ސެމީގެ ފަހުޖާގަ ޔުނައިޓެޑް ވީ އާއި ސޮނެވާއަށް

ސޮނެވާ އާއި ވެލިގަނޑު މިއަދު ބައްދަލުކުރި މެޗުގެ ތެރެއިން – އީޓީ ފޮޓޯ: އަބޫ ޔައުލާ
ސޮނެވާ އާއި ވެލިގަނޑު މިއަދު ބައްދަލުކުރި މެޗުގެ ތެރެއިން – އީޓީ ފޮޓޯ: އަބޫ ޔައުލާ

އަލްމަރުހޫމް އަހްމަދު ޝާހީން ފުޓްސަލް ޗެލެންޖުގައި ސެމީ ފައިނަލުގެ ފަހު ދެޖާގަ ޔުނައިޓެޑް ވީ އާއި ސޮނެވާފުށި ރިސޯޓުން ހޯދައިފި އެވެ.

މިއަދު ހަވީރު ކުޅެވުނު ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި ވެލާ ސިޓީއާ ވާދަކޮށް 3-1 އިން މޮޅުވީ ޔުނައިޓެޑް ވީއެވެ. މުހައްމަދު އަޖުފާން ވެލާ ސިޓީ އަށް ލީޑުނަގައިދީފައި ވަނިކޮށް ޔުނައިޓެޑް ވީއިން ވަނީ ފަހަތުންއަރާ، ތިން ލަނޑު ކާމިޔާބު ކޮށްފައެވެ. މި ލަނޑުތައް އެޓީމަށް ކާމިޔާބު ކޮށްދިނީ އަލީ އާސިފާއި ހުސައިން ފާސިރެވެ. މެޗުގެ މޮށުކުޅުންތެރިއަކަށް ހޮވުނު، ޔުނައިޓެޑް ވީގެ އަލީ އާސިފް ވަނީ މިއަދުގެ މެޗުގައި އެޓީމަށް ދެގޯލު ކާމިޔާބު ކޮށްދީފައެވެ.

ކުއާޓާގެ ފަހު މެޗުގައި ބައްދަލުކުރީ ވެލިގަނޑު އައިލެންޑް ރިސޯޓާއި ސޮނެވާފުށި ރިސޯޓެވެ. ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން މިމެޗުގައި ދެޓީމު އެއްވަރުވިއިރު، ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި ސޮނެވާއިން ވެލިގަނޑުގެ މައްޗަށް ކުރިހޯދީ 3-2 އިންނެވެ. އިބްރާހީމް ޒާހިރު ވެލިގަނޑަށް ފުރަތަމަ ލީޑުނަގައިދީފައި ވަނިކޮށް ސޮނެވާފުށްޓަށް ނަތީޖާ ހަމަހަމަކޮށްދިނީ މުހައްމަދު ޝިޔާމެވެ. މެޗުގައި ދެވަނަފަހަރަށް ވެލިގަނޑަށް ލީޑުނަގައިދިނީ ދެވަނަ ހާފުގައި އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ) އެވެ. ނަމަވެސް މެޗުގެ އެންމެ ފަހު ސިކުންތުގައި ސޮނެވާފުށީގެ ގޯލްކީޕަރު އާދަމް ނިޒާމް (ކިތުނާ) ވަނީ ލަނޑެއްޖަހާ، ޓީމުގެ އުއްމީދު އާކޮށްދީފަ އެވެ.

ސޮނެވާފުށިންޖެހި ޕެނަލްޓީތަކަށް ބަލައިލާއިރު އަޒްމީން އަބްދުލް ސައްތާރު ޖެހި ޕެނަލްޓީ ވެލިގަނޑުގެ ކީޕަރު ދިފާއު ކުރިއިރު، މުހައްމަދު ރަޝީދާއި އިބްރާހީމް މާޖިދު އަދި ކީޕަރު ކިތުނާވަނީ ޕެނަލްޓީތައް ކާމިޔާބު ކޮށްފައެވެ. ވެލިގަނޑުން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ކާމިޔާބުކުރެވުނީ ހައްސާން އަބްދުލް ލަތީފް (ބޮބީ) އާއި އިބްރާހީމް ޒާހިރުގެ ޕެނަލްޓީއެވެ. ޝާފިއު މުހައްމަދު (ފިއްޓޭ) ގެ ޕެނަލްޓީ ސޮނެވާގެ ކީޕަރު ދިފާއު ކުރިއިރު ހައްސާން އަބްދުލް ޝުކޫރު ޖެހި ޕެނަލްޓީ ދިޔައީ ބޭރަށެވެ. މިމެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދީ ސޮނެވާފުށީގެ ގޯލްކީޕަރު އާދަމް ނިޒާމް (ކިތުނާ) އެވެ.

ސެމީފައިނަލުގެ ދެމެޗު ވެސް މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައި ވާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޓީމް ރޯޔަލް އާއި ޔުނައިޓެޑް ވީ އެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ވޭތުވެދިޔަ އަހަރު މިމުބާރާތުގެ ޗެމްޕިއަންކަން ހޯދި ފެއިމްސް ޔުނައިޓެޑާއި ސޮނެވާފުށި ރިސޯޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.