ގުރޫޕްގެ ދެވަނަ ޓީމުގެގޮތުގައި ރޯޔަލް ކުއާޓާ އަށް ދިޔައިރު ކިހާދު ކަޓައިފި

ކިހަވައް ސްޓްރައިކާސް އާއި ޓީމް ރޯޔަލް ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ: އަބޫ ޔައުލާ
ކިހަވައް ސްޓްރައިކާސް އާއި ޓީމް ރޯޔަލް ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ: އަބޫ ޔައުލާ

އަލްމަރުހޫމް އަހްމަދު ޝާހީން ފުޓްސަލް ޗެލެންޖުގައި ގުރޫޕް އޭގެ ދެވަނަ ޓީމުގެގޮތުގައި ޓީމް ރޯޔަލް ކުއާޓާ އަށް ދިޔައިރު ކިހާދު މޯލްޑިވްސް މުބާރާތުން ކަޓައިފި އެވެ.

މިއަދު ހަވީރު ކުޅެވުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ އަނަންތަރާ ކިހަވައް ސްޓްރައިކާސް އާއި ކިހާދު މޯލްޑިވްސް އެވެ. 6-0 ގެ ބޮޑު ތަފާތަކުން މިމެޗު ކާމިޔާބުކުރީ ކިހަވައް ސްޓްރައިކާސް އެވެ. މެޗުގައި ކިހަވައް ސްޓްރައިކާސް އަށް އަބްދުﷲ ވާއިޒާއި އަހުމަދު ހުސައިން ދެގޯލު ކާމިޔާބު ކޮށްދިންއިރު އިސްމާއިލް ޝާކިރާއި ހުސައިން ނަޒީހް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްގޯލު ކާމިޔާބު ކޮށްދީފަ އެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، ކިހަވައް ސްޓްރައިކާސްގެ އަހުމަދު ހުސައިނެވެ.

ދެވަނަ މެޗުގައި ބައްދަލުކުރީ ފެއިމްސް ޔުނައިޓެޑާއި ޓީމް ރޯޔަލް އެވެ. ދެޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނުނު މިމެޗު ނިމިގެން ދިޔައީ 5-5 އިން އެއްވަރުވެގެންނެވެ. ސާމީ އިބްރާހީމްގެ ދެގޯލާއި މުހައްމަދު ރިޔާޒުގެ ގޯލުތަކުން ޓީމް ރޯޔަލް ފުރަތަމަ ހާފު ނިންމާލި 3-0 އިންނެވެ. ދެވަނަ ހާފުގެ ފުރަތަމަ ދިހަމިނިޓުގެ ތެރޭގައި އަލީ ޒުބައިރާއި، މުހައްމަދު ފާސިރު (ފާއްޓޭ) ގެ އިތުރުން އަހުމަދު އަޝްހަމްގެ ގޯލްތަކުން ފެއިމްސް ޔުނައިޓެޑު މެޗުގެ ނަތީޖާ ހަމަހަމަ ކުރިއިރު އިޝާން އިބްރާހީމް (ސައްޓު) ވަނީ ފުރަތަމަ ފަހަރަށް ފެއިމްސް ޔުނައިޓެޑަށް ލީޑު ނަގައިދީފަ އެވެ. މިގޯލު ޖެހިތާ މިނިޓެއް ވެސް ނުވަނީސް މުހައްމަދު ރިޔާޒް ވަނީ ޓީމް ރޯޔަލް އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އަދި މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން އަލީ ޒުބައިރު ފެއިމްސް ޔުނައިޓެޑަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފައި ވަނިކޮށް މެޗުގެ އެންމެ ފަހު މިނިޓުގައި އަހުމަދު ނިހާން ވަނީ ލަނޑެއް ޖަހާ، ރޯޔަލް ބަލިނުވެ ސަލާމަތް ކޮށްދީފަ އެވެ. މިމެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ ޓީމް ރޯޔަލްގެ އަނަސް މުހައްމަދެވެ.

ގުރޫޕް އޭގެ ޕޮއިންޓް ތާވަލް
ގުރޫޕް އޭގެ ޕޮއިންޓް ތާވަލް

މި ގުރޫޕްގެ މެޗުތައް މިއަދު ނިމުނުއިރު ހަތް ޕޮއިންޓާއެކު ފެއިމްސް ޔުނައިޓެޑަށް ގުރޫޕްގެ އެއްވަނަ ލިބޭއިރު ޓީމް ރޯޔަލް އަށް ދެވަނަ ލިބެނީ ހަތަރު ޕޮއިންޓާއެކު އެވެ. އަދި ކިހަވައް ސްޓްރައިކާސް އާއި ކިހާދު މޯލްޑިވްސް އަށް ތިން ޕޮއިންޓް ލިބިފައި ވިއަސް ކިހަވައް ސްޓްރައިކާސް އަށް ތިންވަނަ ލިބެނީ ފައިދާ ގޯލުންނެވެ. މި ނަތީޖާއާއެކު ފެއިމްސް ޔުނައިޓެޑާއި ޓީމް ރޯޔަލް އަށް ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުވިނަމަވެސް ކިހަވައް ސްޓްރައިކާސްއިން ކުއާޓާގެ ޖާގައަކަށް ޖެހެނީ މާދަމާގެ މެޗުތައް ނިމެންދެން އިންތިޒާރު ކުރާށެވެ. އެއީ ޖުމްލަ 8 ޓީމަށް ކުއާޓާގެ ޖާގަ ލިބޭއިރު ކޮންމެ ގުރޫޕެއްގެ ގަދަ ދެޓީމުގެ އިތުރުން ކުއާޓާގެ ބާކީ ދެޖާގަ ލިބޭނީ ކޮންމެ ގުރޫޕެއްގެ ތިންވަނައަށްދާ ޓީމުތަކުން އެންމެ ނަތީޖާ ރަގަޅު ދެޓީމަށްކަމުގައި ވާތީ އެވެ.

މާދަމާ ހަވީރު މިމުބާރާތުގައި ކުޅެވިގެންދާނީ ގުރޫޕް ސްޓޭޖުގެ އެންމެ ފަހު ދެމެޗެވެ. ފުރަތަމަ މެޗުގައި ގުރޫޕް ސީގެ އަމިއްލަފުށްޓާއި ވެލިގަނޑު އައިލެންޑް ރިސޯޓް ބައްދަލުކުރާއިދު ދެވަނަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް ބީގެ ސޮނެވާފުށި ރިސޯޓާއި އެފްއެސް ލަނޑާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.