އަޅުގަނޑުމެން މިއަށްވުރެ ވިސްނޭ ބަޔަކަށް ވާން އެބަޖެހެއެވެ.

10750076_746941905380827_1300892761860979625_o

އެއީ މީގެ ގާތްގަނޑަކަށް މަހެއްހާ ދުވަސް ކުރިއެވެ. އަތޮޅަށް ހުޅުވާލައިގެން އޭދަފުށީގައި ބޭއްވުނު ފުޓްބޯޅަ މުބާރާތް ބެލުމަށް ރަށުގެ އެތައްބަޔަކު ދަނޑަށް ދިޔައެވެ. ރަށު ޓީމު މެޗު ކުޅޭ ދުވަހެއްގައި ނަމަ ދަނޑަށް ދާ މީހުންގެ އަދަދު ވަކިން އތުރެވެ. އޭގެތެރެއިންވެސް ފައިނަލް މެޗު އޮތް ދުވަހަކީ ފާހަގަ ކޮށްލެވުނު ދުވަހެކެވެ. އަޅުގަނޑަށް އެދުވަހު ދަނޑަށް ދެވުނީ މެޗު ފެށިތާ ގާތްގަނޑަކަށް ފަނަރަވަރަކަށް މިނިޓް ފަހުންނެވެ. އޭރު ދަނޑު ވަށައިގެން އޮތީ ފުރިފައެވެ. މީހެއްގެ ފަހަތުގައި ހުރެގެން ނޫން ގޮތަކަށް މެޗް ބަލާލެވޭނެ ޖާގައެއް އޭރަކު ނެތެވެ. ވަގުތުގެ ގޮތުން އިރުގެ ހޫނުމިން އަޅުގަނޑަށް އިހްސާސް ކުރެވުނު މިންވަރު ކުޑައެއް ނޫނެވެ. އަޅުގަނޑު ހިތުން އެވަގުތު ދަނޑަށް ގޮސްތިބި ވަރަށް ގިނަ ބަޔަކަށް އެ ހޫނުގެ އުދަގޫ އިހްސާސް ކުރެވޭނެއެވެ. އެކަމަށް ފަރުވާލެއް ނެތި އެންމެން އެތަނުގައި ކޮޅަށް ތިބީ މެޗް ބެލުމަށްޓަކައި އޮތް ޝައުގުވެރިކަމެއްގެ ބޮޑުކަމުން ކަން ޔަގީނެވެ. ކުޑަކުއްޖެއް، ޒުވާނެއް، ދުވަސްވީ މީހެއް ކިޔާނެ ކަމެއް ނެތެވެ. އެންމެންވެސް ތިބީ އެކަމަށް ހުސްވެގެންނެވެ.

އޭގެ ގާތްގަނޑަކަށް ހަފްތާ އެއް ފަހުން ދެން ފެށުނީ ބަށި މުބާރާތެވެ. މެޗުތައް ބަލާލަން ރަށުގައި ނުހުރެވުނު ނަމަވެސް ފޭސް ބުކްގައި ރައްޓެހިން އަޕްލޯޑް ކޮށްފައި ހުރި ފޮޓޯއާއި، ވީޑިޔޯ ތަކުން މުބާރާތުގެ ފޯރި ވަޒަން ކޮށްލެވުނެވެ. ފައިނަލް މެޗަށް ރަށުގެ ސަޕޯޓަރުން ވެފައިހުރި ތައްޔާރީތައް ފެނުނެވެ. ޗެމްޕިއަންކަން ލިބުމުން އުފަލުން ތިބި ސަޕޯޓަރުންގެ ބައެއް ހަރަކާތްތައްވެސް ދުށީމެވެ. އެ ވާހަކަ ދެން އިހަށް ބާއްވަމާ ހިނގާށެވެ.

