“ދައުވާ ސާބިތުވެއްޖެނަމަ އެމްއެންޑީއެފް ވާނީ ޓެރަރިސްޓް ޖަމާއަތަކަށް”

އެމްޑީޕީން މިރޭ ބޭއްވި އެއްވުމުގައި އަލީ ހުސައިން ވާހަކަ ދައްކަވަނީ. --ހަވީރު ފޮޓޯ ނިޝާން އަލީ
އެމްޑީޕީން މިރޭ ބޭއްވި އެއްވުމުގައި އަލީ ހުސައިން ވާހަކަ ދައްކަވަނީ. –ހަވީރު ފޮޓޯ ނިޝާން އަލީ

 

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެއްޖެނަމަ އެ ހުކުމާއެކު ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް)އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅިގެންދާނެ ކަމަށް މަޝްހޫރު ގާނޫނީ ވަކީލް އަދި މިއަތޮޅު ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރު އަލީ ހުސައިން މިހެން ވިދާޅުވީ “ތިން ފަނޑިޔާރުންގެ ހުކުމް!” މިނަމުގައި މާލެ ސިޓީ ކައުންސިލް ގޯތިތެރޭގައި ރޭ ބޭއްވި ޖަލްސާގަ އެވެ.

އަލީ ހުސައިން ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް މިހާރު އުފުލާފައިވާ ޓެރަރިޒަމް ދައުވާ ސާބިތުވެއްޖެނަމަ އެމްއެންޑީއެފް ޓެރަރިސްޓް އޮގަނައިޒޭޝަނެއްގެ ގޮތުގައި ކަނޑައެޅިގެން ދަނީ ސުޕްރީމް ކޯޓުން މީގެ ކުރިން ނެރެފައިވާ “ރޫލިން” އަކާއި ގުޅިގެން ކަމަށެވެ. އެ ރޫލިންގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރެއްވީ ދިވެހި ސިފައިންގެ ފަރާތުން ޖިނާއީ އިޖުރާތުތަކާއި އުސޫލުތަކާއި ހިލާފަށް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ ރޫލިންގައި އަބްދުﷲ ގާޒީ އޭރު ހުންނެވީ ހައްޔަރުކޮށްފައި ކަން އިނގޭ ކަމުގައިވެސް އަލީ ވިދާޅުވި އެވެ.

“ނިންމެވުމުން އަޅުގަނޑުމެންނަށް ސާބިތުވޭ ދެކަމެއް. ފުރަތަމަ ކަމަކީ އަބްދުﷲ ގާޒީ ހައްޔަރުކޮށްފައިވަނީ އެމްއެންޑީއެފުން ކަން. ދެވަނައަށް އަޅުގަނޑުމެންނަށް އެއިން އިނގޭ ފިލާވަޅަކީ ނުވަތަ ސާބިތުވާ ކަމަކީ އެއީ ހައްޔަރުކުރެވިފައިވާ ހައްޔަރުކުރެވުމެއް ކަން… އެއޮތީ ރޫލިންއެއް ނެރުއްވާފައި އެއީ ޓެރަރިޒަމް ނޫން ކަމަށް އޮތީ ކަނޑައަޅުއްވާ ނިންމަވާފައި. ދެން ކޮން ދައުވާއެއްތޯ ތިޔަ ކުރައްވަނީ؟،” އަލީ ހުސައިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއެންޑީއެފަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅިގެން ހިނގައްޖެނަމަ އެކަމުގެ ސަބަބުން އެކަމުގައި ބޭރުގެ ގައުމުތަކުން ދެކޭ ގޮތާއި ގުޅިގެން ދިވެހިރާއްޖޭގެ އިގްތިސޯދަށް ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ އެހުކުމާއި ގުޅިގެން ދިވެހި ސިފައިންގެ ތަމްރީންތަކަށާއި ސިފައިންނަށް ބޭނުންވާ ތަކެތި ހޯދުމަށްވެސް ބޮޑެތި ދަތިތަކެއް ދިމާވާނެ ކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ އެމްއެންޑީއެފްގައި މަސައްކަތް ކުރާ ގިނަ ބޭފުޅުންނަކީ ގާނޫނު އަސާސީއާ ގާނޫނުތަކަށް އިހްތިރާމް ކުރާ އަދި ގައުމު ދެކެ ލޯބިވާ ބޭފުޅުން ކަަމަށެވެ. ދިވެހި ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން މިއަދުގެ ސަރުކާރުގެ ފުރިހަަމަ ބާރުގެ ދަށަށް ނުގެންދެވި އޮތް ހަމައެކަނި މުއައްސަސާއަކީ އެމްއެންޑީއެފް ކަމަށާއި އެހެންކަމުން މިއަދުގެ ސަރުކާރުން ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ބޭނުމަކީ އެމްއެންޑީއެފްގެ އަގުވައްޓާލާ އެތަނަށް ސަރުކާރުގެ ފުރިހަމަ ބާރުން ހިންގުން ކަމުގައިވެސް ވިދާޅުވި އެވެ.

