ކޮލިފައިންގައި ރާއްޖޭގެ ޒުވާން ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލި ވެއްޖެ

ލެބަނަންއާ ދެކޮޅަށް ކުޅުނު ރާއްޖޭގެ ޓީމުގެ ފުރަތަމަ އެގާރަ – ފޮޓޯ: އެފްއޭއްމް
ލެބަނަންއާ ދެކޮޅަށް ކުޅުނު ރާއްޖޭގެ ޓީމުގެ ފުރަތަމަ އެގާރަ – ފޮޓޯ: އެފްއޭއްމް

އޭއެފްސީ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު ކުޅުނު ފުރަތަމަ މެޗުން ރޭ ލެބަނަން އަތުން 2-1 އިން ބަލިވެއްޖެ އެވެ.

އޮމާނުގެ ވެރިރަށް މަސްކަޓުގައި ރޭ ކުޅުނު މެޗުގެ ހަތަރު ވަނަ މިނެޓުގައި ރާއްޖޭން ލީޑުނެގީ ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) ޖެހި ގޯލުންނެވެ. ލެބަނަން އިން 65 ވަނަ މިނިޓުގައި ނަތީޖާ ހަމަހަމަކުރިއިރު، މޮޅުވި ލަނޑު ޖެހީ 78 ވަނަ މިނެޓުގައެވެ.

ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ، ރޭގެ މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން މެޗު ފުރިހަމަ ކޮށްފަ އެވެ. އަދި އަހުމަދު ސުހައިލް (ބަންބުޗް) ވަނީ ދެވަނަ ހާފުގައި 61 ވަނަ މިނިޓުގައި، ޓީމުގެ ވައިސް ކެޕްޓަން މުހައްމަދު މުސްލިހްގެ ބަދަލުގައި ކުޅެން ނުކުމެފަ އެވެ. މިމެޗުގައި ހަމްޒާ އަށް ވަނީ ރީނދޫ ކާޑެއް ވެސް ދައްކައިފަ އެވެ. އަދި މިމެޗަކީ ސުހައިލް، ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމަށް ކުޅެދިން ފުރަތަމަ މެޗު ވެސް މެއެވެ.

ހަމްޕު އަތުން ބޯޅަ ހޯދަން ލެބަނަން ކުޅުންތެރިޔެއް މަސައްކަތް ކުރަނީ – ފޮޓޯ: އެފްއޭއްމް
ހަމްޕު އަތުން ބޯޅަ ހޯދަން ލެބަނަން ކުޅުންތެރިޔެއް މަސައްކަތް ކުރަނީ – ފޮޓޯ: އެފްއޭއްމް

މެޗަށްފަހު މީޑިޔާއާ ވާހަކަދައްކަމުން ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު އައްސަދު އަބްދުޢަނީ ބުނީ، ލުބްނާނުން އެޓީމުގެ އިސްކޮޅުން ދިގު ކުޅުންތެރިންގެ ފައިދާ ނެގި ކަމަށާއި، އެންމެ ބޮޑު މައްސަލައަކީ މި ފެންވަރުގައި ކުޅޭއިރު ތަޖުރިބާ ނެތުން ކަމަށެވެ. އަދި މުޅިޓީމު ދެއްކި ކުޅުމާ ދޭތެރޭ ފަހުރުވެރިވާ ކަމަށް ވެސް އައްސަދު ބުންޏެވެ.

ކޮލިފައިންގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި ބުދަ ދުވަހު ބަހްރެއިންއާ ދެކޮޅަށް ނުކުންނައިރު، ތިން ވަނަ މެޗުގައި ހުކުރު ދުވަހު ބައްދަލުކުރާނީ އިރާގާ އެވެ. އަދި އެންމެ ފަހު މެޗުގައި އަންނަ އާދިއްތަ ދުވަހު ނުކުންނާނީ އޮމާނާ ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.