އޭދަފުއްޓާއި ފެހެންދޫ ސެމީއަށް

މިއަދު އޭދަފުށްޓާއި ދަރަވަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން – އީޓީ ފޮޓޯ: އިބްރާހީމް ޒަހާން ޒާހިރު
މިއަދު އޭދަފުށްޓާއި ދަރަވަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން – އީޓީ ފޮޓޯ: އިބްރާހީމް ޒަހާން ޒާހިރު

އެސްޓީއޯ ނޫފަހި ބ. އަތޮޅު ފުޓްބޯޅަ ޗެލެންޖުގައި މިއަދު ކުޅުނު މެޗްތައް ކާމިޔާބުކޮށް އޭދަފުއްޓާއި ފެހެންދޫން ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މިއަދު މެންދުރު ކުޅެވުނު މެޗްގައި އޭދަފުށި ވަނީ ފަސޭހަކަމާއެކު ދަރަވަންދޫގެ މައްޗަށް ކުރިހޯދާފައެވެ. މިމެޗް އޭދަފުށިން ކާމިޔާބުކުރީ 3-0 އިންނެވެ. ފެހެންދޫ ސެމީފައިނަލުން ޖާގަހޯދީ މިއަދު ހަވީރު ކުޅުނު މެޗް 0-1 އިން ދޮންފަނު ބަލިކޮށްގެންނެވެ. މި މޮޅާއެކު އޭދަފުއްޓާއި ފެހެންދޫއަށްވެސް ވަނީ 6 ޕޮއިންޓް ލިބިފައެވެ. ގޯލުގެ ތަފާތުން މި ގްރޫޕްގެ އެއްވަނަ ލިބެނީ އޭދަފުއްޓަށެވެ. ދޮންފަނާއި ދަރަވަންދޫ މުބާރާތުން ކެޓީ ކުޅުނު ދެމެޗުންވެސް ބަލިވެގެންނެވެ.

އޭދަފުއްޓާއި ދަރަވަންދޫ ބައްދަލުކުރި މެޗްގައި ތިންގޯލުވެސް ފެނިގެން ދިޔައީ ފުރަތަމަ ހާފްގައެވެ. މިހާފްގައި އޭދަފުށިން ވަނީ އެޓީމަށް ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުންހިފާފައެވެ. މިގޮތުން މެޗްގެ 7 ވަނަ މިނިޓުގައި ފުރަތަމަ ގޯލް ޖެހީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. 18 ވަނަ މިނިޓްގައި އަޒްމީން އަބްދުއްސައްތާރުގެ ޕާހަކުން އޭދަފުއްޓަށް ލީޑު ފުޅާކޮށްދިނީ ހުސެއިން ޝިމާޒް (ކޮކީ) އެވެ. މެޗްގެ ތިންވަނަ ގޯލް 34 ވަނަ މިނިޓްގައި ކާމިޔާބުކުރީވެސް ޝިމާޒް އެވެ. ހަމްޕު ތަނަވަސްކޮށްދިން ފުރުސަތެއްގައި ޝިމާޒް ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލީ ކީޕަރު ބޯމަތިންނެވެ.

މެޗްގެ ދެވަނަ ހާފްގައި ދަރަވަންދޫގެ ކުޅުން ރަނގަޅު ކުރިނަމަވެސް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. އޭދަފުށިން ވަނީ މެޗްގެ ދެވަނަ ހާފަށް ހުނަރުވެރި ކުޅުންތެރިޔާ ޢަލީ ފާސިރު (ސެންޓޭ) ކުޅެން ނެރެފައެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭދަފުށީ ޓީމްގެ ފަހަތުގައި މޮޅު ކުޅުމެއްދެއްކި އަޙްމަދު ހަނީފްއެވެ.

މިއަދު ފެހެންދުއާއި ދޮންފަނު ބައްދަލުކުރި މެޗުގެ ތެރެއިން – އީޓީ ފޮޓޯ: ސައިނޯސާ ރާއި
މިއަދު ފެހެންދުއާއި ދޮންފަނު ބައްދަލުކުރި މެޗުގެ ތެރެއިން – އީޓީ ފޮޓޯ: ސައިނޯސާ ރާއި

މިއަދު ހަވީރު ކުޅެވުނު މެޗްގައި ފެހެންދޫ މޮޅުވީ މެޗްގެ 74 ވަނަ މިނިޓްގައި ހަސަން ސާޖިދް ޖަހައިދިން ލަނޑުންނެވެ. ސާޖިދް މި ލަނޑުޖެހީ އެޓީމްގެ ޢަލީ ވިޝާމް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭރިޔާތެރޭ ހުހަށްހުރެ ބޮލުން ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. މިއަދުގެ މެޗުން ބަލިވިޔަސް ދޮންފަނުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން މެޗްގެ ފުރަތަމަ ހާފްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ގިނަ ފުރުސަތުތައް ހޯދާފައިވަނީ އެޓީމުންނެވެ. އަދި ފެހެންދޫން ލީޑު ނެގުމާއިއެކު އެޓީމުން ވަނީ ކުރިއަށް ޖެހި ގޯލެއް ޖަހަން މަސައްކަތްކޮށްފައެވެ. ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މި މެޗްގެ 88 ވަނަ މިނިޓުގައި ފެހެންދޫ ޓީމުގެ އެންމެ މުހިއްމު އެއްކުޅުންތެރިޔާ އަޙްމަދު ނިޒާމް (ނިޒާމްބެ) އަށް ވަނީ ރަތްކާޑު ދައްކާފައެވެ. ދެވަނަ ރީނދޫ ކާޑައިއެކު ރަތްކާޑު، ނިޒާމްއަށް ދެއްކީ ދޮންފަނު ޓީމުގެ ޢަލީ ޝަރީފްއަށް ގަސްތުގައި ކުރި ފައުލަކާއި ގުޅިގެންނެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެހެންދޫ ޓީމަށް މޮޅުވި ލަނޑު ކާމިޔާބުކޮށްދިން ސާޖިދްއެވެ.

މުބާރާތުގައި މާދަމާ ކުޅެވޭނީ ގްރޫޕް ބީގެ ފަހު މެޗެވެ. މިމެޗްގައި ބައްދަލުކުރާނީ ކިހާދޫ އާއި ގޮއިދޫއެވެ. ކިހާދޫ މިހާރުވެސް ސެމީން ޖާގަ ހޯދާފައިވާއިރު މެޗް އެއްވަރުކޮށްލިޔަސް ގޮއިދޫއަށް ސެމީ ފައިނަލަށް ދެވޭނެވެ. މި މެޗް ފަށާނީ 15:50 ގައެވެ. މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ 9 ވަނަ ދުވަހުއެވެ. މިފަހަރު މުބާރާތުގެ މެއިން ސްޕޮންސަރ އަކީ އެސްޓީއޯ ނޫފަހި ބްރޭންޑެވެ. އަދި ކޯ ސްޕޮންސާއަކީ އުރީދޫއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.