
ދިވެހި ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން އޭދަފުށީގައި ގޭހުގެ ޚިދުމަތް ދޭން މިއަދު ފަށައިފި އެވެ.
މީގެ ދެ ހަފްތާއެއްހާ ކުރިން އޭދަފުއްޓަށް ގޭސް އެތެރެކުރުމަށް ފަހު 10 ކިލޯގެ ގޭސް ފުޅިއެއް ވިއްކަން ފަށާފައިވަނީ 280 ރުފިޔާ އަށެވެ. އަދި ފުރަތަމަ ގޭސް ފުޅިއާއެކު ސިލިންޑަރެއް ލިބެނީ 650ރ އަށެވެ.
މިރަށުގައި މިވަގުތު ގޭހުގެ ވިޔަފާރިކުރާ އަމިއްލަ ތިން ވިޔަފާރިވެރިންވެސް ގޭސް ވިއްކަމުންދަނީ ހަމަ މި އަގު ގަ އެވެ.
އެސްޓީއޯ އޭދަފުށީ ފިހާރައިން ބުނީ އެ ފިހާރަ ހުޅުވިފައި ހުންނަ ގަޑިތަކުގައި ކައުންޓަރަށް ފައިސާ ދެއްކުމުން ގޭސް ލިބޭނެ ކަމަށެވެ. އަދި ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތްވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް އެ ފިހާރައިން ބުންޏެވެ.
އެސްޓީއޯ އިން ގޭސް ވިއްކަމުންގެންދަނީ މިރަށު ރައްޔިތުންގެ ބާ އިންޖީނުގޭގަ އެވެ. ގޭހުގެ ވިޔަފާރި ފެށުމަށް އެ ކުންފުންނަށް ބާ އިންޖީނުގެ ކައުންސިލުން ވަނީ އެއް އަހަރުދުވަހަށް ހިލޭ ދީފަ އެވެ.
ކައުންސިލުން ބުނީ، އެސްޓީއޯއަށް ގޭހުގެ ވިޔަފާރި ފެށުމަށް އެބިން ހިލޭ ދިނީ، ފަހަކަށް އައިސް އޭދަފުށީގައި ގޭސް ލިބުމުގެ މައްސަލަ ވަރަށްބޮޑަށް ދިމާވެ އާންމުންގެ ޝަކުވާ ލިބެމުންދާތީ، އެ ކުންފުނިން މި މަސައްކަތް ފެށުމަށް މަގުފަހި ކުރުމުގެ ގޮތުން ކަމަށެވެ.