ހެޔޮ ގޮތުގައި އިންޓަނެޓް ބޭނުން ކުރަން ކުދިންނަށް ދަސްކޮށް ދެނީ

0_14242643931_news

ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުން ކުރާނެ ގޮތް ކުޑަކުދިންނަށް ދަސްކޮށްދިނުމަށް ހާއްސަ ކެމްޕޭނެއް މިއަދު ފަށައިފި އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރަން މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އާކުން އިސްނަގައިގެން، ދިރާގާއި މީޑިއާނެޓާ އެކު ކުރިއަށް ގެންދާ “ސާފް ސްމާޓް” ކެމްޕޭނުގެ ބޭނުމަކީ، އާކްގެ އެގެޒެކްޓިވް ޑިރެކްޓަރު ޒެނީޝާ ޒަކީ ވިދާޅުވި ގޮތުގައި، އިންޓަނެޓުން ކުރާ ނުރަނގަޅު އަސަރުތަކުން ކުދިން ދުރުކުރުމާއި އިންޓަނެޓް ބޭނުންކުރާނެ ރައްކާތެރި ގޮތްތައް ބުނެ ދިނުމެވެ.

ޒެނީޝާ ވިދާޅުވީ، އެއް އަހަރު ދުވަހަށް ހިންގާ މި ކެމްޕޭނުގައި، އިންޓަނެޓްގެ ވައިރަސްތަކާ ބެހޭ މައުލޫމާތު ދިނުމާއި އިންޓަނެޓްގެ ޒަރިއްޔާ އިން ދިމާވާ ނުރަނގަޅު ކަންކަމުން ރައްކާތެރި ކުރުމާއި ރައްކާތެރި ވިއުގަތައް ގާއިމުކުރުމުގެ އިތުރުން ރައްކާތެރި ގޮތުގައި މައުލޫމާތު ހޯދާނެ ގޮތްތައް ދަސްކޮށްދޭނެ ކަމަށެވެ.

“ވަރަށް ކުޑަ ކުޑައިރު ވެސް އިންޓަނެޓް ބޭނުންކުރުން މިހާރު ވަނީ އާންމުވެފައި. އެހެންވީމާ އަޅުގަނޑުމެންގެ އުއްމީދަކީ އިންޓަނެޓް މެދުވެރިކޮށް އެ ކުދިންގެ އުމުރާ ގުޅޭ ގޮތުން އިންޓަނެޓް ބޭނުން ކުރާނެ ގޮތް ދަސްކޮށް ދިނުން،” ކެމްޕޭނުގެ އެއްބަސްވުމުގައި ތިން ޕާޓްނަރުންގެ މެދުގައި ސޮއިކުރުމަށް ފަހު، ޒެނީޝާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ކްމެޕޭނުގެ ދަށުން ހެޔޮ ގޮތުގައި އިންޓަނެޓް ބޭނުންކުރަން ކުދިންނަށް ދަސްކޮށް ދިނުމަށް ބޭނުންވާ މައުލޫމާތު ބެލެނިވެރިންނާއި ޓީޗަރުންނަށް ވެސް ދޭނެ ކަމަށެވެ. އަދި މީޑިއާ ކޭމްޕެންނެއް ވެސް ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިރާގުގެ އެސިސްޓެންޓް މެނޭޖަ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް، އިބްރާހިމް އިމްޖާދު ޖަލީލު ވިދާޅުވީ މި ކެމްޕޭނުގައި ދިރާގުން ބައިވެރިވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރަން އެހީތެރިވުމުގެ އިތުރުން، އިންޓަނެޓަކީ “ތަރައްގީ އާއި ކުރިއެރުމަށް ބޭނުން ކުރެވޭނެ ވަސީލަތެއްކަން އާންމުންނަށް ބުނެދިނުމަށް” ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.