މިފަހަރު މުޅިން ތަފާތު ކަމެކެވެ. ކުޅިވަރަކަށް ނުވީމާ ކަމަށްވެސް ވެދާނެ އެވެ. ފެނުނީ ބަލާލަން އެހާ ހިތްގައިމު މަންޒަރެއް ނޫނެވެ. ދައްކަން މިއުޅެނީ އިހައްރޭ އޭދަފުށީގެ ޒުވާން ކުދިންކޮޅެއް އިސްނަގައިގެން އިންތިޒާމްކުރި ދަރުސްގެ ވާހަކައެވެ. ސްޓޭޖް ސަރަހައްދުގައި ބޭއްވި މި ދަރުސް އަޑު އެހުމަށް ހާޒިރުވީ ވަރަށް މަދު ބައެކެވެ. ޖަހާފައިހުރި ގޮނޑިތަކުގެ ގާތްގަނޑަކަށް އަށްޑިހަ އިންސައްތަ ހުރީ ފަޅަށެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ ފުޓްބޯޅައާއި ބަށި މުބާރާތުގެ މެޗު ތައް ބަލަން ހާޒިރުވި އެންމެން ކޮބައިހެއްޔެވެ؟ އަޅުގަނޑުވެސް އެއްބަހެވެ. ރޭގަނޑުގެ ވަގުތެއްކަމަށްވުމުން ދުވަސަްވީ މީހުންނަށް އަންނަން އުނދަގޫވެދާނެއެވެ. ތުއްތުކުދިން ގެންގުޅޭ މައިންނަށް އެވަގުތަކީ އެންމެ ހިތްފަސޭހަ ވަގުތައް ނުވެދާނެއެވެ. އެކަމަކު ދެންތިބި ޒުވާނުންނާއި، މެދު އުމުރުގެ މީހުން ކޮބައި ހެއްޔެވެ؟ ރޭގަނޑު ދިހައެއް ނުޖަހަނީސް މީހުން ނިދަން އޮށޯތް ޒަމާން ފާއިތުވެގެން ދިޔަތާ ކިތަންމެ ދުވަހެކެވެ. ކިޔުންތެރިން ފަހަރެއްގައި ހިތައް އަރާފާނެއެވެ. ނުނިދިއަސް ކުރާނެ ކަންކަން ހުންނާނެ ނޫން ހެއްޔެވެ؟ ތެދެކެވެ. ކުރާނެ ކިތަންމެ ކަމެއް ހުރެދާނެއެވެ. އެކަމަކު ކުޅިވަރުތައް ބަލަން އަޅުގަނޑުމެން ދަނޑަށް ދިޔައީ އެކަހަލަ ކިތައް ކަންތައް ބަހައްޓާފައި ހެއްޔެވެ؟ ކިތައް ކަންތައް ކެންސަލް ކޮށްފައި ހެއްޔެވެ؟ އެހުރިހާ ކަމަކަށްވުރެ އޭރު އަޅުގަނޑުމެން އިސްކަންދިނީ ކުޅިވަރަށެވެ. އަޅުގަނޑުމެންގެ ޝައުގުވެރިކަން އެކަމަށް އޮތްލެއް ބޮޑު ކަމުން ނޫން ދެން ކޮން ސަބަބަކާ ހެދި ހެއްޔެވެ؟  ދަރުސް އަޑު އަހަން ހާޒިރު ނުވެވުނީ އެވަރުގެ ޝައުގުވެރިކަމެއް ގިނަ ބައެއްގެ ކިބައިގައި ނެތީމައެވެ. އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ މައްސަލައަކީ މިއެވެ.

eyd

ދީނީ ދަރުސްތަކަށް ހާޒިރު ނުވުމުގެ އުޒުރެއްގެ ގޮތުގައި ބައެއް މީހުން ބުނާ ވާހަކައެއް އޮވެއެވެ. ދެން ކިޔަން އޮންނާނީ ހަމަ އެކައްޗެއް ނޫން ހެއްޔެވެ. އަހަރެމެންނަށް ނޭނގޭ އެއްޗެއް ނުކިޔާނެއެވެ. ޓީވީންނާއި ރޭޑިޔޯއިންވެސް އެއެއްޗިހި އަޑުއިވެއެވެ. އެއީ މުޅިން ދޮގޭ ބުނާކަށްވެސް އަޅުގަނޑު ބޭނުމެއް ނޫނެވެ. ނަމާދަކީ ދީނުގެ އެންމެ މުޙިއްމު ފަރުޟްކަން ނޭގޭ މީހަކު ނުހުންނާނެއެވެ. މައްސަލައަކީ އެކަން ގިނަބަޔަކަށް ފަސޭހައިން ހަނދާން ނެތުމެވެ. ނުވަތަ ހަނދާން ހުރި ނަމަވެސް އެކަމުގެ މުހިއްމުކަން އިހްސާސް ނުކުރެވުމެވެ. އޭދަފުއްޓަށް ބަލާލިޔަސް އަދިވެސަް މިސްކިތްތަކުން ޖަމާއަތުގަެ ނަމާދުގައި ބައިވެރިވާތަން ގިނައިން ފެންނަނީ ދުވަސްވީ މީހުންނާއި، ދެބައި އުމުރަށޤވުރެ ތަންކޮޅެއް ދޮށީ މީހުންނެވެ. ނަމާދު ވަގުތު ފާއިތުވެގެން ދާއިރުވެސް ކޮފީ ގައި ތިބުން ގިނަ ޒުވާނުންނަކަށް މައްސަލައަކަށް ނުވެއެވެ.   މަޤްރިބް ނަމާދަށް ބަންގި ގޮވުމުގެ ކުރިން ފަށާ މެޗް އިޝާ ނަމާދަށް ގޮވާއިރުވެސް ނުނިމުމަކީ ގިނަ ޒުވާނުންނަށް ފަރުވާލެއް އޮތް ކަމެއް ނޫނެވެ. ނަމާދު އަދާކުރުމެއް ނެތި މެޗް ބެލުމުގައި ވަގުތު ހޭދަކޮށްލަނީ ހިޔާލެއް ފިކުރެއް ނެތިއެވެ. ދަރުސްތައް ބާއްވަންޖެހެނީ މި ސަބަބާއި ހުރެއެވެ. އިންސާނުންނަކީ ފަސޭހައިން ކަންކަން ހަނދާން ނެތޭ ބަޔަކަށް ވާތީ ކަންކަން ހަނދާން ކޮށްދިނުމުގެ ގޮތުންނެވެ،  އެވާހަކަތައް އަޑު އިވުމުން މީހާގެ އީމާންކަން ވަރުގަދަ ވުމުގެ ބާރަކަށް އެކަން ވާތީއެވެ.

