ތައްޓަށް ވުރެވެސް ބޭނުންވަނީ އޭދަފުށި ބަލިކުރަން: ކިހާދޫ ކޯޗް

DSC_1404

އެސްޓީއޯ ނޫފަހި ބ. އަތޮޅު ފުޓްބޯޅަ ޗެލެންޖުގެ ތަށި ހޯދުމަށްވުރެ، ކުޅުންތެރިން ބޭނުންވަނީ އޭދަފުށި ބަލިކުރަންކަމަށް ކިހާދޫ ޓީމުގެ އެކްޓިންގ ހެޑް ކޯޗް ހުސެއިން ނަސީރު (ނަސީ) ބުނެފިއެވެ. އީޓީ އާއި ވާހަކަދައްކަމުން ނަސީ ބުނީ އޭދަފުއްޓަކީ ވަރަށް ވަރުގަދަ ޓީމެއްކަމަށާއި، އޭދަފުއްޓާއި ކުޅެންޖެހުމުން ކުޅުންތެރިން ތިބީ އާދަޔާ ޚިލާފު ރޫހެއްގައިކަމަށެވެ.

” އަސްލު ވަރަށް ޓަފް ގޭމަކަށް ވާނެ. ކިހާދޫ ޓީމު ކުޅުންތެރިން ބުނަނީ ތައްޓަށް ވުރެވެސް އެމީހުން ބޭނުންވަނީ އޭދަފުށީ ޓީމް ބަލިކުރަންކަމަށް. މާދަން މެޗުގަ 200 ޕަސެންޓް ދީގެންވެސް އޭދަފުށި ބަލިކުރަން އެ ކުޅުންތެރިން ނިކުންނާނީ ”

މީގެ އިތުރުން ނަސީ ބުނީ އޭދަފުށީގައި ހުރި އެންމެ ރަނގަޅު ކުޅުންތެރިޔާ ޢަލީ ފާސިރު (ސެންޓޭ) އަށް އެޓީމުން ސަމާލުވާނޭކަމަށާއި، ސެންޓޭ ހުއްޓުވާނެ އުކުޅުތައް އެޓީމަށް އެނގޭކަމަށެވެ. މީގެ އިތުރުން ނަސީ ބުނީ އޭދަފުށި އެންމެ ފަހުން ކުޅުނު މެޗް ބަލައިގެން ޓީމުގެ ކުޅުން ވަރަށް ރަނގަޅަށް ދެނެގަނެފައިވާކަމަށެވެ.

” އެންމެ ފަހުން އޭދަފުށި ކުޅުނު މެޗް ބެލިން. ކިހާދޫގެ މެދުތެރެ ވަކި ދަށެއް ނުވާނެ. އަނެއްކާ ޅަކުދިން ވިޔަސް ފޯވާޑް ލައިންވެސް ވަރަށް ރަނގަޅު ވާނެ. އިރާދަކުރެއްވިއްޔާ އޭދަފުއްޓަށް ރަނގަޅު ފައިޓެއް މާދަމާގެ މެޗްގައި ދޭނަން ”

އޭދަފުށި ބަލިކުރުމަށް ކިހާދޫ ޓީމުން އެންމެ ބޮޑަށް ބޭނުންވާ އެއްސަބަބަކީ އެފަދަ ފުރުސަތެއް އެރަށަށް މީގެ ކުރިން ލިބިފައި ނެތުންކަމަށް ނަސީ ބުންޏެވެ.

” މީގެ ކުރިން ކިހާދޫ ޓީމް ވަނީ އޭދަފުށީގެ ބައެއް ޓީމުތަކާކުޅެ މޮޅުވެފަ. އެކަމު ސީދާ އޭދަފުއްޓާ ކުޅެފައެއް ނުވޭ. އެހެންވެ އެކުދިން ބޭނުންވަނީ އޭދަފުށި ބަލިކުރަން. އެކަމަށް ސަޕޯޓަރުންވެސް ވަރަށް ބޮޑަށް ތައްޔާރުވޭ އެބަ ”

10264188_744547615620256_843842953957031591_o

އޭދަފުށީގެ ކޯޗް ޝާފީ ޢަލީ ބުނީ ކިހާދޫ ބަލިކުރުމަކީ އެޓީމަށް އުނދަގޫކަމަކަށް ނުވާނެކަމަށެވެ. އަދި އޭދަފުށީ ޓީމު މިފަހަރު ދައްކަމުންދާ ކުޅުމުން ކިހާދޫ ބަލިކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް އޭނާ ބުންޏެވެ.

” މާދަން މެޗަށް ނިކުންނާނީ 100 ޕަސެންޓް ޔަގީންކަމާއެކު. ކިހާދޫ އަކީ ބަލިނުކުރެވޭވަރުގެ މާ ވަރުގަދަ ޓީމެއް ނޫން. ގާތްގަނޑަކަށް ހުރިހާ ކުޅުންތެރިންވެސް ފިޓުކޮށް ތިބީ. އެއް ކުޅުންތެރިއަކު އެބައުޅޭ ކުޑަ އިންޖަރީއެއްގަ. އެކަމް އޭނަވެސް ބޭނުންކުރެވޭނެ މެޗްގަ ”

މީގެ އިތުރުން ޝާފީ ބުނީ އޭދަފުށީ ޓީމަށް މާދަމާ ބޭނުންވަނީ ސަޕޯޓް ކަމަށާއި، ރަށުގެ އެންމެ އެކައްޗެއް ކިޔައިގެން ސަޕޯޓް ދިނުމަކީ ވަރަށް ބޮޑަށް އެދޭކަމެއް ކަމަށެވެ.

” ސަޕޯޓް ވަރަށް ބޭނުން. ބޭނުންވަނީ މުޅި ރަށުން އެކައްޗެއް ކިޔައިގެން ޓީމަށް ސަޕޯޓް ދޭން. މުބާރާތުގައި މިހާތަނަށް އައިއިރު ސަޕޯޓް އެހާ ރަނގަޅެއް ނޫން. ސަޕޯޓަރުންގެ ހިތްވަރާއެކު މާދަން ކިހާދޫ ބަލިކުރެވޭނެކަން ޔަގީން ”

އޭދަފުށި ސެމީފައިނަލުން ޖާގަ ހޯދީ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ގްރޫޕްގައި ކުޅުން ހުރިހާ މެޗަކުންވެސް މޮޅުވެފައިވާއިރު އޭދަފުށީ ޓީމުން ވަނީ މިހާތަނަށް ނުވަ ގޯލް ޖަހާފައެވެ. ބައިކޮޅަށް ވަދެފައިވަނީ ދެގޯލެވެ. ކިހާދޫ ސެމީން ޖާގަ ހޯދީ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމުން ގްރޫޕް ސްޓޭޖްގައި ދެގޯލް ޖަހާފައިވާއިރު ބައިކޮޅަށް ވަނީ ފަސްގޯލް ވަދެފައެވެ. ފޯރިގަދަ ވާނެކަމަށް ބެލެވޭ މި މެޗް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ 3:45 ގައެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. ބަތްޕެން

    ކޮބާ އެއްކަލަ ކިހާދޫ ބަތްޕޮޅި ؟ މިއަދު ހަމަ ސޫޕް ބޯންދީފަ ރަށަށް ފޮނުވާލާނީ. ދެން ހުރެބަލަ ނިކަން

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.