ހުސް ސޮނގުން ކަޓައި، ލަވާސް ޕޮއިންޓު ފައިނަލަށް

ލަވާސް ޕޮއިންޓާއި ހުސް ސޮނގުން ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ: މަޒުހަރު ހުސައިން
ލަވާސް ޕޮއިންޓާއި ހުސް ސޮނގުން ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ: މަޒުހަރު ހުސައިން

ޑައުން ޓައުން ޔޫތް ފުޓްސަލް ޓޯނަމަންޓް 2015 ގެ ނަމުގައި ޑައުން ޓައުން އިން އިސްނަގައިގެން ބާއްވާ ފުޓްސަލް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ލަވާސް ޕޮއިންޓުން ހޯދިއިރު ހުސް ސޮނގުން މުބާރާތުން ކަޓައިފި އެވެ.

ހުސް ސޮނގުން މުބާރާތުން ކެޓީ، މިއަދު ހަވީރު ކުޅެވުނު ފުރަތަމަ މެޗުގައި ޔުނައިޓެޑް ވީ އަތުން 2-1 އިން ބަލިވެގެންނެވެ. މިމެޗުގެ ހުރިހާ ގޯލެއް ވެސް ފުރަތަމަ ހާފުގައި ފެނުނުއިރު ފުރަތަމަ ގޯލު ޖަހާ ކުރި ހޯދީ ވެސް ޔުނައިޓެޑް ވީ އެވެ. މި ގޯލު ޔުނައިޓެޑް ވީ އަށް ކާމިޔާބު ކޮށްދިނީ ހުސައިން ޒަހުވާނެވެ. މާގިނަ އިރުތަކެއްނުވެ އަހުމަދު އަފްނާންގެ ލަނޑުން ހުސް ސޮނގުން ނަތީޖާ ހަމަހަމަ ކުރި ނަމަވެސް އޭގެ ތިން މިނިޓު ފަހުން މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނު ހުސައިން ޒަހުވާނު ވަނީ ޔުނައިޓެޑް ވީ އަށް އިތުރު ލަނޑެއް ކާމިޔާބު ކޮށްދީ، ޓީމަށް ތިން ޕޮއިންޓު ހޯފައިދީފަ އެވެ.

ދެވަނަ މެޗުގައި ވެލާ ސިޓީގެ މައްޗަށް ލަވާސް ޕޮއިންޓުން ކުރި ހޯދީ 4-3 ގެ ނަތީޖާއަކުންނެވެ. މެޗުގެ ކުރީކޮޅު ތޮލާލު ނަސީރުގެ ލަނޑުން ލަވާސް ޕޮއިންޓު ލީޑު ނެގިނަމަވެސް ވެލާ ސިޓީގެ މުހައްމަދު ޔަމާން ވަނީ ލަނޑެއް ޖަހާ ނަތީޖާ އެއްވަރު ކޮށްފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޝުއައިބު އަލީ އަދި އަލީ ނާއިލް ނިމާލުގެ ލަނޑުތަކުން ލަވާސް ޕޮއިންޓުން ދެ ގޯލުގެ ލީޑެއް ނަގާފައި އޮއްވާ ދެވަނަ ހާފުގައި އުނައިސް ޒުބައިރާއި އަލީ ނަސީމް ވަނީ ވެލާ ސިޓީއަށް އަނެއްކާވެސް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މެޗު ނިމެން ކައިރިވެފައި ވަނިކޮށް ލަވާސް ޕޮއިންޓު ފައިނަލަށް ގެންގޮސްދިން ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހައިޝަމް ހަސަނެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ލަވާސް ޕޮއިންޓުގެ ތޮލާލް ނަސީރެވެ.

މި ނަތީޖާއާއެކު ލަވާސް ޕޮއިންޓަށް ފައިނަލުގެ ޖާގަ ލިބުނީ ހަތް ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެންނެވެ. ފަސް ޕޮއިންޓާއެކު ޔުނައިޓެޑް ވީ އަށް ތާވަލުގެ ދެވަނަ ލިބުނު އިރު ދެ ޕޮއިންޓާއެކު ތިންވަނަ ލިބެނީ ވެލާ ސިޓީ އެވެ. އެންމެ ޕޮއިންޓަކާ އެކު ތާވަލުގެ ފުލުގައި އޮތް ހުސް ސޮނގުން ވަނީ މުބާރާތުން ކަޓާފަ އެވެ.

ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ތާވަލުގެ ދެވަނަ އަދި ތިންވަނައިގައި އޮތް ޔުނައިޓެޑް ވީ އާއި ވެލާ ސިޓީ މާދަމާ ހަވީރު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށެވެ.

މުބާރާތުގެ ފައިނަލް މެޗު 10 ޖެނުއަރީ ވާ ހޮނިހިރު ދުވަހު ކުޅެން ހަމަޖެހިފައި އޮތްނަމަވެސް މިހާރު ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ 9 ޖެނުއަރީ ވާ ހުކުރު ދުވަހު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.