މިއަދުގެ މެޗަކީ މުބާރާތުގެ އެންމެ ވަރުގަދަ އިމްތިހާން: އިގްބާލް

ގޮއިދޫ ޓީމް ގުރޫޕް ސްޓޭޖުގައި ކިހާދޫއާ ބައްދަލުކުރި މެޗުގައި ޓީމަށް އިރުޝާދުދެނީ – އީޓީ ފޮޓޯ: އިބްރާހީމް ޒަހާން ޒާހިރު
ގޮއިދޫ ޓީމް ގުރޫޕް ސްޓޭޖުގައި ކިހާދޫއާ ބައްދަލުކުރި މެޗުގައި ޓީމަށް އިރުޝާދުދެނީ – އީޓީ ފޮޓޯ: އިބްރާހީމް ޒަހާން ޒާހިރު

އެސްޓީއޯ ނޫފަހި ފުޓްބޯލް ޗެލެންޖުގެ ސެމީ ފައިނަލްގައި ފެހެންދޫއާއި ދެކޮޅަށް މިއަދު ކުޅޭ މެޗަކީ މުބާރާތުގައި މިހާތަނަށް ކުޅޭނެ އެންމެ ވަރުގަދަ މެޗަށް ވާނެކަމަށް ގޮއިދޫ ޓީމުގެ ކޯޗް މުޙައްމަދު އިގްބާލް ބުނެފިއެވެ. އީޓީ އާއި ވާހަކަދައްކަމުން އިގްބާލު ބުނީ ސެމީ ފައިނަލާއި ހިސާބުން މުބާރާތުގައި އާދައިގެ ޓީމެއް ނުކުޅޭނެކަމަށާއި، އެގޮތުން ފެހެންދޫގެ މައްޗަށް ކާމިޔާބު ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެކަމަށެވެ. ނަމަވެސް ޓީމުގެ ފެންވަރަށް ބަލާއިރު އެއީ ވެދާނެކަމެއްކަމަށް އިގްބާލް ގަބޫލުކުރެއެވެ.

” ތަޖުރިބާ އަށް ބަލާފަ ސެމީއަށް ނުދާނެ އާދައިގެ ޓީމެއް. ގޮއިދޫ ޓީމަށް ޖެހޭ އެންމެ އުނދަގޫ މެޗް މިއީ. ގޮއިދޫ ޓީމް ސެމީއަށް ދިޔައީ ފުދޭވަރަކަށް ރަނގަޅަށް ކުޅެފަ. ރަނގަޅަށް މަސައްކަތް ކޮށްފިއްޔާ ކުރި ހޯދޭނެ ކަމަށް މިބަލަނީ ” އެއްވަނަ ޑިވިޝަންގެ ބީޖީ ސްޕޯޓްސް އަށްވެސް އިރުޝާދުދޭ ތަކުރިބާކާރު ކޯޗް ބުންޏެވެ.

މީގެ އިތުރަށް އިގްބާލް ބުނީ ފެހެންދޫއަކީ ގޮއިދޫގެ އަވަށެއް ކަހަލަ ޓީމެއްކަމަށާއި، އެރަށުގެ އާބާދީ ކުޑަވިޔަސް ދަނޑުމަތީގައި އެކަން ނުފެންނާނެކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ޓީމުގައި އިންޖަރީގެ މައްސަލަތަކެއް އުޅޭކަމަށާއި، އެކުޅުންތެރިންނާއި ނުލާވެސް ގޮއިދޫގައި މެޗް ކާމިޔާބު ކުރެވިދާނެ ފަދަ ސްކޮޑެއް އެބައޮތް ކަމަށެވެ.

” މުޅި ސްކޮޑަށް ބަލާއިރު ގޮއިދޫ އަކީ ރަނގަޅު ޓީމެއް. ސައްޓު އާއި މުހިއްމު ޑިފެންޑަރެއް އިންޖަރީގަ އުޅެނީ. ދެން ސަސްޕެންޑްވި ކުޅުންތެރިޔާ ނުފެންނާނެ. އެކަމު އެމީހުން ނެތަސް ޓީމްގެ ސްކޮޑް ވަރުގަދަވުމުން މާބޮޑުތަނެއް ނުދައްކާނެ ”

ގޮއިދޫ ޓީމް ގުރޫޕް ސްޓޭޖުގައި ކިހާދޫ ބަލިކުރުމަށްފަހު ސަޕޯޓަރުންނާ ސަލާންކުރަނީ – އީޓީ ފޮޓޯ: ސައިނޯސާ ރާއި
ގޮއިދޫ ޓީމް ގުރޫޕް ސްޓޭޖުގައި ކިހާދޫ ބަލިކުރުމަށްފަހު ސަޕޯޓަރުންނާ ސަލާންކުރަނީ – އީޓީ ފޮޓޯ: ސައިނޯސާ ރާއި

