
މިއަހަރުގެ ގައުމީދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާސީ އަހަރުފެށޭދުވަހު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ގައުމީ ހެދުމުގައި ސްކޫލަށް އަންނަ ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.
އެ ސްކޫލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވާގޮތުގައި އަންނަ ހޯމަ ދުވަހު ދަރިވަރުން ޤައުމީ ހެދުމެއް ނުވަތަ ގައުމީވަންތަކަން ދައްކުވައިދޭ ހެދުމެއްގައި ސްކޫލަށް ހާޒިރުވުމަކީ އެދެވިގެންވާ ކަމެކެވެ. އަދި މިކަމުގައި ބެލެނިވެރިންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެ ކަމަށްވެސް އެ ސްކޫލުން ބުންޏެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ ދިރާސީ އަހަރު ފެށޭދުވަހު ދަރިވަރުން ޤައުމީ ހެދުމުގައި ސްކޫލަށް އަންނަ ދުވަހެއްގެގޮތުގައި ހަމަޖެއްސީ އޭގެ ކުރީ ދުވަހަކީ ރާއްޖޭގެ ގައުމީ ދުވަސްކަމަށްވުމުން އެ ދުވަސްފާހަގަކުރުމުގެ ގޮތުން ދަރިވަރުންގެ ހިތްތަކުގައި ގައުމީ ލޯބި އިތުރުކޮށްދީ ގައުމީވަންތަކަން ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށްޓަކައެވެ.
އަންނަ ހަފްތާގެ އާދީއަތް ދުވަހަކީ (ރަބީއުލް އައްވަލް 1) ރާއްޖޭގެ ގައުމީ ދުވަހެވެ. ރާއްޖޭގެ ގައުމީ ދުވަސް ފާހަގަކުރަނީ އުތީމު އައްސުލްތޯން މުހައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހި ރާއްޖެ މިނިވަންކުރެއްވި ދުވަހަށް ނިސްބަތްކޮށެވެ.