ ބޮޑެތި ކްލަބްތަކުން ފުރުޞަތު ހޯދަ ދެވޭތޯ ވަރަށް މަސައްކަތް ކުރާނަން…. އޭދަފުށީ ހަމްޕު އަކީ ވެސް އެގޮތުން ފާހަގަވި ކުޅުންތެރިއެއް…. އަނަސް އަކީވެސް ތަފާތު ކުޅުންތެރިއެއް….
ކުޑަރިކިލުވެސް ތިއޮތީ މަރުގެ ގްރޫޕްގައި… ތި ގްރޫޕުން ސެމީއަށް ދިއުން އެހާ ފަސޭހައެއް ނުވާނެ… ހުސްވެސް ތަށިނަގަން ނުކުންނަ ޓީމްތައް ތިގުރޫޕްގަ އޮތީ…. ސެމީ އާ ހަމަޔަށް ދިއުމަށް އަމާޒު ހިފާފަވާ ޓީމްތަކެއް އަނެއް ގްރޫޕްގައި އެބައޮތް… އޭދަފުށި މިފަހަރު ފަސޭހަ ގްރޫޕެއްގައި…
އޭދަފުށީ ޓީމްގެ ޕްރޮފައިލްގެ އިންތިޒާރުގައި…..