ދަރުސްތަކަށް ހާޒިރުވާ މީހުން މަދުވުމަކީ މިފަހަރު އެކަނި ކުރިމަތިވި މައްސަލައެއް ނޫނެވެ. ވަރަށް މަޝްހޫރު މީހެއްގެ ދަރުސް އެއް ނޫން ނަމަ މިއީ ހަމަ މިރަށުގައިވެސް އާދައެވެ. ވަރަށް މަޝްހޫރު ޝައިހަކު ގެނެސްގެން އެތައް ވަރަކަށް އިޝްތިހާރުކޮށްގެން ބާއްވާ ދަރުސެއް ނަމަ ތަންކޮޅެއް މަންޒަރު ތަފާތުވެދާނެއެވެ. އެކަމަކު އެއީ ކޮންމެ ފަހަރަކު ކުރެވޭނެ ކަމެއްވެސް ނޫނެވެ. މިފަހަރުވެސް ދަރުސް ދެއްވީ ހަމަ ރާއްޖޭގެ ނިސްބަތުން ފުންނާބު އުސް ދީނީ ޢިލްމުވެރިއެކެވެ. ދަރުސް އިޝްތިހާރު ކުރިލެއްވެސް ކުޑައެއް ނޫނެވެ. އަމިއްލަގޮތުން ޒުވާންކުދިންކޮޅެއް އެކުރާ ހިތްވަރަށް އަޅުގަނޑުމެން ސާބަސް ދޭންޖެހެއެވެ. މުހިއްމު ވާންޖެހޭނީ ދަރުސް ދެއްވަން ވަޑައިގަންނަވާ ބޭފުޅާއެއް ނޫނެވެ. އަދި އެކަން އިންތިޒާމް ކުރަނީ ކޮން ފަރާތަކުންތޯ ބެލުމެއްވެސް ނޫނެވެ. މިފަދަ ދަރުސްތަކަށް ހާޒިރުވުމުން އަޅުގަނޑުމެންނަށް އޮތީ ހުސް ފައިދާއެވެ. އެކަމުގައި ހޭދަކުރާ ކޮންމެ ވަގުތަކީ ސަވާބާއި ދަރުމަ ލިބޭނެކަން ޔަގީން ވަގުރެކެވެ.