“މިއަދުގެ ސަރުކާރުން ޕްރޮސެކިއުޓަ ޖެނަރަލާ ގުޅިވަޑައިގެން ކުރައްވަން އެ އުޅޭ ކަމަކީ ހަގީގަތުގައި ވަރަށް ބޮޑު ޖަރީމާއެއް. އެކުރައްވަން އެ އުޅޭ ކަމަކީ ދިވެހި ސިފައިންގެ އަގު ވައްޓާލުން. ކީއްކުރަންތޯ؟ ދިވެހި ސިފައިންގެ އަގުވައްޓާލަން ނުވަތަ އެމްއެންޑީއެފްގެ އަގުވައްޓާލަން އަދި އެމްއެންޑީއެފަކީ ޓެރަރިސްޓް އޮގަނައިޒޭޝަނެއް ކަމުގައި ހައްދަވަން މިއުޅެނީ އެމްއެންޑީއެފްގައި ތިއްބެވި ދިވެހި ގައުމު ދެކެ ލޯބިވާ ދިވެހި ވަޒަންދެކެ ލޯބިވާ ގާނޫނު އަސާސީއަށާއި ގާނޫނަށް ހުރުމަތްތެރިކޮށް ހިތާ ދިވެހި ސިފައިން އެ މަގާމުތަކުން ވަކިކޮށް އެމްއެންޑީއެފަކީ މިހާރު މިއޮތް ސަރުކާރު ބުނާހާ ގޮތަކަށް ހަދާ މުއައްސަސާއަކަށް ހެދުަމަށް،” އަލީ ހުސައިން ވިދާޅުވި އެވެ.

ހައިކޯޓުގެ ހުކުމަކަށް އިޝާރާތްކުރައްވާ އަލީ ހުސައިން ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް މިހާރުގެ ޕްރޮސެކިއުޓަ ޖެނަރަލް މުހުތާޒު މުހުސިނަށް ދައުވާ ވެސް ނުކުރެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ހައިކޯޓުގެ ހުކުމެއްގައި މައްސަލައެއްގެ ތަހުގީގަށް ހެކިބަސް ދީފައިވާ ބޭފުޅަކަށް އެމައްސަލައެއްގައި ބައިވެރި ނުވެވޭނެ ކަމަަށް ބުނެފައިވާ ކަމަށެވެ. އެގޮތުން ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި މިހާރުގެ ޕީޖީ މުހުތާޒާއި ނަޝީދުގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ދެ ފަނޑިޔާރަކު ތަހުގީގަށް ބަޔާން ދީފައިވާތީ އެ ބޭފުޅުންނަށް އެ މައްސަލަ ނުބެލޭނެ ކަަމަށާއި އަދި މިހާރުގެ ޕީޖީއަށް މައްސަލައިގައި ދައުވާ ވެސް ނުކުރެވޭނެ ކަމަށެވެ.

އަލީ ހުސައިން އިތުރަށް ވިދާޅުވީ އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވަންޖެހޭނެ ކަމަށެވެ. އެހެންނޫނީ ދިވެހިންނަށް މިއަދު ލިބިފައިވާ ހައްގުތައް ގެއްލިގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ. / ވީ ނިއުސް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.