ވީސީއީސީ: ފަހަށް ބެލުމެއްނެތި ހަލުވިކަމާއެކު ކުރިއަށް!

ވީސީއީސީ ހުޅުމުގެ ރަސްމިއްޔާތުގެ ތެރެއިން
ވީސީއީސީ ހުޅުމުގެ ރަސްމިއްޔާތުގެ ތެރެއިން

 

އޭދަފުށީގައި ނުވަތަ ބ. އަތޮޅުގައި ތިބެގެން ޔުނިވަސިޓީ ތައުލީމު ހާސިލުކުރަން ބޭނުން ހެއްޔެވެ؟ މި ސަރަހައްދުގައި ހުރެގެން އެންމެ ރަނގަޅަށް އެ ފުރުސަތު ލިބޭނީ ކޮންތާކުން ހެއްޔެވެ؟ މިވަގުތު މިރަށުގައި ނުވަތަ މި އަތޮޅުގައި ތިބެގެން މަތީ ތައުލީމާ މެދު ވިސްނާ ނަމަ އެންމެ ފުރަތަމަ ހިޔާލަށް އަންނާނެ އެއް ތަނަކީ ވިލާ ކޮލެޖު އޭދަފުށީ ކެމްޕަހެވެ.

ވިލާ ކޮލެޖު އޭދަފުށީ ކެމްޕަސް ގާއިމުކުރިތާ މިއަދަށް ދެ އަހަރު ފުރޭއިރު މިހާރު އެއީ ވިލާ ކޮލެޖުން އަތޮޅު ތެރޭގައި ގާއިމުކުރި ކެމްޕަސްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކެމްޕަހެވެ.

ވިލާ ކޮލެޖު އޭދަފުށީ ކެމްޕަހުގެ މެނޭޖަރު އަބްދުލްމަތީން އަބްދުއްސައްތާޜު ވިދާޅުވި ގޮތުގައި ފެބްރުއަރީ 4، 2013 ގައި އޭދަފުށީގައި ވިލާ ކޮލެޖުގެ ކެމްޕަހެއް ހުޅުވުން ވެގެން ދިޔައީ މިރަށުގައި މަތީ ތައުލީމު ހާސިލުކުރަން ބޭނުންވެފައިވާ ދަރިވަރުންނަށާއި އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ރަށުގައިތިބެ، ތައުލީމު ހާސިލުކުރުމަށް ލިބިގެންދިޔަ ރަނުގެ ފުރުސަތަކަށެވެ.

މަތީން ވިދާޅުވީ އޭދަފުށީގައި މަތީ ތައުލީމު ހާސިލުކުރެވޭގޮތަށް ހުޅުވުނު ފުރަތަމަ ކެމްޕަސް ހުޅުވުމާއެކު އެ ކެމްޕަހަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އެގޮތުން 2013 ވަނަ އަހަރު ފުރަތަމަ ސިމެސްޓާގައިި ސެތްފިކެޓް ލެވެލްގެ އަދި ފައުންޑޭޝަން ލެވެލް ކޯސްތަކުގައި 75 ކުދިންވަނީ ބައިވެރިވެފަ އެވެ. އަދި އެ އަހަރުގެ ދެވަނަ ސިމެސްޓާގައި މި ކޯސްތަކުގެ އިތުރުން ބެޗެލާސް ޑިގްރީ އެ ކެމްޕަހުގައި ކިޔަވައިދޭން ވަނީ ފަށައިފަ އެވެ. އަދި އެއް ސެމެސްޓާއަށްފަހު އަނެއް ސެމެސްޓާއަށް ގިނަ ކޯސްތައް އިތުރުވަމުންގޮސް ކުދިންގެ އަދަދުވެސް ދިޔައި އިތުރުވަމުންނެވެެ.

އެގޮތުން މިހާރު އެ ކެމްޕަހުގައި އަންނަނީ ޑިޕްލޮމާ އާއި ޑިގްރީ އަދި މާސްޓާޒް ލެވެލްގެ ކޯސްތައް ހިންގަމުންނެވެ. އެ ކެމްޕަހުން ބުނި ގޮތުގައި އެތަނުން މިހާތަކަށް 104 ދަރިވަރުން ސެޓްފިކެޓް 3ގެ އަދި ފައުންޑޭޝަން ޕްރޮގްރާމު ނިންމާ ވަނީ ގްރެޖުއޭޓް ވެފަ އެވެ. އެކޮލެޖުން މިހާރު މިސްރާބު ޖަހާފައި ހުރީ ތަފާތު ދާއިރާތަކުގެ ކޯސްތައް ފެށުމަށެވެ.

“މި ކެމްޕަހުގެ ކިޔަވާ ދަރިވަރުން އަންނަނީ ފާހަގަ ކޮށްލެވޭ ކަހަލަ ކާމިޔާބީތައްވެސް ހޯދަމުން. އެގޮތުން ކޮންމެ ސިމެސްޓައެއްަގއިވެސް މި ކެޕްހުގެ ބައެއް ދަރިވަރުން ޓޮޕް އެޗީވާސްގެ ތެރޭގައި ހިމެނޭ”

މަތީން ވިދާޅުވީ މިއަހަރު އެ ކެމްޕަހުން މުޅިން އަލަށް އާލީ ޗައިލްޑް ހުޑް އޭޑިޔުކޭޝަން ޕްރޮގްރާމެއް ފަށާފައިވާ ކަމަށެވެ. އަދި ފެބްރުއަރީ އިންޓޭކުގައި ބިޒްނަސް އާއި އައިޓީ ދާއިރާގެ ސެޓެފިކެޓް ލެވެލްގެ ކޯސްތަކަށް އެ ސެންތަރުންވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

“ރަށުން ބޭރުން އަންނަ ކުދިންގެ ކޯސްތައް ހަފްތާ ބަންދުގައި ހިންގައި އަދި ބްލޮކް މޯޑުގައިވެސް މިގޮތަަށް ހަމަޖެހިފައިވާތީ އެ ކުދިންނަށް ވަޒީފާގެ ސަބަބުން އަދި ތަންތަން ހޯދައިގެން އޭދަފުށީގައި ތިބުމަށް އުނދަގޫތަކެއް ކުރިމަތިނުވާގޮތަށް ވިސްނާފަ ކްލާސްތައް ރާވަނީ”

ދިރާސީ އާ އަހަރާއެކު ކެމްޕަހުގެ ކިޔެވުން ފެށޫނުއިރު އެ ކެމްޕަސްގައި ދަނީ މުޅިއެކު 92 ދަރިވަރުން ތައުލީމު ހާސިލުކުރަމުންނެވެ.

މަތީން ވިދާޅުވީ ވިލާ ކޮލެޖު އޭދަފުށީ ކެމްޕަހުގެ އަމާޒަކީ ފަހަށް ބެލުމެއްނެތި ހަލުވިކަމާއެކު ކުރިއަށްދާ ފެންވަރު ރަނގަޅު ތައުލީމު ފޯރުވައިދޭ ތަނަކަށް ހެދުން ކަމަށެވެ.

އީޓީން އެދެނީ ވިލާ ކޮލެޖު އޭދަފުށީ ކެމްޕަހަށް ފަހި ކުރިއެރުމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.