ބައެއް މީހުން ބުނެފާނެއެވެ. މިއީ ހަމައެކަނި އޭދަފުށީގެ ހާލަތެއް ނޫނެވެ. މުޅި ރާއްޖޭގައިވެސް ކަން އޮތީ ތިހެންނެވެ. މިކަމަށްވެސް އަޅުގަނޑު ރައްދު ދޭކަށް ނެތީމެވެ. އެކަމަކު އެންމެ ފަހުން މިރަށުގައި ދަރުސް ދެއްވި ދީނީ ޢިލްމުވެރިޔާ ވިދާޅުވި ވާހަކައެއް ހިއްސާ ކޮށްލާނަމެވެ. ޝައިހް މުހައްމަދު އިބްރާހިމް ވިދާޅުވީ މިގޮތަށް އޭނާ ދެއްވި ދަރުސްތަކުގެ ތެރެއިން އެންމެ މަދު ބަޔަކު ހާޒިރުވި ދަރުސަކީ މިރަށުގައި ބޭއްވި ދަރުސް ކަމަށެވެ. މިއީ އޭދަފުށި ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު ލަދުގަތް ކަމެކެވެ. އަޅުގަނޑުމެން ނަމޫނާ ދައްކަންވީ ހުސް އެކަނި ކުޅިވަރަކުން ނޫނެވެ. އަޅުގަނޑުމެންގެ ތެރޭގައި މޮޅު ފުޓްބޯޅަ ކުޅުންތެރިންތަކެއް އެކަނި އުފެދުމަކުން އަދި އަޅުގަނޑުމެންނަށް ފަޚްރުވެރި ވެވޭކަށް ނެތެވެ. ދީނީ ކަންކަމަށް އަޅުގަނޑުމެންގެ ތެރޭގައިތިބި ގިނަ ޒުވާނުންގެ ކިބައިގައި ޝައުގުވެރިކަމެއް ނެތްނަމަ އެއީ މުޅި މުޖުތަމައު ކަންބޮޑުވާންޖެހޭ ކަމެކެވެ. އެކަމަކު އެކަން ފެންނަނީ އަޅުގަނޑުމެންގެތެރެއިން ވަރަށް މަދު މީހެއްގެ ކިބައިންނެވެ. އެފަދަ މީހުންނަށްވެސް ގިނަ ފަހަރު ރައްދުވަނީ މަލާމާތެވެ. މިއަށްވުރެ އަޅުގަނޑުމެން ތަސައްރަފު ފުދޭބަޔަކަށް އެބަ ވާން އެބަޖެހެއެވެ. ދެ ދުނިޔޭގެ ނަސީބާއި ކާމިޔާބު ލިބުން އޮތީ އޭރުންނެވެ.

ގުޅުންހުރި ލިޔުންތައް

7 ކޮމެންޓް

  1. some one

    އާމީން! ދީނީ ކަންކަމަށް ދޭންޖެހޭ ސަމާލުކަން ބޮޑުކުރެވޭނީ މައިންބަފައިން ދަރިންނަން ނަމޫނާ ދައްކައިގެން. އަދި ރަނގަޅު ދީންވެރި ރަހޮމަތްތެރިން އިހްތިޔާރު ކޮށްގެން ހަމައެހެންމެ އީމާންތެރިކަން ވަރުގަދަކޮށްގެން

    ރައްދު
  2. hassanbe

    ލިއުންތެރިޔާ އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން… ކިއުން ތެރިއެއްގެ ހައިސިއްޔަތުން ބުނެލަން ބޭނުންވަނީ ސްކޫލް ދައުރުން ފެށިގެން މިފަދަ ދީނީ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގައިގެންނޫނީ ކުދިން ހޭލުންތެރި އެއް ނުކުރެވޭނެއެވެ. ތައުލީމީ މަރުކަޒުން ކޮންމެ މަހަކު އެއްފަހަރު ނަމަވެސް ސްކޫލްގެ ހުރިހާ ކުދިންނާއި ބެލެނިވެރިން އަދި ޓީޗަރުން އެއްކޮށްގެން ދީނީ ދަރުސެއް ބާއްވަން ހަމަޖެއްސިއްޖެނަމަ ތިފަދަ ދަރުސް އަޑުއަހަންދާ މީހުން އިތުރުވާނެކަމެއް ކަމަށްފެނެއެވެ. އެހެންނޫނިއްޔާ ގޮޑިތަކުގެ ބޮޑުބައި ހުންނާނީ އަދިވެސް ހަމަ ހުސްކޮށް ކަމަށްފެންނަނީ…

    ރައްދު
  3. Silsim

    ދަރުސްދޭ ގިނަމީހުން ސިޔާސީވެފަ ތިބީމަވާގޮތްމިއީ އަސްލު.
    ހަގީގަތުގައި އިލްމުވެރިން ތިބެންވީ އިލްމުވެރިން ގޮތުގައި މީހުން ހަމަ މަގަށް އަޅުވައިދޭން.
    ޔާމީން، އަންނި ނުވަތަ ގާސިމް ވެރިކަން ހޯދައި ދޭކަށެއްނޫން.
    މުޅި ރާއްޖެ ސިޔާސީ ވުމުން މީހުންނަށް ކުރާ އިހްތިރާމާއި ގަދަރުވަނީ ގެއްލިފައި. މިކަން އެބަޖެހޭ ބަދަލުކުރަން.
    ކުޅިވަރު ކުޅުމުގައި އޮންނަ ރޫހު މިކަމުގައިވެސް ނެރެ އަތުކުރި އޮޅަން ހަމަ އެބަޖެހޭ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.