ޓީމުތައް އެއްވަރުވެ، މުބާރާތުގެ ފޯރި ގަދަވެއްޖެ

ލަވާސް ޕޮއިންޓާއި ޔުނައިޓެޑް ވީ ބައްދަލުކުރި މެޗު ފެށުމުގެ ކުރިން – ފޮޓޯ: މަޒުހަރު ހުސައިން
ލަވާސް ޕޮއިންޓާއި ޔުނައިޓެޑް ވީ ބައްދަލުކުރި މެޗު ފެށުމުގެ ކުރިން – ފޮޓޯ: މަޒުހަރު ހުސައިން

ޑައުން ޓައުން ޔޫތް ފުޓްސަލް ޓޯނަމަންޓް 2015 ގެ ނަމުގައި ޑައުން ޓައުން އިން އިސްނަގައިގެން ބާއްވާ ފުޓްސަލް މުބާރާތުގައި މިއަދު ކުޅުނު ދެ މެޗުވެސް އެއްވަރުވެގެން ނިމިއްޖެ އެވެ.

މިއަދު ހަވީރު ކުޅެވުނު ފުރަތަމަ މެޗުގައި ލަވާސް ޕޮއިންޓުން ވަނީ ފަހަތުން އަރާ ތިން ގޯލު ޖަހާ، ޔުނައިޓެޑް ވީ އަތުން ބަލިނުވެ ސަލާމަތް ވެފައެވެ. 3-3 އިން އެއްވަރުވި މި މެޗުގައި ފުރަތަމަ ހާފުގައި ތިން ގޯލު ޖަހާ ލީޑު ނެގީ ޔުނައިޓެޑް ވީ އެވެ. ހާފުގެ ފަހު ތިން މިނިޓުގެ ތެރޭގައި ޔުނައިޓެޑް ވީ އަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ ތޮލްހަތު މުހައްމަދާއި އައިމާން ހަބީބު އަދި މުހައްމަދު މާހެވެ.

ދެވަނަ ހާފުގެ ފުރަތަމަ މިނިޓުގައި ލަވާސް ޕޮއިންޓުން އުންމީދު އާކުރީ އަލީ ނާއިލް ނިމާލުގެ ގޯލުންނެވެ. އޭގެ ދިހަ މިނިޓް ފަހުން މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނު ނާއިލް ވަނީ ލިބުނު ޕެނަލްޓީއަކުން ނަތީޖާގެ ފަރަގު ކުޑަކޮށްފަ އެވެ. މެޗުގެ ނަތީޖާ އެއްވަރު ކުރި ލަނޑު ލަވާސް ޕޮއިންޓަށް ޖަހައިދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައި ވަނިކޮށް ހައިޝަމް ހަސަނެވެ.

މިމެޗުގައި ލަވާސް ޕޮއިންޓުގެ އައުޒަމް ފިކުރީ އަށާއި ޔުނައިޓެޑް ވީ ގެ ގޯލް ކީޕަރު ޝުއުބާނަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ.

ވެލާ ސިޓީ އާއި ހުސް ސޮނގުން ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. މެޗުގެ ފުރަތަމަ މިނިޓުގައި ވެލާ ސިޓީގެ ކެޕްޓަން މުހައްމަދު ޔަމާން ޖެހި ލަނޑާއެކު ފުރަތަމަ ހާފު ނިމިފައި ވަނީ 1-0 އިން ވެލާ ސިޓީ ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއްނުވެ ވެލާ ސިޓީގެ އަނޫސް މުހައްމަދު ވަނީ އެޓީމަށް އިތުތު ލަނޑެއް ޖަހައިދީފަ އެވެ. އެހެން ނަމަވެސް ހުސް ސޮނގުންގެ ކެޕްޓަން އަހުމަދު އަފްނާނު ވަނީ ފަހަތުން އަރާ ދެ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ހުސް ސޮނގުންގެ ދެވަނަ ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ ހުސް ސޮނގުން ޓީމުގެ މުހައްމަދު ޒާހެވެ. އަދި މިމެޗުގައި ވެލާ ސިޓީގެ ގޯލްކީޕަރު އިބްރާހީމް މޫސާއަށް ވަނީ ރަތްކާޑު ދައްކާފަ އެވެ.

ލީގު އުސޫލުން ފުރަތަމަ ބުރު ކުޅެން ހަމަޖެހިފައިވާ މިމުބާރާތުގެ ތާވަލުގެ ކުރީގައި ހަތަރު ޕޮއިންޓާއެކު އަދިވެސް އޮތީ ލަވާސް ޕޮއިންޓެވެ. ދެވަނަ އަދި ތިންވަނައިގައި ދެ ޕޮއިންޓަކާ އެކު ޔުނައިޓެޑް ވީ އާއި ވެލާ ސިޓީ އޮތްއިރު އެންމެ ޕޮއިންޓަކާއެކު ތާވަލުގެ ފުލުގައި އޮތީ ހުސް ސޮނގުންނެވެ.

ސެމީފައިނަލަށް ނުގޮސް ސީދާ ފައިނަލުން ޖާގަ ހޯދުމަށްޓަކައި ލަވާސް ޕޮއިންޓާއި ޔުނައިޓެޑް ވީ އަދި ވެލާ ސިޓީއަށް އަދިވެސް ފުރުސަތު އޮތްއިރު ހުސް ސޮނގުން މުބާރާތުގައި ދެމިއޮތުމަށްޓަކައި މާދަމާ ޔުނައިޓެޑް ވީ އާ ކުޅޭ މެޗަކީ މޮޅުވުން މަޖުބޫރު މެޗެކެވެ.

ޖުމްލަ ހަތަރު ޓީމު ބައިވެރިވި މި މުބާރާތުގެ ލީގު ބުރުގައި ކޮންމެ ޓީމަކަށް ވެސް ދެން ބާކީ އޮތީ އެންމެ މެޗެކެވެ. އެއީ މާދަމާ ހަވީރު ހުސް ސޮނގުންނާއި ޔުނައިޓެޑް ވީ ބައްދަލުކުރާ މެޗާއި ލަވާސް ޕޮއިންޓާއި ވެލާ ސިޓީ ބައްދަލުކުރާ މެޗެވެ.

ލީގުބުރުގައި އެންމެ ގިނަ ޕޮއިންޓު ހޯދައިގެން އެއްވަނައަށްދާ ޓީމަކަށް ފައިނަލުގެ އޮޓަމެޓިކު ޖާގައެއް ލިބޭއިރު، ފައިނަލުގެ ދެވަނަ ޖާގައަކަށް ލީގު ބުރުގެ ދެވަނަ އަދި ތިންވަނަ އަށް ދާޓީމު ސެމީގެ މެޗެއް ކުޅެންޖެހޭ މިމުބާރާތަކީ، ކުޑަ ކުދިންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާކޫރުމާއި، ރަނގަޅު މޮޅުކުޅުން ތެރިން ތަކެއް އުފެއްދުމުގެ މަޤްސަދުގައި ޑައުން ޓައުންއިން އިސްނަގައިގެން ބާއްވާ މިފަދަ ފުރަތަމަ މުބާރާތެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.