ގޮއިދޫއާއި ދެކޮޅަށް ނިކުންނަ ފެހެންދޫ ޓީމުގެ ކޯޗު އަޙްމަދު ސަލީމް ބުނީ ގޮއިދޫއާއި ޖެހުނަސް އެއްވެސް ވަރަކަށް ކަންބޮޑު ނުވާކަމަށާއި، މުބާރާތުގައި އެޓީމުން ޖެހިލުންވާނެ އެއްވެސް ޓީމެއް ނެތްކަމަށެވެ. އަދި ފުޓްބޯޅައިގެ ތާރީހުގައި ފެހެންދޫއަކީ ގޮއިދޫއަށްވުރެ ދޮށީ ޓީމެއް ކަމަށާއި، ގޮއިދޫގެ މައްޗަށް އެރަށުން އެތަށް ކާމިޔާބީއެއް ހޯދާފައިވާނެކަމަށްވެސް ސަލީމް ބުންޏެވެ.
” ގޮއިދޫ ޓީމަކީ ވަރުގަދަ ޓީމެއް. ޖެހިލުމެއް ނުވޭ އެއްވެސް ޓީމަކާ ކުޅޭކަށް. ތާރީހަށް ބަލައިފިއްޔާ ފެހެންދޫ ވަކި ބައްޔެއް ނުވާނެ. ގޮއިދޫއަށް ގޮސް މިރަށުން ކިތަންމެ ކާމިޔާބީއެއް ހޯދާފަ އޮންނާނީ. މިއަދުގެ މެޗްގަ ކުޅޭނީ ހިތްވަރާއެކު މޮޅުވާން ”

މިއަދުގެ މެޗަށް ނިކުންނައިރު ކޮންމެވެސް ވަރަކަށް އަނިޔާގެ މައްސަލަތަކެއް އުޅުނު ނަމަވެސް ޓީމަށް ގެއްލުންވާވަރުގެ އަނިޔާއެއް ނޫޅޭކަމަށް ސަލީމް ބުންޏެވެ. އަދި ގޮއިދޫ ޓީމުން ނެރޭނެ ކަމަށް ބެލެވެނީ އެންމެ ވަރުގަދަ ޓީމުކަމަށާއި، ފެހެންދޫން ތައްޔާރުވަނީވެސް އެގޮތަށް ކަމަށް ސަލީމް ބުންނެވެ.

” އިދިކޮޅު ޓީމުގެ ވަރަށް މުހިއްމު ކުޅުންތެރިއަކު ވަނީ ސަސްޕެންޑް ވެފަ. މޮޅު ކުޅުންތެރިއަކު ނުކުޅޭނަމަ އޭގެ އެޑްވާންޓޭޖް ނެގޭނެ. އެކަމު ދެން އިންޖަރީގަ ތިބި ކުޅުންތެރިން ފިޓްވެގެން ކުޅޭނެކަމަށް މި ބަލަނީ. ސައްޓުވެސް އަރާނެހެން ހީވޭ ”

ފެހެންދޫއާއި ދޮންފަނު ބައްދަލުކުރި މެޗު ފެށުމުގެ ކުރިން – އީޓީ ފޮޓޯ: ނައުޝަލް
ފެހެންދޫއާއި ދޮންފަނު ބައްދަލުކުރި މެޗު ފެށުމުގެ ކުރިން – އީޓީ ފޮޓޯ: ނައުޝަލް

މީގެ އިތުރުން ސަލީމް ބުނީ ގޮއިދޫއަކީ އަވައްޓެރި ރަށެއްކަމަށާއި، މެޗުން ކޮންމެގޮތެއް ވިޔަސް އެޓީމަށް އިހްތިރާމް ކުރާނެކަމަށެވެ.

” މިއަދުގެ މެޗުން ބަލިވިޔަސް ދެރަށުގެ ގުޅުމަކަށް ބަދަލެއް ނާންނާނެ. މެޗަށްފަހު އެކަމެއް ނޯންނާނެ. ގޮއިދޫ މޮޅުވެއްޖިއްޔާ ފައިނަލްގަ ފެހެންދޫން ނިކުންނާނީ ގޮއިދޫ އާއި އެއްކޮޅަށް. އެރަށަށް ތާއީދު ކުރާނަން އެހިސާބުން ”

މިއަދު ކުޅެވޭ ސެމީ ފައިނަލްގެ ދެވަނަ މެޗް ފެށުމަށް ހަމަޖެހިފައިވަނީ 15:45 ގައެވެ. މި މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލް ކާމިޔާބުކޮށް އޭދަފުށި ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. gabulhi

    ފެހެންދޫ މޮޅުވިނަމަވެސް ގޮއިދޫގެ ރައްޔިތުން ފެހެންދޫ ޓީމަށް ސަޕޯޓްކުރަން ދިޔައީސް.. ފެހެންދޫ އަކީ ގޮއިދޫގެ ބެސްޓް ފުރެންޑް..

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.