ކިތުނާ، ދެ ވަނަ ޑިވިޝަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފި

ކިތުނާއަށް މޮޅު ކުޅުންތެރިޔާގެ ޝީލްޑް ހަވާލުކުރަނީ– ފޮޓޯ/ސެކަންޑް ޑިވިޝަން

ރޭ ނިމުނު ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް މިއަތޮޅު ގޮއިދޫ އަށް އުފަން ހުނަރުވެރި ފޯވާޑް އާދަމް ނިޒާމް (ކިތުނާ) ހޯދައިފި އެވެ.

ބ. އަތޮޅުގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑް ކިތުނާ އެ ޑިވިޝަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ރޭ ހޯދި ނަމަވެސް އޭނާ ކުޅުނު ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ވަނީ ފައިނަލުގައި ކްލަބް ވެލެންސިއާ އަތުން 3-1 އިން ބަލިވެފަ އެވެ.

ރޭގެ ފައިނަލަށް ނުކުތްއިރު ވެސް ސުޕަރ ޔުނައިޓެޑާއި ވެލެންސިއާ އަށް ވަނީ އަންނަ ޖޫން މަހު ފަށާ ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ފުރުސަތުލިބިފަ އެވެ. ފުރަތަމަ ފަހަރަށް ދެ ވަނަ ޑިވިޝަނުގައި ވާދަކޮށް ސުޕަރ ޔުނައިޓެޑް ފުރަތަމަ ޑިވިޝަނަށް ކޮލިފައިކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިއަކީ ކިތުނާ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލު ކިތުނާ ޖެހީ އޭދަފުއްޓަށް އުފަން އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ) ތަނަވަސްކޮށްދިން ފުރުސަތެއްގައި ފުރަތަމަ ހާފުގަ އެވެ. ވެލެންސިއާ އިން ސުޕަރ ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދި ފަހަތުން އަރައި ޖެހި ތިން ގޯލުންނެވެ. މި ތިން ގޯލުގެ ތެރެއިން ދެ ގޯލު ބިދޭސީ ފޯވާޑް ސަމުއެލް ޑެޑީ ޖެހިއިރު އަނެއް ގޯލު ކާމިޔާބުކޮށްދިނީ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އެވެ.

ކިތުނާ ވަނީ މުބާރާތުގައި ހަތް ގޯލު ޖަހައި އެންމެ ގިނަ ގޯލު ޖެހި ދެ ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިފަ އެވެ. ކިތުނާގެ އިތުރުން މުބާރާތުގައި ހަތް ގޯލު ޖެހީ ރޭ ވެލެންސިއާ ޓީމަށް ދެ ގޯލު ކާމިޔާބުކޮދިން ސަމުއެލް އެވެ. މުބާރާތުގައި ކުޅުނު ހަ މެޗުގެ ތެރެއިން މަހިބަދޫ ސްޕޯޓްސް ކްލަބް ނޫން ހުރިހާ ޓީމެއް ކޮޅަށް ކިތުނާ ވަނީ ގޯލު ޖަހައިފަ އެވެ. ގްރޫޕް ސްޓޭޖުގައި ދިވެހި ސިފައިންގެ ކްލަބް ކޮޅަށް ދެ ގޯލު ޖެހިއިރު 19 އަހަރުން ދަށުގެ ގައުމީ ޓީމު ކޮޅަށް ކިތުނާ ވަނީ އެއް ގޯލު ޖަހައިފަ އެވެ. އަދި، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖޭޖޭ ސްޕޯޓްސް ކޮޅަށް ސުޕަރ ޔުނައިޓެޑްގެ ދެ ގޯލު ވެސް ޖެހީ ކިތުނާ އެވެ. އޭގެ ފަހުން ސެމީ ފައިނަލުގައި ކްލަބް ޕީކޭއާ ދެކޮޅަށް ގޯލު ޖަހައި މުބާރާތުގެ ހަތް ވަނަ ގޯލު ކިތުނާ ޖެހީ ރޭގެ ފައިނަލުގަ އެވެ.

ކުރިން ފުރަތަމަ ޑިވިޝަނުގެ ވިކްޓްރީގައި ވެސް ކުޑަ ދުވަސްކޮޅަކު ހޭދަކުރި ކިތުނާ އަކީ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުން މީގެ ކުރިން ލިބުނު ހުށަހެޅުން ދޫކޮށްލި ކުޅުންތެރިއެކެވެ. އޭގެ ބަދަލުގައި އޭނާ ފެންނަނީ އަތޮޅު ފުޓްބޯޅަ އަށް އަމާޒުކޮށް ބާއްވާ ގައުމީ މުބާރާތްތަކާއި ފުޓްސަލް މުބާރާތްތަކުންނެވެ. ކިތުނާ ވަނީ 2016 ވަނަ އަހަރު އޭދަފުށިން މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ގިނަ ގޯލުތަކެއް ޖަހައިދީފަ އެވެ. އަދި، 2018 ވަނަ އަހަރު ބ. ފެހެންދޫ ފުޓްބޯޅަ ޓީމް ދިރާގު ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިކޮށްދިނުމުގައި ވެސް ކިތުނާގެ ދައުރު ބޮޑެވެ. އެ އަހަރު ކިތުނާ ވަނީ ފެހެންދޫ ޓީމާ އެކު ރާއްޖޭގެ ލީގުގެ ބައެއް މެޗުތަކުގައި ވެސް ކުޅެފަ އެވެ. ފުޓްބޯޅައިގެ އިތުރުން ކިތުނާ އަކީ ވޮލީ ބޯޅައިގައި ވެސް ފާހަގަކޮށްލެވޭ ވޮލީގެ ގައުމީ ސްކޮޑުގައި ވެސް ހިމެނިފައިވާ ކުޅުންތެރިއެކެވެ. ވޮލީ އާއި ފުޓްބޯޅައިގެ އިތުރުން ފުޓްސަލްގައި ކީޕަރެއްގެ ގޮތުގަޔާއި މޫދު ކުޅިވަރުގައި ވެސް ކިތުނާ އަކީ ފާހަގަކޮށްލެވޭ ފަރާތެކެވެ.

ކިތުނާ އަތޮޅަށް ހޯދައިދިން ކާމިޔާބީއަށް “އީޓީ” ގެ ފަރާތުން މަރުހަބާ ކިޔައި އިތުރު ކުރިއެރުމަށް އެދެމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.