ދިރާގުން އިންޓަނެޓް ޓީވީގެ ހިދުމަތް ތައާރަފްކޮށްފި

އިންޓަނެޓް ޓީވީގެ ހިދުމަތް ތައާރަފްކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ އޮފިޝަލުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ދިރާގު
އިންޓަނެޓް ޓީވީގެ ހިދުމަތް ތައާރަފްކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ އޮފިޝަލުން ބައިވެރިވެވަޑައިގަންނަވަނީ.– ފޮޓޯ: ދިރާގު

 

ސްމާޓްފޯން އަދި ޓެބްލެޓް ފަދަ އާލާތްތައް ބޭނުންކޮށްގެން އޮންލައިންކޮށް ޓީވީ ބަލާލުމުގެ ހިދުމަތް ދިރާގުން މިއަދު ތައާރަފްކޮށްފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި “ދިރާގު ޓީވީ”ގެ ނަމުގައި ފެށި މި ހިދުމަތް ބޭނުންކޮށްގެން ފަސޭހަކަމާ އެކު ސްމާޓްފޯން، ޓެބްލެޓް، ލެޕްޓޮޕު ނުވަތަ ކޮމްޕިއުޓަރު މެދުވެރިކޮށް ވަގުތުން ޓީވީ ބެލުމުގެ ފުރުސަތު ހުޅުވިގެން ދާނެ އެވެ. އަދި އެ މީހަކު ބޭނުންވާ ޗެނަލެއް އެއް ވަގުތަކު، ތަފާތު ސްމާޓް ޑިވައިސްތަކެއް މެދުވެރިކޮށް ބަލާލެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

“މި ހިދުމަތަކީ ރިޔާސީ އިންތިހާބު ދުވަސްވަރާއި 2014 ވަނަ އަހުރުގެ ފުޓްބޯޅަ ވޯލްޑް ކަޕު ތެރޭގައި ޓެސްޓްކުރެވިފައިވާ، ކަސްޓަމަރުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ހިދުމަތެއް. ކައިރި މުސްތަގުބަލެއްގައި ކަސްޓަމަރުން ބޭނުންފުޅު ވާނެ ގިނަ ޓީވީ ޗެނަލްތަކެއް ދިރާގު ޓީވީ އަށް އިތުރުކޮށް، މި ހިދުމަތް ފުޅާ ކުރެވިގެން ދާނެ،” ދިރާގުގެ މެނޭޖަ މާކެޓިން، ބްރޯޑްބޭންޑް އެންޑް ޑޭޓާ ސާވިސަސް މުހައްމަދު ފާހިރު ވިދާޅުވި ކަމަށް ބަޔާނުގައިވެ އެވެ.

މޯބައިލް ބްރޯޑްބޭންޑު އަދި ފިކްސްޑު ބްރޯޑްބޭންޑު ނެޓްވޯކު މެދުވެރިކޮށް ލިބޭ ދިރާގު ޓީވީގެ ހިދުމަތް ހޯދުމަށް، “ޕްލޭ” ޖަހާފައި 404 އަށް އެސްއެމްއެސް ކުރުމުން ޔޫޒާ ނޭމަކާއި ޕާސްވޯޑެއް ލިބޭނެ އެވެ. އެއަށް ފަހު، އެ މީހަކު ހިޔާރުކުރާ ޑިވައިސްއަކުން “ޕްލޭ.އެމްވީ” އަށް ވަނުމުން، ބޭނުންވާ ޗެނަލެއް ބެލޭނެ އެވެ.

“މި ހިދުމަތުގެ ފެށުން ފާހަގަކޮށް، ޕްރޮމޯޝަނެއްގެ ގޮތުގައި، ދިރާގު ހުރިހާ ކަސްޓަމަރުންނަށް މި ހިދުމަތް 28 ފެބުރުއަރީ 2015 ގެ ނިޔަލަށް މުޅިން ހިލޭ ހޯއްދެވޭނެ އެވެ،” ބަޔާނުގައިވެ އެވެ.

އެހެން ނަމަވެސް، މި ހިދުމަތް ބޭނުން ކޮށްގެން މިހާރު ބެލޭނެ ޗެނަލްތަކެއް ދިރާގުން ހާމައެއް ނުކުރެ އެވެ.

އިންޓަނެޓް ޓީވީގެ ހިދުމަތް ދިރާގުން ތައާރަފްކުރި ވާއިރު، މުވާސަލާތީ ހިދުމަތް ދޭ އަނެއް ކުންފުނި، އުރީދޫ އާއި މުޅި ރާއްޖެ އަށް ޓީވީގެ ހިދުމަތް ދިނުމުގެ ލައިސަންސް އޮންނަ ޕްލޭކާސްޓް މޯލްޑިވްސް ގުޅިގެން ފުރަތަމަ ފަހަރަށް ރާއްޖޭގައި އިންޓަނެޓް ޓީވީގެ ހިދުމަތް ދޭން އިއްޔެ ވަނީ ފަށާފަ އެވެ. / ހަވީރު އޮންލައިން

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.