ދިވެހިރާއްޖޭގެ އެންމެ ކުރިއަރާފައިވާ މުއާސަލާތީ ހިދުމަތްދޭ ކުންފުނި، ދިރާގުން މުޅިރާއްޖެއަށް ބްރޯޑްބޭންޑް ހިދުމަތް ދިނުމަށް ހިންގާ ޕްރޮގްރާމުގެ ދަށުން މި އަހަރު ނިމުމުގެ ކުރިން 3ޖީ ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
“ރާއްޖޭގެ އާބާދީގެ %100އަށް ދިރާގު 3ޖީގެ ހިދުމަތް ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން އަރުވަމުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގަ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 3ޖީގެ ހިދުމަތް ފޯރުކޮށްދޭނަން. މިހާރުވެސް ދިރާގު މޯބައިލް ބްރޯޑްބޭންގެ ހިދުމަތް ފުޅާ ކުރުމަށް މަލްޓިމިލިއަން ޑޮލަރުގެ އިންވެސްޓްމެޓްތައް ކޮށް، އަޅުގަނޑުމެންގެ ނެޓްވޯކު، ދިވެހިންގެ ނެޓްވޯކު މިވަނީ ވަރަށް ފުރިހަމަ ކުރެވިފަ. އެގޮތުން އަޅުގަނޑު ފަހުރުވެރިކަމާއި އެކު ދަންނަވާ ހިތްވަނީ މީހުން ދިރިއުޅޭ ކިތަންމެ ކުޑަރަށެއް ނަމަވެސް މި އަހަރު ނިމުމުގެ ކުރިން ދިރާގު 3ޖީގެ ހިދުމަތް ލިބިވަޑައިގަންނަވާނެ. ދިރާގުގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް އެންމެ ފުރިހަމައަށް ޒަމާނީ ހިދުމަތް ފޯރުކޮށްދީ ކުރެވޭ ޕްލޭނާއި އެއްގޮތައް ހިދުމަތް ކަސްޓަމަރުނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުން،” ދިރާގު ޗީފް އެގްޒެކެޓިވް އިސްމާއީލް ރަޝީދު ވިދާޅުވި އެވެ.
ދުނިޔޭގެ މަޝްހޫރު ބައިނަލް އަގުއާމީ ޓެކްނޮލޮޖީ ކުންފުނި ހުއާވޭ ކުންފުންޏާއި ވެވުނު އެއްބަސްވުމެއްގެ ދަށުން މިހާރު ވާނީ ދިރާގުގެ މުޅި 3ޖީ ނެޓްވާކު އަޕްގްރޭޑް ކުރެވި 4ޖީގެ ހިދުމަތްވެސް ތައާރަފްކޮށްފަ އެވެ.
ދިރާގުގެ މޮބައިލް ބްރޯޑްބޭންޑުގެ ހިދުމަތް ފުޅައު ކުރުމުގެ މަޝްރޫގެ ތެރެއިން، ވޭތުވެދިތަ އަހަރުވެސް ދިރާގުން ވާނީ ގިނަ ރަށްތަކަކަށް 3ޖީގެ ހިދުމަތް ފޯރުކޮށްދީ، އާބާދީގެ %95އަށް 3ޖީ ހިދުމަތް ކަވަރުކޮށްފަ އެވެ. އަދި އާބާދީގެ %50އަށް މިހާރުވާނީ 4ޖީ ގެ ހިދުމަތްވެސް ތައާރަފްކޮށްފަ އެވެ.
މީގެ އިތުރުން ކަސްޓަމަރުންނަށް އެންމެ ޒަމާނީ މުއާސަލާތީ ހިދުމަތް ގާތުން ފޯރުކޮށްދިނުމަށް، 1200 ކިލޯމީޓަރުގެ ދިގު ފައިބަރ އޮޕްޓިކް ސަބްމަރިން ކޭބަލް ސިސްޓަމަކުން މުޅިދިވެހިރާރަޢްޖެވެސް މިހާރު ވާނީ ގުޅުވާލާފައެވެ. ދިރާގުގެ މި ހިދުމަތް ފުޅާ ކުރުމުން ރާއްޖޭގެ ބޮޑެތި އެހެނިހެން ރަށްތަކޭ އެއްގޮތަށް ކުދިރަށްރަށުގައިވެސް ހައި ސްޕީޑް ބްރޯޑްބޭންޑް އިންޓަނެޓް ބޭނުންކުރުމުގެ ދޮރުހުޅުވިގެނދާނެ ކަމަށް ދިރާގުން ބުނެއެވެ. އެގޮތުން އިޖުތިމާއީ، އިޤްތިސާދީ، އަދި ކިޔެވުމާއި ސިއްހީދާއިރާއާއި، ޒުވާނުން ބިނާކުރުމަށްކުރެވޭ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް ދިރާގުން ބުނެ އެވެ.
ދިރާގުން ބުނީ އެ ކުންފުނީގެ މޯބައިލް ބްރޯޑްބޭންޑުގެ ހިދުމަތް ފުޅާ ކުރުމާއެކު ފަސޭހަކަމާއިއެކު ސްމާޓް ފޯނުތަކާއި، ޓެބްލެޓާއި ލެޕްޓޮޕް އަދި ޕާސަނަލް ކޮމްޕިއުޓަރުތައް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ހަލުއިކަމާއި އެކު އިންޓަނެޓުގެ ހިދުމަތް ބޭނުންކޮށްލެއްވޭނެ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ދިރާގުން ވަރަށް ދުރާލާ ރޭވުންތެރިކަމާއިއެކު ކުރިއަށް ގެންދާ މަލްޓިމިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއުއެއްގެ އެންމެ ފަހުގެ މަރުހަލާ ކަމަށްވެސް ދިރާގުން ބުންޏެވެ.
މުޅިން ފޭކު. މިއަހަރުވެސް ހަމަ ނިމިގެންދާނީ. 3 ޖީއެއް ނުލިބޭނެ.