ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ހުޅުމީދޫ ކޯގަންނު ސަރަހައްދަށް ފުރިހަމަކަމެއް!

 ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފް ކުރި  ‘އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު’ ގެ ދަށުން ތާރީޚީ ގޮތުން މުހިންމު އައްޑޫ ހުޅުމީދޫގެ ކޯގަންނު ސަރަހައްދުގައި ހިމެނޭ ރާފަޅާ ބީޗް ތަރައްގީކޮށްފިއެވެ. މިތަނަށް ޒިޔާރަތް ކުރާ މީހުންނާއި މިރަށުގެ ރައްޔިތުންނަށް ވަގުތު ހޭދަކޮށްލަން ހިތްފަސޭހަ މައިޒާނެއް މިވަނީ ގާއިމްކޮށްފައެވެ. މި މައިޒާނުގައި ބެންޗާއި ހަޓް އަދި އުނދޯލި ހިމެނެއެވެ.

“ތާރީހީ ގޮތުން މުހިންމު “ކޯގަންނު” ބަލަން ޒިޔާރަތްކުރާ މީހުންނަށް މަޑުކޮށްލެވޭނެ ހިތްފަސޭހަ މައިޒާނެއް މިވަނީ މި ޕްރޮޖެކްޓެކްގެ ދަށުން ތަރައްގީކުރެވިފަ. މުޅި ޕްރޮޖެކްޓް ހިންގާފައި މިވަނީ މި ރަށުގެ އަންހެނުން އިސްނެގުމާއި އަމަލީ މަސައްކަތުންކަން ވަރަށް ބޮޑަށް ފާހަގަކުރަން. ރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ މީހުން ބޭނުންކުރުމަށް މިފަދަ ހިތްފަސޭހަ މައިޒާނެއް ތަރައްގީ ކުރުމަށް އެހީތެރިވެވުމަކީ އަޅުގަނޑުމެނަށް ލިބުނު ވަރަށް ބޮޑު އުފަލެއް.” ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވިއެވެ.

“މިރަށަށް އަންނަ ކޮންމެ މީހަކު މި ތަނަށް [ކޯގަންނަށް] ނައިހެއް ނުދޭ. މީގެ އަހަރުތަކެއް ކުރިން މިތަން އޮންނަނީ ވާ ހެދިފައި ފަޅުކޮށް. އަޅުގަނޑުމެން ބޭނުންވީ މިތަނަށް ޒިޔާރަތްކުރާ މީހުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުން. އަމިއްލައަށް ފައިސާ އެއްކޮށްގެން މަސައްކަތް ކުރަން ޖެހުމުން، އެތަން ހިތްފަސޭހަ ކުރުމުގެ މަސައްކަތް ބޭނުންވާ ދުވެލީގައި ކުރިއަށް ގެންދެވޭ ގޮތް ނުވެފަ އޮތްވާ ބީއެމްއެލްގެ އެހީތެރިކަން ލިބުނީ. މިއީ އަންހެނުންގެ އިސްނެގުމެއް. އަދި މުޅި މަސައްކަތް ފުރިހަމަކުރީވެސް ހަމަ އަޅުގަނޑުމެން އަންހެންނުން. ” މި ޕްރޮޖެކްޓްގައި އެންމެ އިސްކޮށް މަސައްކަތް ކުރި ފަރީދާ އިބްރާހިމް ވިދާޅުވިއެވެ.

ރާ ފަޅާ ބީޗް” މިހާރުވެފައި ވަނީ، އަންހެނުންނާއި މެދު އުމުރާއި އުމުރުން ދުވަސްވީ މީހުން އެއްވެ، އިޖްތިމާއީ އެއްވުންތައް ބާއްވާ ތަނަކަށެވެ. ސިއްހީ ކަންކަމާއި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް މީހުން ހޭލުންތެރި ކުރުމުގެ ސެޝަންތައް އެތަނުގައި ބާއްވަމުންދެއެވެ. އަދި ހާއްސަ ދުވަސްތައް ފާހަގަ ކުރުމުގެ ގޮތުން ކެއުމާއި ސައިވެސް ބާއްވައެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކަށް މިއަހަރުގެ ކޮންމެ ކުއާޓަރ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ކަނޑައަޅައިގެން ހިންގޭ ޕްރޮގްރާމެކެވެ. މި ގޮތުން ބީއެމްއެލް އިން ވަނީ މިވޭތުވެދިޔަ 2019 ވަނަ އަހަރުތެރޭ ވަނީ 20 ރަށެއްގައި ޕްރޮގްރާމް ހިންގުމަށް އެއްމިލިއަން ރުފިޔާ ހޭދަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.