ބަހުރޭން އަތުން ރާއްޖޭގެ ޒުވާން ޓީމު ބަލިވެއްޖެ

ހަމްޒާ ބަހުރޭނު ކީޕަރު ކައިރިން ނައްޓާލަން މަސައްކަތް ކުރަނީ. މިއީ މުޅި މެޗުގައިވެސް ރާއްޖޭގެ ޓީމަށް ލަނޑުޖަހަން ލިބުނު އެންމެ ރަގަޅު އެއް ފުރުސަތު. - ފޮޓޯ: އެފްއޭއްމް
ހަމްޒާ ބަހުރޭނު ކީޕަރު ކައިރިން ނައްޓާލަން މަސައްކަތް ކުރަނީ. މިއީ މުޅި މެޗުގައިވެސް ރާއްޖޭގެ ޓީމަށް ލަނޑުޖަހަން ލިބުނު އެންމެ ރަގަޅު އެއް ފުރުސަތު. – ފޮޓޯ: އެފްއޭއްމް

އޭއެފްސީ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެއްޖެ އެވެ.

އޮމާނުގެ ވެރިރަށް މަސްކަޓުގައި ރޭ ކުޅުނު މެޗުގައި ބަހުރޭން އަތުން ރާއްޖެ ބަލިވީ 3-0 އިންނެވެ. ފުރަތަމަ ހާފުގެ 20 ވަނަ މިނިޓުގައި ބަހުރޭނުން ލީޑު ނެގިއިރު ފަހު ދެގޯލު ފެނިގެން ދިޔައީ ދެވަނަ ހާފުގަ އެވެ. އެމީހުންގެ ތިންވަނަ ލަނޑަކީ މެޗު ނިމެން 2 މިނިޓަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ.

މިމެޗުގައި ހަމްޒާ މުހައްމަދު (ހަމްޕު) އާއި އަހުމަދު ސުހައިލް (ބަންބުޗް) ވަނީ ފުރަތަމަ ފަހަރަށް ދެމީހުން އެކުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފަ އެވެ. އަދި މިމެޗަކީ ސުހައިލް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗު ވެސް މެއެވެ.

ރާއްޖޭގެ ޓީމަށް ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބިފައިވަނީ މެޗުގެ ކުރީކޮޅު ހަމްޒާއަށެވެ. 31 ވަނަ މިނިޓިގައި މުޅިން ހުސްކޮށް ހުރެ ފޮނުވާލަން ލިބުނު ބޯޅަ، ކީޕަރު ކައިރިން ނައްޓާލަން އުޅުމުގެ ތެރޭގައި ބަހްރޭނުގެ ކީޕަރުވަނީ އެބޯޅައަށް ހުރަސްއަޅާފަ އެވެ. އަދި ދެވަނަ ހާފުގައި ސުހައިލް ވަނީ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށްފަހު، އަހުމަދު ރިޒުވާނަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސް ކޮށްދީފަ އެވެ. ނަމަވެސް ރިޒުވާނުގެ ހަމަލާވަނީ ގޯލާ އަމާޒުވާގޮތް ނުވެފަ އެވެ.

މެޗަށްފަހު ކޯޗު އައްސަދު އަބްދުޢަނީ ބުނީ، މެޗުން ބަލިވީ ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށާއި، ގޯލު ޖަހާނޭ ހުސް ފުރުސަތުތަކެއް ލިބުނު ނަމަވެސް މިފެންވަރުގެ ތަޖުރިބާ ނެތުމުގެ ސަބަބުން އެފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފޭގޮތް ނުވީ ކަމަށެވެ. އަދި ލިބުނު ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފުނުނަމަ ނަތީޖާ ތަފާތުވީސް ކަމަށަވެސް އައްސަދު ބުންޏެވެ.

ކޮލިފައިންގައި ރާއްޖެ ކުޅޭ ތިން ވަނަ މެޗުގައި ހުކުރު ދުވަހު ބައްދަލުކުރާނީ އިރާގާ އެވެ. އަދި އެންމެ ފަހު މެޗުގައި އަންނަ އާދިއްތަ ދުވަހު ނުކުންނާނީ އޮމާނާ ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.